މި ޒަމާނުގެ ތަރައްގީގެ ތައާރަފެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ނޭނގޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރޭ ވިދާޅުވެއްޖެ އެވެ.
ށ. ފޯކައިދޫގައި ވާހަކަ ދައްކަވަމުން އިބޫ ރޭ ވިދާޅުވީ، ތަހުޒީބު މުޖުތަމައުތަކުގައި ތަރައްގީ މިނެ ކިރަނީ ލިބޭ އާމްދަނީ އާއި ތަނުގަ އޮންނަ މަސްލަހަތާއި މިނިވަންކަމާއި ފުއްދުންތެރިކަމާއި ލިބޭ އެއްޗަކުން ދަރަނި ދެއްކުމުގެ މައްޗަށް ކަމަށެވެ.
"މިއިން އެއްވެސް ކަމެއްގައި ކޮންކްރީޓާއި ދަގަނޑުގެ ވާހަކައެއް ނާދޭ، ތަނުގައި އަމާންކަމާއި ހަމަޖެހުން އޮންނަ މިންވަރެއްގެ މައްޗަށް ތަރައްގީ މިނެ ކިރަނީ، އަޅުގަނޑުމެން ގެންނަން މި އުޅެނީ އެ ތަރައްގީ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، މިއަދު މި ރާއްޖޭގެ ހާލަތަކީ އެއް ބަޔަކު ތިބީ ކުލި ނުދެއްކި ހާސްކަމެއްގެ ތެރޭގައި ކަމަށާއި އަނެއް ބަޔަކު ބޭސް ފަރުވާ ނުލިބި އެކަމުގެ ހާސްކަމުގެ ތެރޭގައި ކަމަށެވެ. މަސްވެރިންނާއި އޮޑިވެރިން ތިބީ ނެގި ލޯނު ނުދެއްކި ކަމަށެވެ. މައިންބަފައިން ތިބީ ދަރިން މަސްތުވާތަކެތީގެ ވަބާގައި ތިބުމުން ކަމަށެވެ. ޒުވާނުން މަގު މައްޗަށް ނުކުންނަން ނުކުރި ތިބީ ވަޅި ޖަހައިދާނެތީ ކަމަށެވެ.
"މިއީ މި ރާއްޖޭގެ ހާލަތު އޮތް ގޮތް، މިހެން ގޮސް މި ލިސްޓް ވަރަށް ދިގުކޮށް އަޅުގަނޑަށް ކީ ދާނެ، ކުރުކޮށް ބުނާނަމަ ދިވެހިން މި ތިބީ މި އަނިޔާވެރި ސަރުކާރުގެ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައި، އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ކަށަވަރުކަން މި އަރުވަނީ ތިޔަ ބޭފުޅުންގެ ހާސްކަން ފިލުވައި މި ރާއްޖެއަކީ އަމާން ރާއްޖެއަކަށް އަނެއްކާވެސް ހަދައިދޭނަމޭ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ކުޑަ ގައުމެއް ކުރި އަރައި ތަރައްގީވުމަށް އެކަނި މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ. އެއް ބަޔަކު އަނެއް ބައެއްގެ އެހީ ހޯދައިގެން ނޫނީ ތަރައްގީ ނުވެވޭނެ ކަމަށެވެ. ކޮމަންވެލްތުން ވަކިވެ އީޔޫއަށް ފާޑު ކިޔާނެ ލިބޭނެ ތަރައްގީއެއް ނޯންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ޑިކްޓޭރުން ބަލިވަމުންދާ ކަމަށާއި ރާއްޖޭގައި މިއޮތް ހުދުމުހުތާރު ވެރިކަން ވެސް ބަދަލުވެގެން ދާނެ ކަމަށެވެ.
ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ރަށު ކައުންސިލްތަކަށް ބާރުތައް ދީގެން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. ރައްޔިތުން ބޭނުންވާ ކަންކަން އެނގޭނީ ރައްޔިތުންނަށް ކަމަށާއި އެކަންކަން ކުރުމުގެ ބާރާއި އިހްތިޔާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމްކޮށް ދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގަތެވެ.