overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

"ބްރިޖް މުހިންމު، އަސާސީ ހިދުމަތް މާ މުހިންމު"

މި ސަރުކާރަށް ތަރައްގީ ވަޒަން ކުރަން ނޭނގޭ ކަމަށާއި ބްރިޖަކީ ވެސް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް މުހިންމު އެއްޗެއް، ނަމަވެސް ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އަސާސީ ހިދުމަތް ފޯރުކޮށް ދިނުމަކީ އެއަށްވުރެ މާ މުހިންމު ކަމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެ އެވެ.

ށ، ފީވަކް ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ހުރިހާ ޕާޓީގެ އަމާޒަކީ އެއް އަމާޒެއް ކަމަށާއި ކޮށްދޭން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކަމަށެވެ. ކޮންމެ ރަށަކުންވެސް އިވެމުންދަނީ އެއް ވާހަކަތަކެއް ކަމަށާއި އެއީ އަދުލު އިންސާފް ގާއިމް ކުރުމާއި ހަމަހަމަކަމާއެކު ކަންކަން ކޮށްދިނުމަށާއި އަސާސީ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ގައުމެއް ތަރައްގީ ކުރާއިރު އެންމެ ފުރަތަމަ އިސްކަން ދޭން ޖެހޭނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް، އެއީ ތަރައްގީއަކީ، ދަތުރުފަތުރު ކުރުމަށްޓަކައި ބްރިޖްވެސް އެޅިދާނެ، އެއީވެސް ކުރަންޖެހޭ ކަންތައްތައް، މިހާރު އަޅާފައޮތް ޗައިނާ ބްރިޖް އެއީ ބޭނުންތެރި ތަނަކަށްވެދާނެ، ވާނެ މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން، އެހެން ނަމަވެސް އަޅުގަނޑުމެން މިދައްކަނީ އޭގެންވެސް ބޭކާރު ހަރަދުކޮށްފައިއޮތް ވާހަކަ، ތަރައްގީ ތަރުތީބް ކުރާއިރުގައި އެއީތޯ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ބްރިޖްވެސް އަޅަންޖެހޭ ކަމަށާއި އެއާޕޯޓްވެސް އަޅަންޖެހޭ ކަމަށާއި އެހެން ކަންތައްތައްވެސް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ތަރުތީބު ކުރަންޖެހޭ ކަމަށާއި ތަރައްގީއަކީ ކޮން އެއްޗެއްކަން މި ސަރުކާރަށް ވަޒަން ކުރަން ނޭންގޭ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ފުރަތަމަ ކުރާނެ ކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން، ފެނާއި ނަރުދަމާ ގާއިމް ކޮށްދިނުމަކީ އެންމެ ފުރަތަމަ ރަށްރަށަށް ކޮށްދޭނެ ކަންތައްތައް، އަޅުގަނޑުމެންގެ ސަރުކާރެއްގައި ފެށިފައި ހުރި މަޝްރޫއުތައް ނިންމައި ދެން ހުރި މަސައްކަތްތައްވެސް ކޮށްދޭނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރައްޔިތުން މިހާރު ގަބޫލު ކުރަނީ ވަޒީފާއަށްވުރެ ބޮޑަށް މިހާރު މިއޮތް ވެރިކަން އަނިޔާވެރިކަން ކަމަށާއި ވަގުތީ އަނިޔާއަކަށްވުރެ ދާއިމީ އަނިޔާއެއް އެއީ މާ ގޯސް ކަމެއް ކަމަށެވެ. ނަމަވެސް ވަޒީފާގެ ބިރަށް މީހުން ނުތިބެ މިއަދު ފެނިގެންދަނީ އެންމެވެސް ކޯލިޝަނާއެކު މި ސަރުކާރު ނިންމަން އަޒުމެއްގައި ތިބި މަންޒަރު ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ސަރުކާރުން ބިރު ދައްކަމުންދާ ކަމަށާއި ނަމަވެސް އެކަމަށް ޖެހިލުންނުވާ ކަމަށެވެ. އަދި މިއަދު ނިކުމެ މިތިބ މި އަނިޔާވެރިކަން ނިންމަން ކަމަށާއި އެކަން ނިންމުމަށްފަހު ނޫނީ މި މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ރައްޔިތުން ނިންމާގޮތް ތަންފީޒު ވާނެ، އެދުވަހު ވޯޓްލާން، ނިިކުންނަވާ، ވޯޓް ލުމަށްފަހު އެ މަރުކަޒުތަކުގައި މަޑުކުރައްވާ، މިހާރު އިވޭ އަޑުތަކާއި ދައްކާ ވާހަކަތަކުން ވޯޓް އޮޅުވާލުމަށްޓަކައި ކުރާނެ މަސައްކަތް، އެއީ މި ސަރުކާރުގެ ސިޔާސަތު، ފައިސާއިންވެެސް ކުރީ ވައްކަން، ދެން ކޯންޗަކުންތޯ ނުކުރާނީ، މުދަލުންވެސް ކުރަނީ ވައްކަން، އެހެންވީމަ ވޯޓުންވެސް ވައްކަން ކުރަން ތިބީ ތައްޔާރަށް، ނަމަވެސް އެދުވަހު ރައްޔިތުންނަށް ލިބިފައިވާ ހައްގުގެ ބޭނުންކޮށް ތިބޭފުޅުންލާ ވޯޓްގެ ނަތީޖާ ހިފައިގެން ގެއަށް ވަޑައިގަންނަވަން ވާނީ،" އިބޫ ވިދާޅުވި އެވެ.