ހަބަރު

އިދިކޮޅު ކޯލިޝަނަކީ އަދާވާތްތެރިންގެ ކޯލިޝަނެއް، ކާމިޔާބެއް ނުވާނެ: ޝަހީމް

އިދިކޮޅު ކޯލިޝަނަކީ އަދާވާތްތެރިން އެކުލެވޭ ކޯލިޝަނެއް ކަމަށައި އެފަދަ ކޯލިޝަނެއް ކާމިޔާބެއް ނުވާނެ ކަމަށްވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުއްޖެ އެވެ.

ދ. ބަނޑިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ، ކޯލިޝަންތަކުގެ ސަރުކާރުތަކަކީ ތަބީއީ ގޮތުން ވަރަށް ގިނަ މައްސަލަތައް އުފެދޭ ސަރުކާރުތަކެއް ކަމަށާއި ހާއްސަކޮށް ތަފާތު ހިޔާލުތަކުގެ ފަރާތްތައް އެކުލެވޭ ކޯލިޝަނެއް ނުހިނގާނެ ކަމަށެވެ.

"އިދިކޮޅުގެ ކޯލިޝަނަށް ބަލާލާއިރު ތަފާތު މިޒާޖްތަކުގެ، އަދާވާތްތެރިން އެކުލެވޭ ކޯލިޝަނެއް، ސަރުކާރު ހިންގަށް އެބޭފުޅުންނަށް ލިބުނަސް ރަނގަޅު ގޮތެއްގައި ސަރުކާރު ނުހިންގޭނެ، އެމީހުންގެ ތެރޭގައި އޮންނާނީ ބައިބައިވުން، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހި ކުރުމަށް އެމީހުން ކުޅެދޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދަޅުވީ، ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުން މަސައްކަތް ކޮށްދޭންޖެހޭ ކަމަށާއި ވޭތުވެދިޔަ ފަސް އަހަރު ރައީސް ޔާމީން ވެރިކަން ކުރެއްވީ ވަރަށްވެސް ގިނަ ގޮންޖެހުންތަކާއެކު ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ފެނިގެން މިދަނީ ވަރަށްވެސް ގިނަ ކަންކަން މިގައުމަށް ރައީސް ޔާމީން ކޮށްދެއްވާފައިވާ މަންޒަރު ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ގިނަ މަޝްރޫއުތައް، ވަރަށް ބިޔަ މަޝްރޫއުތައް، ރާއްޖޭގައި މީގެ ކުރިން ހިންގާފައިނުވާ އެތަކެއް މަޝްރޫއުތަކެއް ރައްޔިތުންނަށްޓަކައި ކުރިއަށް ގެންދަވާފައިވަނީ، ރާއްޖޭގެ ކޮންމެ ދިމާލަކަށް ބެލިނަމަވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އެއާޕޯޓްތަކާއި ހޮސްޕިޓާތަކާއި އުސް އިމާރާތްތައް، އެކަންކަމުގެ ސަބަބުން ރައްޔިތުންނަށް މުސްތަގުބަލުގައި އެތަކެއް ފައިދާއެއް ލިބިގެންދާ ގިނަ މަޝްރޫއުތަކެއް ދަނީ ކުރިއަށް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމައި އޭގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށެވެ. ރައީސް ޔާމީނަކީ އިލްމީ ގޮތުން ތަޖްރިބާހުރި ބޭފުޅެެއް ކަމަށާއި ވެރިކަން ހިންގުމުގެ ދާއިރާގައި އެތަކެއް ތަޖްރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެހެންވެ އެމަނިކުފާނަކީ ތައުލީމީ ބޭފުޅެއް، ގާބިލް ބޭފުޅެއް، ދުނިޔޭގެ އެކި ކަންތައްތައް އިނގޭ ބޭފުޅެއް، އެހެންވީމަ ރައީސް ޔާމީން ދެވަނަ ދައުރަކަށް އަޅުގަނޑުމެން ބަހައްޓަން ޖެހެނީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީނަށް ހުރިހާ ބޭފުޅުން ވޯޓް ދެއްވަން ޖެހޭ ކަމަށާއި އެވޯޓަކީ ރައީސް ޔާމީނަށް ނުވަތަ ޝަހީމަށް ދެއްވާ ވޯޓެއް ނޫން ކަމަށެވެ. އެއީ ދިވެހި ގައުމަށާއި އިސްލާމްދީން މިގައުމުގައި ދެމެހެއްޓުމަށްޓަކައި ދެވޭ ވޯޓެއް ކަމަށާއި އެވޯޓަކީ ދިވެހި ގައުމަށްދެވޭ ވޯޓެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.