ރިޔާސީ އިންތިހާބު ކަވަރުކުރުމަށް ރާއްޖެ އަންނަން ބޭނުންވާ ބޭރުގެ ނޫސްވެރިންނަށް ދަތި ކުރުން ހުއްޓާލުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސަރުކާރަށް ގޮވާލައްވައިފިއެވެ.
ބައިނަލް އަގުވާމީ ނޫސްވެރިންނަށް ދަތިކުރުން ހުއްޓާލުމަށް ގޮވާލާ އިބޫ މިއަދު ކުރަައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، 23 ސެޕްތެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބު މިނިވަންކަމާއެކު ކަވަރުކުރުމަށް ބޭރުގެ ނޫސްވެރިންނަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ނޫސްވެރިންނަށް ހުރި ހުރަސްތަކާއި، ދަތިތަށް ނައްތާލުމަށް ސަރުކާރަށް ގޮވާލާ ކަަމަށް އިބޫ ވިދާޅުވި އެވެ.
އިންތިހާބު ކަވަރު ކުރަން ބޭނުންވާ ބޭރުގެ ނޫސްވެރިންނަށް އެ ފުރުސަަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ އިރު، އެކަމަށް ކުރިމަތިލާފައިވަނީ ކިހާ ނޫސްވެރިންނެއްކަމެއް އިލެކްޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ސަރުކާރުންވެސް ވަނީ އިންތިހާބު ކަވަރު ކުރަން އަންނަ ނޫސްވެރިން ރާއްޖެ އެތެރެވާން ޖެހޭނީ ބިޒްނަސް ވިސާގައި ކަމަށް ކަނޑައަޅާފައެވެ.