ހަބަރު

ސުޕަމޭންއަކީ އަދިވެސް ހަމަ ހެންރީ ކެވިލް

ޑީސީ ސިނެމަޓިކް ޔުނިވާސްގެ ފިލްމުތަކުގައި ސުޕަމޭންގެ ރޯލު ކުޅެމުން އަންނަ، ހެންރީ ކެވިލް އެ ރޯލު ދޫކޮށްލި ކަމަށް ބުނެ މީޑިއާގައި ދެކެވެމުންދިޔަ ވާހަކަތަކަށް ވޯނާ ބްރަދާސްއިން ޖަވާބެއްދީފި އެވެ.

އެ ސްޓޫޑިއޯއިން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް ގެނެސްދިނުމަށް ހުރި ސުޕަމޭންގެ އެއްވެސް ފިލްމަކަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި އަދި އެ ސްޓޫޑިއޯއާއި ހެންރީ ކެވިލްގެ ދެމެދުގައި އެއްވެސް ކަހަލަ ދެބަސްވުމެއް އުފެދިފައި ނުވާ ކަމަށެވެ.

މީޑިއާތަކުން މި ދެތިން ދުވަހު ރިޕޯޓުކުރި ގޮތުގައި، ހެންރީ މިހާރު ކުޅުމަށް އެއްބަސްވެފައިވާ ނެޓްފްލިކްސް ސީރީޒެއް ކަމުގައިވާ "ދި ވިޗާ" ކުޅުމަށް ގިނަ ވަގުތު ދޭންޖެހޭތީވެ، ސުޕަމޭންގެ ރޯލު ދޫކޮށްލުމަށް އޭނާ ވަނީ ނިންމާފަ އެވެ. އަދި ނެޓްފްލިކްސްއާއެކު މަސައްކަތްކުރަން އެއްބަސްވުމާއެކު ވޯނާ ބްރަދާސްއިން އެކަމާއި މެދުގައި ހިތްހަމަނުޖެހިފައިވާ ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރި އެވެ.

ސުޕަމޭންގެ ރޯލު ދޫކޮށްނުލާކަމަށް ހެންރީވެސް ބުނީތަ؟

އަދި މި ވާހަކަތައް މީޑިއާގައި ދެކެވެމުންދަނިކޮށް ހެންރީ ވަނީ އިއްޔެ އިންސްޓަގްރާމް ޕޯސްޓެއްވެސް ކޮށްފަ އެވެ. އެއީ ވޯނާ ބްރަދާސްއިން ބަޔާންވެސް ނެރުނުފަހުންނެވެ. އިންސްޓަގުރާމްގައި އާންމުކުރި ވީޑިއޯއެއްގައި ހެންރީ ހުރީ ސުޕަމޭން ބުދެއް ހިފައިގެންނެވެ. ކެޕްޝަންގައި "ޓުޑޭ އިޒް އެގްޒައިޓިން #ސުޕަމޭން" ޖަހާފައިވެ އެވެ.

ހެންރީ ވަނީ ޑީސީ ޔުނީވާސްގެ ތިން ފިލްމެއްގައި ސުޕަމޭންގެ ރޯލު ކުޅެފަ އެވެ. އެންމެ ފުރަތަމަ 2013 ވަނަ އަހަރު ނިކުތް ފިލްމު "މޭން އޮފް ސްޓީލް" ގަ އެވެ. އެއަށްފަހު 2016 ވަނަ އަހަރު ނިކުތް ފިލްމު "ސުޕަމޭން ވާސަސް ބެޓްމޭން: ޑޯން އޮފް ޖަސްޓިސް" އަދި މިދިޔަ އަހަރު ނިކުތް ފިލްމު "ޖަސްޓިސް ލީގް" ގަ އެވެ.

ޑީސީ ޔުނިވާސްގެ ކުރިއަށް އޮތް ފިލްމު "ޝަޒަމް" ގައިވެސް ހާއްސަ ފެނިލުމަކުން ހެންރީ ފެނިގެން ގޮސްފާނެ ކަމަށް ވާހަކަދެކެވެ އެވެ.