ހަބަރު

އަދާލަތު ޕާޓީ އުފެއްދީ އެމްޑީޕީއާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި: މުހައްމަދު ދީދީ

Sep 13, 2018
16

އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެންފައިވާ އަދާލަތު ޕާޓީ އުފެއްދި މަގްސަދަކީ އޭރު އެމްޑީޕީ އުފެދިގެން އައުމުން އެއާ އިދިކޮޅަށް ތެދުވާ ޕާޓީއެއް ގޮތުގައި ކަމަށް ކުރިން އަދާލަތު ޕާޓީގެ އިސް މަގާމްތައް ފުރުއްވި، އަދި މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާ ޝޭހް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ އެކު ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ދީދީ ވަނީ އަދާލަތު ޕާޓީއާ ބެހޭ ގޮތުން ކުރިން ނުދައްކާ ހުރި ގިނަ ވާހަކަތަކެއް ހާމަ ކުރައްވައިފަ އެވެ. އަދާލަތު ޕާޓީގެ ކުރީގެ ޒައީމްއާ، އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހާއި ގިނަ މަގާމްތަކެއް އަދާ ކުރެއްވުމާއި އެ ޕާޓީ އުފައްދަން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ދީދީ ވިދާޅުވީ އަދާލަތު ޕާޓީ އުފައްދަން ޖެހުނު ސަބަބުން އެމަނިކުފާނަށް ވުރެ ބޮޑަށް އެނގޭނެ ވަކި އެހެން ބޭފުޅަކު ނުހުންނާނެ ކަމަށެވެ.

ދީދީ ވިދާޅުވީ އެމްޑީޕީއަށް ފަހު ރާއްޖޭގައި ރަޖިސްޓާ ކުރާ ދެވަނަ ޕާޓީއެއްގެ ގޮތުގައި އަދާލަތު ޕާޓީ ރަޖިސްޓާ ކުރުމަށް ސޮއި ހަމަ ކުރައްވައި ވަގުތީ ރައީސް ކަމަށް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ނަން ހަމަޖެއްސެވުމަށް ފަހު މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް އެމްޑީޕީގެ ފަރާތުން މަޖީދަށް އައި މަރުގެ އިންޒާރުތަކާ ހެދި އެމަނިކުފާނު އެ ނަން އަނބުރާ ގެންދެވި ކަމަށެވެ. އަދި އަދާލާތު ޕާޓީ އުފެއްދީ އެމްޑީޕީ އުފައްދާތީ އެއާ އިދިކޮޅަށް ކަމަށް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި އެތަށް މެންބަރަކު އެތަށް ފަހަރެއްގެ މަތިން މަޝްވަރާ މަޖިލީހުގައި ވިދާޅުވި ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. ނަމަވެސް މިއަދު އަދާލަތު ހުރީ އެ ޕާޓީ އުފެއްދި މަގްސަދާ މުޅިން ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނުވަ ވަނަ ހަސަން ރަސްގެފާނު އެ ތާރީހު ރާއްޖެއަށް އިއާދަވާނެތީ އެކަން އަޅުގަނޑުމެންނަށް ފެންނާތީވެ އަޅުގަނޑުމެން އަދާލަތު ޕާޓީ އުފެއްދީ، އުފައްދައިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން އައީ، އެހެން ނަމަވެސް ތަފާތު އެކިއެކި ސަބަބުތަކާ ހެދި އަޅުގަނޑުމެން ޕާޓީ އުފެއްދި މަގްސަދުގައި އަދާލަތު ޕާޓީ ސާބިތުވެ ނެތް،" ދީދީ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް ފަހުން ޑރ. މަޖީދު ކުރިމަތިލައްވަން ނިންމާފައި ވަނިކޮށް ޝޭހް އިމްރާން އަބްދުﷲ ވެސް ކުރިމަތިލެއްވެވި ކަމަށް ދީދީ ވިދާޅުވި އެވެ. ނަމަވެސް އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ނިޔަތެއް ނެތް ކަމަށާއި ނަމަވެސް އެކަން ކުރައްވަނީ މަޖީދު ހޮވިވަޑައިގެންފި ނަމަ އަދާލަތު ޕާޓީ އެމްޑީޕީގެ އުނގަށް ހިނގައިދާނެތީ ކަމަށް އިމްރާން ވިދާޅުވި ކަމަށެވެ.

"މިއީ ދައްކަން ބޭނުންވާ ވާހަކައެއްނޫން އެކަމަކު ހާލަތު އަޅުގަނޑަށް އެބަ މަޖުބޫރު ކުރުވާ މި ވާހަކަތައް ދައްކަން،" ދީދީ ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ އަދާލަތު ޕާޓީ މިއަދު ނަމެއްގައި އޮތަސް އެ ޕާޓީ ވަނީ ރޫޅިފައި ކަމަށެވެ. އެއީ އެ ޕާޓީގެ މުއައްސިސުންނާއި އުފެއްދި މީހުން މިހާރު އަދާލަތު ޕާޓީއާ އެކުގައި ނެތް ކަމަށާއި ގިނަ މީހުން ތިބީ ޕީޕީއެމްގައި ކަމަށް ދީދީ ވިދާޅުވި އެވެ.