overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މާރިޔާ ފުލުހުންނަށް: ހިންގަން އުޅޭ ހަމަނުޖެހުންތަކުގެ މައުލޫމާތު ހާމަކުރޭ

އަންނަ ރިޔާސީ އިންތިހާބަށް ހުރަސްއެޅުމުގެ ގޮތުން، މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގުމަށް ބަޔަކު ރާވަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވާތީ އެކަމުގެ މައުލޫމާތު ލަސްނުކޮށް ރައްޔިތުންނާއި ހިއްސާ ކުރުމަށް އިދިކޮޅު ކޯލިޝަން ކެނޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ގޮވާލައިފި އެވެ.

މިދިޔަ ހޯމަދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ދެއްކުމުގެ ގޮތުން މާލެ އާއި އަތޮޅުތަކުގައި ނުރައްކާތެރި ކަންތައްތަކެއް ހިންގުމަށް އެކި ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ތަންތަނުގައި ހުޅުޖަހައި ރޯކޮށް އާންމުންގެ މުދަލާއި ފުރާނައަށް ގެއްލުން ދިނުމަށް ރާވަމުން އަންނަކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށާއި ތަހުގީގުތަކަށް ލިބިފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ، މީގެ ކުރިން ހިނގާފައިވާ ފަދަ ނުރައްކާތެރި ބައެއް ކަންކަން ތަކުރާރުކުރުމަށް ބައެއް ފަރާތްތަކުން ދަނީ ރާވަމުން އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު، ފެބުރުއަރީ 2012 ގައި ހިނގިފަދަ ހުޅުޖެހުމާއި އާންމުންގެ މުދަލަަށް ގެއްލުން ދިނުމުގެ ހަރަކާތްތަކެއް ތަކުރާރު ކުރަން ރާވަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ. އެކަމުގެ ބޭނުމަކީ ޝިފާން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބާއްވާ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނޫންކަން ދެއްކުމަށް ހިންގާ އަމަލުތަކެކެވެ.

އެކަމާ ގުޅިގެން މާރިޔާ ވިދާޅުވީ، އިންތިހާބަށް ވޯޓް ހޯދުމަށް ގެއިން ގެއަށް ކުރި ކެމްޕެއިންތަކުގައި އިބޫ އަށް 170،000 އަށްވުރެ ގިނަ ވޯޓް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެހެން ކަމުން އެދުވަހު އޮމާންކަމާއެކު އިންތިހާބު ކުރިއަށް ދިއުމަކީ އިދިކޮޅުން އެންމެ ބޭނުންވާ ކަންތައް ކަަމަށެވެ. އެދުވަހު ހަމަނުޖެހުން ހިންގަން އުޅޭނީ ވޯޓުން ބަލިވާނެކަން ޔަގީންވާ މީހުން ކަމަށާއި އިދިކޮޅަށް އިންތިހާބު ފުރިހަމަ އަގްލަބިއްޔަތުން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

"އެންމެނަށް ވެސް އިނގޭ އިބްރާހިމް މުހައްމަދު ސޯލިހް، ކެނޑިޑޭޓް ނަމްބަރު ދޭއް އެދަނީ ބޮޑު ތަނުން މޮޅުވާންކަން، ފުލުހުން ނިކުމެވަޑައިގެން އެދުވަހުން ހަމަނުޖެހުމެއް ހިންގަން އުޅޭކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާތީ، އެއީ ކޮން މައުލޫމާތެއްކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ، އެމައުލޫމާތުތައް ލިބެން އެބަ ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން އެތައް ހަރަދެއް ކޮށްގެން ވޯޓަކަށްދާން އުޅޭކަމަށްވާނަމަ އެދުވަހުން ހަމަނުޖެހުން ހިނގަން އުޅޭނަމަ އެކަން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ފުލުހުން ޕީޕީއެމްގެ ކެނޑިޑޭޓާއި އިދިކޮޅު ކެނޑިޑޭޓާއި އާންމު ރައްޔިތުންނާއި އެހަމަނުޖެހުމުގެ ވާހަކަ ހިއްސާ ކުރަންޖެހޭނެ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

"އެވާހަކަ ސިއްރެއް ގޮތަށް ބާއްވައިގެން އެދުވަހުން ހަމަނުޖެހުމެއް ހިނގަންދެން ބަލަހައްޓައިގެން ތިބުމަކީ އެއްގޮތަކަށްވެސް އެއީ ކުރައްވައިގެންވާނެ ކަމެއް ނޫން، އާންމުންނާއި އެވާހަކަތައް ދައްކަވާ، އާންމުނަށް އެދުވަހުން ކަންކަން ހިނގާނެ ގޮތް ދައްކަން ޖެހޭނެ، އަޅުގަނޑުމެން މިދަނީ ބޮޑުތަނުން މޮޅުވާން، އަޅުގަނޑުމެންގެ އެއްވެސް އިންޓަރެސްޓެއްނެތް އެއްވެސް ހަމަނުޖެހުމެއް ހިންގާކަށް، އެދުވަހު އެކަން އެގޮތަށް ނުވާނެ ކަން ކަށަވަރު،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ފުލުހުން އެމައުލޫމާތު ހިއްސާ ކުރެއްވުމުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށާއި ފުލުހުން ލަސް ނުކުރައްވައި އެކަމުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރައްވަން ޖެހޭ ކަމަށެވެ. އަދި އެދުވަހުން ހަމަނުޖެހުމެއް ހިނގައި އިންތިހާބަށް ހުރަސް އެޅިއްޖެނަމަ އެކަމުގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.