ހަބަރު

އަބުރާ ބެހުން ކަމަށް ބުނެ ނިހާންގެ މައްސަލައެއް ޕޮލިހަށް

އަބުރާ ބެހުނު ކަމަށް ބުނެ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްސަލައެއް ފުލުހަށް މިއަދު ހުށަހަޅައިފި އެވެ.

ނިހާންގެ މައްސަލައެއް މިއަދު ކޯޓަށް ހުށަހަޅުއްވާފައިވަނީ ޝެއިހް މުހައްމަދު އަނީލެވެ.

އޭނާ އެ މައްސަލަ ހުށަހަޅުއްވާފައިވަނީ ނިހާން އިއްޔެ ކުރެއްވި ޓްވީޓެއްގައި އޭނާގެ ފޮޓޯ ބޭނުންކޮށްފައިވާތީ އެވެ. އެ ފޮޓޯގައި 66 ޝެއިހެއްގެ ފޮޓޯ ހިމަނާފައިވާއިރު އެއީ ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކުރާ ޝެއިހުންކަން ބުނެފައިވެ އެވެ. އަދި އެހެން ބައެއް މީހުންގެ ފޮޓޯތައް ހިމަނައި އެއީ ދީނުގެ އަދުއްވުން ކަމަށް ބުނެފައިވެ އެވެ.

އެ ފޮޓޯއާއެކު ޓްވިޓާގައި މައްސަލަ ބޮޑުވުން ނިހާން ޓްވީޓް ޑިލީޓްކޮށްލެއްވި އެވެ. އޭރު އެހެން ބައެއް ޝެއިހުން ވެސް ވަނީ އެމީހުންގެ ފޮޓޯ އޭގައި ހުއްދައެއް ނެތި ބޭނުންކޮށްފައިވާތީ ނުރުހުން ފާޅުކޮށްފަ އެވެ.

ޝެއިހް އަނީލް މިއަދު ވިދާޅުވެފައިވާ ގޮތުގައި އިއްޔެ ނިހާން ވަނީ އޭނާގެ އަބުރަށް އަރައިގެންފަ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ފިޔަވަޅު އަޅައިދިނުމަށް ފުލުހުގައި އެދިފައިވާނެ ކަމަށެވެ. އެންމެންގެ މައްޗަށް ގާނޫނު ހަމަހަމަކަމާއެކު ހިނގަންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަނީލް ވިދާޅުވި އެވެ.