އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އއ. ތޮއްޑޫއަށް މިއަދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ. އިބޫ ވަނީ އެރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ.
އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ތޮއްޑޫއަށް ބޭނުންވާ އަސާސީ ހިދުމަތްތައ ލިބިގެންނުދާ ކަމަށާއި ރައްޔިތުން ދައްކާ ޓެކްސް ފައިސާގެ ހިއްސާ މިރަށަށްވެސް ލިބެންޖެހޭނެ ކަމަށެވެ. އިދިކޮޅު ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމް ތައާރަފްކޮށް ކައުންސިލްތަކަށް ބާރުދީ އެރަށެއް އޮންނަ ސަރަހައްދަކުން ލިބޭ އާންމުދަނީއިން އެސަރަހައްދު ތަރައްގީ ކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"މިރަށުގެ ތަރައްގީއަށް ކުރާ މަސައްކަތުގައި ރައްޔިތުން ދައުލަތަށް ދައްކާ ފައިސާގެ ހިއްސާ މިރަށަށް އަޅުގަނޑުމެން ގެނެސްދޭނަން، ތަރައްގީގެ މަޝްރޫއުތައް އަޅުގަނޑުމެން ފަށަން ބޭނުންވަނީ އަސާސީ ހިދުމަތްތަކުން، ފުރަތަމަ ކޮށްދޭންވީ ކަންކަމުގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ތޮއްޑޫގެ ބަނދަރު ހަދަންޖެހޭ ކަމަށާއި ސުކޫލުގެ ބޭނުންވެފައިވާ އިމާރާތްތައް ބޮޑުކުރެވި ފެންވަރު ރަނގަޅު ކުރެވެންޖެހޭ ކަމަށެވެ. ސިއްހީ މަރުކަޒުން ރަނގަޅު ހިދުމަތްތައް ލިބެންޖެހޭ ކަމަށާއި މިރަށުގެ މަގުތައް ހެދެންޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި މިރަށުގެ ބަނދަރުހެދި، މިރަށު ސުކޫލަށް ބޭނުންވާ 15 ކްލާސްރޫމް ހެދި، އެއްދަންފަޅިއަށް ބަދަލުކޮށް ސިއްހީ މަރުކަޒު ތަރައްގީ ކުރެވި، މިރަށުގެ މަގުތައްހެދި ބޮޑެތި މަގުތަކުގައި ތާރު އެޅިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ރަނގަޅު އާންމުދަނީ ލިބޭ ރަށްރުގައި ބޭންކިން ނިޒާމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށާއި އިދިކޮޅު ސަރުކާރެއްގައި ތޮއްޑޫގައި ބޭންކިން ހިދުމަތް ދެވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި އެންމެ ބޮޑު އެއް ސިޔާސަތަކީ ޓުރިޒަމް ފުޅާކޮށް ޓޫރިޒަމް ހިންގަން ފުރުސަތު ދިނުން، ދިމާވެފައިވާ ދައްޗަކީ އެ ވިސްނުން ހުރި ނަމަވެސް ގެސްޓްހައުސް އެޅުމަށް ބޭނުންވާ ފައިސާ ރައްޔިތުން އަތުގައި ނެތުން، މިރަށުގައި އެބަހުރި ގެސްޓްހައުސް، އެހެން ނަމަވެސް އެއަށްވުރެ ފުޅާކޮށް ތޮއްޑޫގައި އެކަން ކުރެވޭނެ، އަޅުގަނޑުމެންގެ ވެރިކަމެއްގައި ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެސްއެއްއީ ބޭންކްގެ ތެރެއިން ލުއި ލޯން ފަސޭހައިން ގެސްޓް ހައުސް އެޅުމަށް ބޭނުންވާ ފައިސާ ލިބިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ދަނޑުވެރިކަމަކީ ތޮއްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ މަސައްކަތް ކަމަށާއި މުޅި ރާއްޖޭގައިވެސް އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އެއް ރަށް ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ދަނޑުވެރިންނަށް ސަބްސިޑީ ދީފައިވާ ކަމަށާއި ނަމަވެސް ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން އެކަން ހުއްޓާލާފައިވާ ކަމަށެވެ. އަދި ދަނޑުވެރިންނަށް 8000 ރުފިޔާދޭނެ ކަމަށް ވައުދުވެ، އެކަންވެސް ކުރައްވާފައިނުވާ ކަމަށް އިބޫ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަނެއްކާވެސް އަޅުގަނޑުމެންގެ ވެރިކަމުގައި އޭރު [އެމްޑީޕީ ވެރިކަމުގައި] އެދިން ގޮތަށް ދަނޑުވެރިންނަށް އެ ސަބްސިޑީ ލިބިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ތޮއްޑޫއަކީ ކުޅިވަރުގެ މައިދާނުގައިވެސް ވަރަށް ކުރިއަރާފައިވާ ރަށެއް ކަމަށާއި އެގޮތުން ފުޓްބޯޅާގައި ގައުމީ ޓީމްގައި ފެންވަރު މޮޅު ކުޅުންތެރިން ހިމެނޭ ކަމަށެވެ. އިދިކޮޅު ވެރިކަމެއްގައި ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް ތޮއްޑޫގައި ޗޭންޖިން ރޫމްތަކާއެކު ޒަމާނީ ފެންވަރުގައި ދަނޑެއް ހަދައިދޭނެ ކަމަށްވެސް އިބޫ ވައުދުވެވަޑައިގެންފައި ވެއެވެ.
އިބޫ އިތުރަށް ވިދާޅުވީ، ތޮއްޑޫގައި ބޯހިޔާވަހިކަމުގެ ދަތިކަން އެބައޮތް ކަމަށެވެ. އެރަށުގައި ބޯހިޔާވަހިކަން ބޭނުންވަނީ 80 މީހުން ނޫން ކަމަށާއި އެއަށްވުރެ ގިނަ މީހުންނަށް ބޭނުންވާ ކަމަށެވެ. އެގޮތުން އިދިކޮޅުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 100 ގޯތި ދޫކުރާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.