ހަބަރު

ކޮލަމާފުށީ 18ގެ ދިފާއުގައި ދިޔަ ވަކީލުންނަށް ހޫނު މަރުހަބާއެއް

ގއ. ކޮލަމާފުށިން ހައްޔަރުކޮށްފައިވާ 18 މީހުންގެ ދިފާއުގައި ދިޔަ ގާނޫނީ ވަކީލުންގެ ބޮޑު ޓީމަށް ގއ. ވިލިނގިލިން ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމާނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެ 18 މީހުންގެ ދިފާއުގައި ވިލިނގިއްޔަށް މިއަދު 18 ވަކީލަކު ވަޑައިގަތެވެ. އެ ބޭފުޅުން ވަޑައިގަތުމާއެކު އެ ރަށުން ހޫނު މަރުހަބާއެއް ކިޔަން މީހުން ބަނދަރުމަތީގައި އެއްވެ ތިއްބެވެ. އަދި މާފަތިތަކުން ވަކީލުންނަށް ވަނީ މަރުހަބާ ކިޔާފަ އެވެ.

ވަކީލުންގެ ޓީމުގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލް އަހުމަދު އަބްދުﷲ އާއި ވަކީލް މޫސާ ސިރާޖާއި މަހުފޫޒު ސައީދާއި ސަފާ ޝަރީފާއި ނާޒިމް އަބްދުލްސައްތާރާއި މުހައްމަދު ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ.

ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލެއް ހަމަޖައްސާފައިވާއިރު އެގޮތަށް ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުންނެވެ. އެ ގާނޫނުގައިވާ ގޮތުން އެއް ތުހުމަތެއް ކުރެވޭ ދެ މީހަކަށް ތަހުގީގު މަރުހަލާގައި އެއް ވަކީލެއް އައްޔަނެއް ނުކުރެވޭނެ އެވެ.

ޕީޕީއެމްގެ ޖަގަހަ އާއި ކެމްޕެއިން މުދަލަށް ގެއްލުންދިން ކަމަށް ބުނެ ޓެރަރިޒަމްގެ ތުހުމަތުކޮށްފައިވާ 18 މީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފަ އެވެ. އެ މުއްދަތު ހަމަ ވާނީ މާދަމާއަށެވެ.

ވަކީލް މަހުފޫޒު ވިދާޅުވި ގޮތުގައި، ވިލިނގިލީގެ އިތުރުން ވަކީލުން މި ދަތުރުގައި ކޮލަމާފުއްޓަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި ތިން ދުވަހުގެ ދަތުރުގައި ހިލޭ ގާނޫނީ ލަފާ ދިނުމުގެ ހަރަކާތްތަކާއި ގާނޫނަށް މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އެ ވަކީލުން ހިންގަވާނެ އެވެ.