ދުނިޔެ

"ސިއްހަތަށް ފައިދާ ހުރި" މައިލޯ ނުބައިކަމުން ނިއު ޒީލެންޑް މީހުން ރަތަށް!

Jun 9, 2015

ސިއްހަތަށް ފައިދާ ހުރި ބުއިމަކަށް ހެދުމަށް، ނިއު ޒީލެންޑުގައި ވިއްކާ މައިލޯގެ ފޯމިއުލާ އަށް ގެނައި ބަދަލުގެ ސަބަބުން މައިލޯގެ ރަހަ ނުބައިވެފައިވާ ކަމަށް ބުނެ، އެ ގައުމުގެ އާއްމުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ރާއްޖެ ހިމެނޭ ގޮތަށް، ދުނިޔޭގެ ސާޅީހަކަށް ގައުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މައިލޯ ނިއު ޒީލެންޑްގައި އަދި އާދަޔާ ހިލާފަށް މަޝްހޫރެވެ. ޗޮކްލެޓު ހަދަން ބޭނުންކުރާ ކޮކޯގެ އިތުރުން ހިކިކިރާއި ހިމަގޮދަނުގެ ދިޔަ އަދި ހަކުރު އެއްކޮށްގެން ހަދާ މައިލޯ ނިއު ޒީލެންޑް މީހުން އާއްމުކޮށް ބޮނީ ހޫނު ކިރަށް އަޅައިގެންނެވެ. މައިލޯ ތައްޓަކާ ނުލައި އެ މީހުންގެ ހެނދުނުގެ ނާސްތާ ފުރިހަމަ ނުވާތާ ގާތްގަނޑަކަަށް ގަރުނެއް ވެއްޖެ އެވެ.

ތައްޔާރީ ކާނާ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ނެސްލޭގެ ނިއު ޒީލެންޑް ސަބްސިޑަރީން އުފައްދާ މައިލޯގެ ފޯމިއުލާ އަށް ވަނީ ދާދި ފަހުން ބަދަލު ގެނެސްފަ އެވެ. އެ ގޮތުން، ކުރިން ހުންނަ ވިޓަމިން އޭ، ބީ1 އަދި މެގްނީޒިއަމްގެ މާއްދާ އާއި ރަހަލައްވަން ބޭނުންކުރާ އާޓިފިޝަލް ވެނީލާ އެސެންސް މައިލޯގެ ފޯމިއުލާ އިން އުނިކުރުމަށް ފަހު ވަނީ ވިޓަމިން ޑީ، ބީ3، ބީ6 އަދި ބީ12 ހިމަނާފަ އެވެ. މީގެ އިތުރުން، ކުރިއަރާ ހިލާފަށް، މައިލޯ އުފައްދަން މިހާރު ބޭނުންކުރަނީ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކާ އެއްގޮތަށް ހައްދާ ކޮކޯ އާއި ޕާމް އޮއިލް އެވެ.

އެއީ، ނެސްލޭ އިން ބުނި ގޮތުގައި، ކުޑަކުދިންގެ ސިއްހަތަށް ފައިދާ ހުރި ބުއިމަކަށް މައިލޯ ހެދުމަށާއި މައިލޯ އުފައްދާ ގޮތް ތިމާވެށްޓާ ރަށްޓެހި ކުރުމަށް އެޅި ފިޔަވަޅެކެވެ. އަދި "ވީހާ ވެސް ސިއްހަތަށް ފައިދާ ހުރި ބުއިމަކަށް މައިލޯ ހެދުމަށްޓަކައި" އެ ބަދަލު ގެނައީ ކުޑަކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ މާއްދާތަކާ ބެހޭ ގޮތުން ދިރާސާކުރުމަށް ފަހު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ބަދަލު ބަލައިގަންނަން ގިނަ މީހުންނަށް އަބަދު ވެސް އުދަނގޫ ވާނެ. އެހާ މަގުބޫލް އުފެއްދުމަކަށް ގެންނަ ބަދަލު އަހަރުމެން ވެސް ކުޑަ ގޮތަކަށް ނުނަގާނެ. އާ ފޯމިއުލާ މީހުން ބަލައިގަންނަ ވަރު ބަލަން ސާވޭ ވެސް ކުރިން. ބައެއް މީހުން ގަޔާ ނުވިޔަސް، ގިނަ ބަޔަކަށް މާ ބޮޑު ތަފާތެއް ފާހަގައެއް ނުކުރެވުނު. ބައެއް މީހުންނަށް އާ ފޯމިއުލާއާ އެއްގޮތަށް ހެދި މައިލޯ މާ މީރު ވެސްވި،" ނެސްލޭގެ ނިއު ޒީލެންޑް ކުންފުނީގެ އެކްސްޓާނަލް ރިލޭޝަންސް މެނޭޖަރު މާގްރެޓް ސްޓުއާޓް، ބީބީސީ އަށް ވިދާޅުވި އެވެ.

ނިއު ޒީލެންޑްގެ ފިހާރަތަކުން މިހާާރު ލިބެނީ އާ ފޯމިއުލާއާ އެއްގޮތަށް ހަދާފައިވާ މައިލޯ އެކަންޏެވެ. އޭގެ ރަހަ "ކޮންމެވެސް ވަރަކަށް ތަފާތު ވާނެ" ކަމަކަށް ނެސްލޭ އިން ވެސް އެއްބަސްވެ އެވެ.

އެހެން ނަމަވެސް، ނިއު ޒީލެންޑް މީހުން ބުނަނީ މައިލޯގެ ރަހަ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. ކުރިން މީރުވި މައިލޯ އެ މީހުން މިހާރު ސިފަކުރަނީ "ބޯން ނުކެރޭހާ ނުބައި" އެއްޗެއްގެ ގޮތުގަ އެވެ.

"ކުރިން ހުންނަ މީރު ޗޮކްލެޓް ރަހައެއް މިހާރަކު ނުހުރޭ. މިހާރު ލަނީ ކެމިކަލް ރަހަ،" ކުޑަ ދަރިފުޅު މައްސަލާކުރަން ވެސް ކުރިން މައިލޯ ދެމުން އައި ޓައިރީން އައިބެލް ބުންޏެވެ.

ކުރީގެ މައިލޯ އަނބުރާ ގެނައުމަށް ގޮވާލާ ފޭސްބުކްގައި ޕެޓިޝަނެއް ހަދައި މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުންގެ ސޮއި އެއްކޮށްފައިވާ ޓައިރީންއާ އެއްބައިވާ ގިނަ ބަޔަކު ނިއު ޒީލެންޑްގައި އެބަތިއްބެވެ. އެ މީހުން ބުނަނީ މައިލޯ ބޮނީ ސިއްހަތަށް ފައިދާ ހުރި އެއްޗެއްތޯ ބަލާފައި ނޫން ކަމަށާއި އެއީ އަމިއްލަ ހިތްހަމަޖެހުމަށް، މީރުވެގެން ބޯ އެއްޗެއް ކަމަށެވެ. އެހެންވެ، ނެސްލޭ އިން ސިއްހަތަށް ފައިދާ ހުރި އެއްޗަކަށް ހަދަން ކަމަށް ބުނެ މައިލޯގެ ފޯމިއުލާ އަށް ބަދަލު ގެންނަން ނުޖެހޭނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

"މީރުވެގެން އަހަރުމެން ބޮއި އުޅުނު މައިލޯ އެ ގޮތަށް ބަހައްޓާފައި ސިއްހަތަށް ފައިދާ ހުރި މައިލޯގެ ވައްތަރެއް އުފެއްދިޔަސް މާ ރަނގަޅުވީސް. އެއިރުން ބޭނުން ބަޔަކު އެ ވައްތަރުގެ މައިލޯ ބޯނެތާ،" ބްލެއިން ކެސިޑީ، ފޭސްބުކްގައި ލިޔެފައިވެ އެވެ.

މީގެ އިތުރުން، އާ މައިލޯ އަށް ފާޑުކިޔައި ނެސްލޭގެ ފޭސްބުކް ޕޭޖުގައި ލިއުނު ބައެއް މީހުން ބްލޮކްކޮށްފައިވާ ކަމުގެ ތުހުމަތު ވެސް އެ މީހުން ދަނީ ނެސްލޭގެ ބޮލުގައި އަޅުވަމުންނެވެ. އަދި އެ ފަދަ ބައެއް ޕޯސްޓުތައް ނަގާފައިވާ ކަމަށް ބުނެ، އެ ކަމާ ވެސް އެ މީހުން ތިބީ ރުޅިގަދަވެފަ އެވެ.