overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ ވައުދު: ޕީޕީއެމް، މައުމޫންއާ ހަވާލުކުރާނަން

ސަރުކާރު ހިންގާ ޕީޕީއެމް، އޭގެ އަސްލު ހައްގުވެރިންނަށް ހަވާލު ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕީޕީއެމްއިން ރައީސް މައުމޫން ވަނީ ބޭރުކޮށްފަ އެވެ. ޕީޕީއެމް، ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުން ކުރި ހުކުމަކުންނެވެ. އެ ހުކުމް ރައީސް މައުމޫން އިސްތިއުނާފު ކުރި ނަމަވެސް ނިންމީ ރައީސް ޔާމީން އެއްކޮޅަށެވެ.

އޭގެފަހުން ރައީސް މައުމޫން ޕާޓީން ވަކިކޮށް އަރިސް ބޭފުޅުންނާއި ރައީސް މައުމޫނަށް ތާއިދު ކުރާ ބޭފުޅުން ވެސް ޕާޓީން ވަކިކުރި އެވެ. ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރިއިރު އެމަނިކުފާނަކީ އެ ޕާޓީގެ މެންބަރުން އިންތިހާބުކޮށްފައި ހުންނެވި ރައީސް އެވެ. އޭގެފަހުން ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވައި ރައީސްއަކު އިންތިހާބުކޮށްފައެެއް ނުވެ އެވެ.

އއ. ތޮއްޑޫގައި މިއަދު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި ޕީޕީއެމްގެ ހިއްސާ ވެސް އޮންނާނެ ކަމަށެވެ. ސަރުކާރުގެ ހިއްސާ އެ ޕާޓީއަށް ދެއްވާނެ ކަމަށެވެ. އަދި ޕާޓީ އޭގެ އަސްލު ހައްގުވެރިންނާ ހަވާލުކޮށް ދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"އެހެންވެ ހުރިހާ ޕާޓީތަކެއްގެ ބޭފުޅުން ވެސް ވޯޓު ދެއްވަންވީ ކެންޑިޑޭޓް ނަންބަރު ދެއެއް، އަޅުގަނޑަށް،" އިބޫ ވިދާޅުވި އެވެ.

އިބޫ މިހެން ވިދާޅުވިއިރު ޖަލުގައި މިހާރު ހުންނެވި ރައީސް މައުމޫންގެ ފަރާތްޕުޅުން އިބޫއަށް ތާއިދު ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މައުމޫން ރީފޯމް މޫވްމަންޓް، އެމްއާރްއެމް އުފައްދައި ރައީސް މައުމޫން ސަރުކާރުގެ ކެބިނެޓްގައި އުޅުއްވި ބޭފުޅުން ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.

އިބޫ ވިދާޅުވީ ޕާޓީތަކުގެ ފިކުރާއި ހިޔާލު ތަފާތުވި ނަމަވެސް އެކުގައި ނުކުތީ ގިނަ މައްސަލަތަކެއް ހައްލުކުރުމަށް ކަމަށެވެ. އެގޮތުން ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަން ނައްތާލުމާއި އިންސާފު ގާއިމްކުރުމަކީ ފިކުރު ތަފާތުވި ނަމަވެސް ޕާޓީތަކުގެ އެންމެ މުހިންމު އަމާޒު ކަމަށް އިބޫ ވިދާޅުވި އެވެ.

"އެއް ޕްލެޓްފޯމަކަށް އަޅުގަނޑުމެން އަރާ މިތިބީ، ގައުމީ މަސައްކަތެއް ކުރަން، ސިޔާސީ މަސައްކަތަކެއް ނޫން އަޅުގަނޑުމެން މި ކުރަނީ،" އިބޫ ވިދާޅުވި އެވެ.