overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

35،000 އެނދު އިތުރުކޮށް، އާމްދަނީ 30 ބިލިއަނަށް ގެންދާނަން: އިބޫ

އިދިކޮޅު ކޯލިޝަންގެ ފަސް އަހަރުގެ ތެރޭގައި 35،000 އެނދު އިތުރުކޮށް ދައުލަތަށް ލިބޭ އާމްދަނީ 30 ބިލިއަނަށް ހައްދަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިރޭ ވިދާޅުވެއްޖެ އެވެ.

ކޯލިޝަންގެ ލީޑަރެއް ކަމަށްވާ ގާސިމް އިބްރާހިމްގެ އުފަން ރަށް، އދ. މާމިނގިއްޔަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި އިބޫ ވަނީ އޭނާގެ ފަތުރުވެރިކަމުގެ ސިޔާސަތު ހާމަ ކުރައްވާފަ އެވެ. އިބޫ ވިދާޅުވީ، ފަތުރުވެރިކަމުގެ ނަފާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފުޅާކުރަންޖެހޭ ކަމަށެވެ.

އެގޮތުގެ މަތިން ރިސޯޓާއި ގެސްޓްހައުސް އަދި ސަފާރީ ހިމެނޭ ގޮތަށް އޭނާގެ ވެރިކަމެއްގެ ފަސް އަހަރުގެ ތެރޭގައި 35،000 އެނދު އިތުރު ކުރައްވާނެ ކަމަށެވެ. އެއީ ދެކުނުގެ އަތޮޅުތަކަށް 17،000 އެނދާއި މެދު ރާއްޖެ ތެރޭގައި 10،000 އެނދާއި އުތުރުގެ އަތޮޅުތަކުގައި 18،000 އެނދު ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ މިރޭ ވިދާޅުވީ އެކަން ކުރައްވަނީ މާކެޓް ފްލަޑް ނުވާ ގޮތަށް އަދި އަގުތައް ވެސް ތިރި ނުވާނެ ގޮތް ބައްލަވައިގެން ކަމަށެވެ. އެވަރަށް އެނދުތައް އިތުރު ކުރުމުން 30 ބިލިއަނަށްވުރެ މައްޗަށް ދައުލަތަށް ލިބޭ އާމްދަނީ އަރާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"އެހެންވެ މި ދަންނަވަނީ އެއީ އަޅުގަނޑުމެން މިވާ ވައުދުތައް ފުއްދޭނެ ކަމުގެ ދަލީލެއް ކަމަށް،
ބަޖެޓަށް ލިބޭ 30 ބިލިއަނަށްވުރެ މައްޗަށް އަރާނެ، ވައުދުތައް ފުއްދޭނެ ކަމުގެ ދަލީލު، ނަރުދަމާ އާއި ބޯފެނާއި މަގުތައް ހެދިގެން ދާނެ ވާހަކަ، އެ އިންވެސްޓްމެންޓްތަކާ ގުޅިގެން އިތުރު 60،000 ވަޒީފާ ވެސް އުފެދިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެ ވަޒީފާތަކަށް ބޭނުންވާ މީހުން ވެސް ތަމްރީނު ކުރާނެ ކަމަށެވެ. އެގޮތުން 30،000 އެއްހާ މީހުން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީނު ކުރައްވާނެ ކަމަށެވެ. އަދި މުވައްޒަފުންނަށް ހަމަ އުޖޫރަ އާއި އިނާޔަތްތައް ލިބޭނެ ފްރޭމްވޯކެއް ވެސް ތައްޔާރު ކުރައްވާނެ ކަމަށެވެ. ވަޒީފާގައި ދިވެހިން ބައިތިއްބަން މަޖުބޫރު އަދަދަށްވުރެ އިތުރަށް ދިވެހި މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް ޓެކްސްގައި ލުޔެއް ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ގެސްޓް ހައުސް ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން ގެސްޓް ހައުސްއަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށާއި ލުއި ފައިނޭންސް ލިބޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ ގެސްޓްހައުސްތަކަށް ލުޔެއް ދިނުމަށް އެތެރޭގެ އުދުހުންތައް ވެސް އަގު ހެޔޮ ކުރައްވާނެ ކަމަށެވެ.

"ކުއްޔަށް ދެވިފައި ބައެއް ރަށްރަށް އެބަހުރި ފައިނޭސް ލޯނު ނުލިބުމުގެ ސަބަބުން ތަރައްގީ ނުކުރެވިފަ، އެފަދަ ފަރާތްތަކަށް ވެސް ފައިނޭންސް ލިބޭނެ އެހީތެރިކަން ފޯރުކޮށްދޭނަން،" އިބޫ އިތުރަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭއިރު ރާއްޖެ ދުނިޔޭގައި ޕްރޮމޯޓްކުރުމަށް އެކަށީގެންވާ ފައިސާއެއް ހަރަދެއް ނުކުރާ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި މިހާރު ރާއްޖެ ޕްރޮމޯޓްކުރުމަށް ހަރަދުކުރާ ފައިސާ އަދަދަށްވުރެ ތިން ގުނަ ބޮޑުކޮށް ޕްރޮމޯޓްކޮށް މާކެޓް ކުރަން ބޭނުން ކުރައްވާނެ ކަމަށެވެ.

އިބޫ ވިދާޅުވި ގޮތުގައި ކަލްޗަރަލް، އިސްލާމިކް، މެޑިކަލް، އަދި އެޑްވެންޗަރަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފްކުރުމަކީ މުހިންމު ކަމެކެވެ.

ސަފާރީތައް އަޅާނެ ބަނދަރެއް ނެތުމަކީ ވަރަށް ބޮޑު ދަތިކަމެއް ކަމަށާއި އެހެންވެ މާލެ ކައިރީގައި ސަފާރީ މެރީނާއެއް އަޅާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެފަދަ މެރީނާތަކެއް އަޅާނެ ކަމަށް ވިދާޅުވި އެވެ.

އިބޫ މިރޭގެ ޖަލްސާގައި ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ވަނީ ތައުރީފު ކުރައްވާފަ އެވެ. އިބޫ ވިދާޅުވީ، ގާސިމަކީ ގައުމަށްޓަކައި މުޅި މިލްކިއްޔާތު ހޭދަ ކުރައްވަމުންދާ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ރާއްޖެ އިސްލާހުކޮށް ތަރައްގީ ކުރައްވަން ކަމަށް އިބޫ ވިދާޅުވި އެވެ.

ގާސިމް އިބްރާހިމާއި އެހެން ވެސް ސިޔާސީ ލީޑަރުންނަށް ދެމުން ދަނީ ނުހައްގު އަނިޔާތަކެއް ކަމަށާއި އެ ބޭފުޅުން ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް އިބޫ ވަނީ ތަކުރާރު ކުރައްވާފަ އެވެ.