ދުނިޔެ

އެއްވެސް ބަޔަކަށް ވަކިން ވެރިކަމެއް ނުކުރެވޭނެ: އުރުދުގާން

Jun 9, 2015

ތުރުކީގެ އާއްމު އިންތިހާބުގެ ނަތީޖާ އަށް ބަލާއިރު އެއްވެސް ޕާޓީ އަކަށް އެކަނި ވެރިކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ، އިންތިހާބުގެ ނަތީޖާ ދިރާސާކުރެއްވުމުގެ މަސައްކަތް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ފައްޓަވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އުރުގާންގެ ޕާޓީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހި، ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ވަނީ ފުރަތަމަ ފަހަރަށް ގެއްލިފަ އެވެ. އެންމެ 41 ޕަސެންޓް ވޯޓު ލިބުނު އުރުދުގާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ) އަށް ހޯދުނީ މަޖިލީހުގެ 258 ގޮނޑި އެވެ. އެއީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން ބޭނުންވާ އަދަދަށް ވުރެ 18 ގޮނޑި މަދު އަދަދެކެވެ.

އެ ނަތީޖާއާ ގުޅިގެން، އުރުދުގާން ވިދާޅުވީ އެއްވެސް ޕާޓީ އަކަށް ވަކިން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އިންތިހާބުގެ ނަތީޖާ ނުކުތް ގޮތުން ނެތް ކަމަށެވެ. އެހެންވެ، އެ ނަތީޖާއާ މެދު "ހަގީގީ އަދި ބިނާކުރަނިވި ނަޒަރަކުން ވިސްނައި"، ތުރުކީގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދެމެެހެއްޓުމަށް މަސައްކަތް ކުރުމަށް ހުރިހާ ޕާޓީތަކަށް ވެސް އެ މަނިކުފާނު ގޮވާލެއްވި އެވެ.

"ވޯޓުލާން އެހާ ގިނަ އަދަދެއްގެ ބަޔަކު ނުކުތުމުން އަންގައިދެނީ ތުރުކީގެ ރައްޔިތުން ޑިމޮކްރެސީ އަށް ކުރާ އިތުބާރާއި ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓަން ބޭނުންވާ މިންވަރު،" އާބާދީގެ 86 ޕަސެންޓް ވޯޓުލާން ނުކުތުމަށް އިޝާރާތްކުރައްވައި އުރުދުގާން ވިދާޅުވި އެވެ.

ބޮޑުވަޒީރު އަހުމަދު ދަވުތޮގްލޫ ގެންދަވަނީ އިންތިހާބުގެ ނަތީޖާ ދިރާސާކުރެއްވުމުގެ މަސައްކަތް، ކެބިނެޓްގެ ވަޒީރުންނާ އެކު ވެރިރަށް އަންކާރާގައި ކުރައްވަމުންނެވެ. އެކަމަކު، ސަރުކާރެއް އެކުލަވާލަން ފެށުމުގެ ފުރުސަތު ބޮޑުވަޒީރަށް ލިބޭނީ ރަސްމީ ނަތީޖާ އިއުލާންކުރުމުންނެވެ.

މިދިޔަ 13 އަހަރުގެ ތެރޭގައި ދަމަހައްޓަމުން އައި މަޖިލީހުގެ އަގުލަބިއްޔަތު އޭކޭޕީ އަށް ގެއްލިފައި ވާއިރު، ސަރުކާރެއް އެކުލަވާލެއްވުމަށް ބޮޑުވަޒީރަށް ލިބޭ 45 ދުވަހުގެ ތެރޭގައި އެ ޕާޓީ އަށް ވެސް ޖެހޭނީ ކޯލިޝަން ސަރުކާރެއް އެކުލަވާލާށެވެ. އެކަމަކު، އޭކޭޕީ އަށް ތާއީދުކުރާނެކަން އެއްވެސް ޕާޓީ އަކުން އަދި ހާމައެއް ނުކުރެ އެވެ. އަދި އިދިކޮޅު ޕާޓީތައް އެއްގަލަކަށް އަަރައި އޭކޭޕީއާ ދެކޮޅަަށް ނުކުތުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ތުރުކީގެ އިންތިހާބުން ނުކުތް ހައިރާންކުރަނިވި ނަތީޖާ އަށް ބަލާއިރު، ކުރުދީންގެ މިނިވަންކަމަށް ތާއީދުކުރާ އެޗްޑީޕީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް މަދުވެގެން ބޭނުންވާ 10 ޕަސެންޓުގެ ވޯޓު ކަށަވަރުކޮށް، މަޖިލީހުގައި ފުރަތަމަ ފަހަރަށް އެ ޕާޓީ ތަމްސީލުކުރުމުގެ ފުރުސަތު ހޯދާފަ އެވެ. އެ ގޮތުން، އެ ޕާޓީން ވަނީ ޖުމްލަ ވޯޓުގެ 13 ޕަސެންޓް ހޯދާފަ އެވެ.

"މިއީ ކޮރަޕްޝަނާއި ހަނގުރާމައިގެ މައްޗަށް، ޑިމޮކްރެސީން ހޯދި ބޮޑު ކާމިޔާބީއެއް،" އެޗްޑީޕީގެ ނައިބު ލީޑަރު ސިރީ ސުރައްޔާ އަންދަރު ވިދާޅުވެފައިވެ އެވެ.

ތުރުކީގެ ގާނޫނުއަސާސީ ބުނާ ގޮތުން ރައީސަކީ ރަމްޒީ ބޭފުޅެކެވެ. ވެރިކަމުގެ ގިނަ ބާރުތައް މިހާރު އޮންނަނީ ބޮޑުވަޒީރަށެވެ. އެހެންވެ، ބޮޑުވަޒީރު ކަމުގައި 2003 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ހުންނެވުމަށް ފަހު މިދިޔަ އޮގަސްޓް މަހު ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވި އުމުރުފުޅުން 60 އަހަރުގެ އުރުދުގާން މަސައްކަތް ކުރައްވަމުން ގެންދެވީ ގާނޫނުއަސާސީ އިސްލާހުކޮށްގެން، ވެރިކަމުގެ ބާރުތައް ރައީސަށް ބަދަލުކުރުމަށެވެ.

އެކަމަކު، އެއީ އެޗްޑީޕީ އާއި އެ ނޫން ވެސް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަަށް ފާޑުކިޔަމުން އަންނަ ކަމެެކެވެ. އެހެންވެ، މަޖިލީހުގެ އަގުލަބިއްޔަތު ގެއްލުމާ އެކު އެ މަސައްކަތް ކާމިޔާބުކުރަން އުރުދުގާނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެ އެވެ.