ވިޔަފާރި

މާލެއިން ޗެކިންކޮށް ދިނުމުގެ ހިދުމަތަށް ބޮޑު ތަރުހީބެއް

ސިނަމާލެ ބްރިޖު ހުޅުވުމާއެކު މޯލްޑިވިއަން އިން ފެށި މާލެއިން ޗެކިން ކޮށްދިނުމުގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބިގެންދާ ކަމަށް ގައުމީ އެއާލައިން އިން ބުނެފި އެވެ.

މާލެ/ ހުޅުމާލެ، ބަހުގެ ހިދުމަތް އާއްމުންނަށް ހުޅުވާލުމާއެކު ފެށި "ސިޓީ ޗެކިން" ގެ ހިދުމަތާ ބެހޭ ގޮތުން ގައުމީ އެއާލައިންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ހަމީދު ވިދާޅުވީ މި ހިދުމަތް ވެގެން ގޮސްފައިވަނީ ގިނަ ބަޔަކު ބޭނުންކުރާ ތަރުހީބު ބޮޑު ހިދުމަތަކަށް ކަމަށެވެ.

"ވަރަށް ގިނަ މީހުން މި ހިދުމަތް ހޯދަން މިހާރު އާދެ. ހާއްސަކޮށް ބޮޑެތި ފެމެލީތައް. ބައެއް ފަހަރު އެއް ފަހަރާ 20 މީހުންނަށްވުރެ ގިނަ މީހުން ވެސް އާދެ،" ނަޝާތު ވިދާޅުވި އެވެ.

މޯލްޑިވިއަން ދަތުރުކުރާ ހުރިހާ މަންޒިލްތަކަށް ދޭ ސިޓީ ޗެކިންގެ ހިދުމަތް ދެނީ މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހަދާފައިވާ ބަސް ސްޓޭޝަނުން ނެވެ.

ނަޝާތު ކުރިން ވިދާޅުވި ގޮތުގައި މި ހިދުމަތް ހޯދާ މީހުން ސަމާލުކަން ދޭންޖެހޭ އެއް ކަމަކީ ވަގުތު ކަމަށެވެ.

"ފްލައިޓްތައް ފުރުމުގެ ހަތަރު ގަޑިއިރު ކުރިން ސިޓީ ޗެކިން ކައުންޓަރުތައް ހުޅުވާނެ. ފްލައިޓުގެ 90 މިނެޓު ކުރިން ކައުންޓަރު ބަންދު ކުރާނެ. އިންޓަނޭޝަނަލް ފްލައިޓްތައް އެއާޕޯޓަށް ރިޕޯޓް ކުރަން ޖެހޭނެ 60 މިނެޓު ކުރިން. ޑޮމެސްޓިކް ޖެހޭ 45 މިނެޓު ކުރިން،" ނަޝާތު ވިދާޅުވި އެވެ.

މި ހިދުމަތް ދެނީ މޯލްޑިވިއަންގެ ސިޓީ ޗެކިން ކައުންޓަރު ހުޅުވުމުގެ މާލެއިން ޗެކިން ކޮށްދޭ ގޮތަށެވެ. އަދި ޗެކިންގެ ހިދުމަތް ނިމުމުން ލަގެޖު ހާއްސަ ވެހިކަލްއެއްގައި ގެންގޮސް ބޯޓަށް އަރުވައިދޭނެ އެވެ. ސިޓީ ޗެކިންގެ ހިދުމަތް މޯލްޑިވިއަންއިން ދޭނީ ހިލޭ އެވެ. މިއީ އިތުރު ފީއެއް ނަގާނެ ހިދުމަތެއް ނޫނެވެ.

ނަޝާތު ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލޭގައިވެސް "ސިޓީޗެކިން" ފަށަން ތައްޔާރު ވަމުންދާ ކަމަށެވެ.

"މި ހިދުމަތް ފަށާނީ އަމީންވެނިއުގައި ހާއްސަ ތަނަކުން. މިތަނުން ޗެކިންގެ ހިދުމަތުގެ އިތުރުން ޓިކެޓުވެސް ލިބޭނެ،" ނަޝާތު ވިދާޅުވި އެވެ.