overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ ވައުދު: އިމާރާތް ކުރަން ދޫކުރާ ލޯނުގެ އިންޓަރެސްޓް %6 އަށް ދަށްކުރާނަން

އަތޮޅުތަކުގައި ގެދޮރު ހެދުމަށް ބޭންކުން ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް ކުޑަކުރައްވާ ލޯނު ލިބޭނެ ފަސޭހަ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވައުދުވެ ވަޑައިގެންފި އެވެ.

ކެމްޕޭންގައި އދ އަތޮޅާއި އއ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިގުރަށަށް ވަޑައިގެން މިއަދު ހެނދުނު އެ ރަށުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ގޯތި ދޫކުރި ނަމަވެސް، ފައިސާ ނެތުމުގެ ސަބަބުން އަމިއްލަ ގެދޮރު ހެދޭނެ ގޮތް ނެތިފައި އެތައް ރައްޔިތުންނަށް ތިބިކަން އެމަނިކުފާނުގެ ދަތުރުތަކުން އެނގިވަޑައިގެން ކަމަށެވެ. އެކަމަށް ލުޔެއް ހޯދައި ދެއްވުމަކީ އެމަނިކުފާނުގެ ސަރުކާރު އެންމެ މުހިންމު މަސައްކަތަށް ވާނެކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ ގެދޮރު ހެދުމަށްޓަކައި ލޯނުތައް ލިބޭނެ ގޮތްތައް ރާއްވަވާނެ ކަމަށެވެ. މިއީ ރަށްރަށްރަށުގައި އުޅޭ ޒުވާން އާއިލާތަކަށް ކޮންމެހެން ބޭނުންވެފައިވާ ކަމެއްކަން އިބޫ ފާހަގަ ކުރެއްވި އެވެ.

"ގޯތިދިނުމުގެ އިތުރަށް އެތަންތަން ހެދޭނެ ގޮތަށް ލޯނުގެ ފުރުސަތުތައް އަޅުގަނޑުމެން ފަހިކޮށްދޭނަން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާތްގަނޑަކަށް ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގައި މަހަކު 5،000 ރުފިޔާވަރު ދައްކަން ޖެހޭ ގޮތަށް އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން ހަމަޖައްސާނަން. މިއީ ޒުވާނުންނަށް ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ކޮންމެހެން މުހިންމުވެފައިވާ ކަމެއް،" އިބޫ ވިދާޅުވި އެވެ.

ހޯމް ކޮންސްޓްރަކްޝަން ލޯންގެ އިންޓަރެސްޓް ރޭޓް މިހާރު އުޅެނީ، 11 ޕަސެންޓަށް ވުރެ މަތީގަ އެވެ.

އިބޫ މިއަދު ވިދާޅުވީ، އިންތިހާބާ ޖެހެން، ކުރިއަށް އަށް ވަރަކަށް ދުވަސްއޮތް އިރު އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގައި ދެން ނުދެވި ހުރި މީހުން ދިރިއުޅޭ ރަށްތަކަށް ވަޑައިގެން އާންމުންނާ ބައްދަލުކުރެއްވުމުގައި ވަގުތުތައް ހޭދަ ކުރެއްވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިހާރު ވެސް ދެވުނު ގިނަ ރަށްތަކުން ރައްޔިތުން އެދެނީ ބަދަލަކަށް ކަމަށާއި ކޯލިޝަނަށް ބޮޑުތަނުން މި އިންތިހާބު ކާމިޔާބުވާ މަންޒަރު ފެންނަ ކަމަށް އިބޫ ވިދާޅުވި އެވެ.

މި ސަރުކާރުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމާއި ކޮރަޕްޝަނާއި ފަސާދަ އާންމުކޮށް ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފަތުރާފައިވާ މިންވަރު އިހުސާސް ކުރެވޭ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ވައްކަމާއި ފަސާދަ އަދި ބިރުވެރިކަމުން ދިވެހި ރައްޔިތުން ސަލާމަތް ކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އަދި ބިރުވެރިކަމަށް ނޫނެކޭ ބުނާ ކޮންމެ މީހަކު ނިކުމެ އެމަނިކުފާނު ހޮއްވަވައި ދެއްވަން ޖެހެ އެވެ.

ބިރުވެރިކަން އަޅުގަނޑުމެންގެ ތެރެއަށް މި އޮތީ ފަތުރާފައި. ބުނެވޭ އެއްޗަކުން ދެވޭ ތަނަކުން ހިނގާލެވޭ ގޮތަކުން ވެސް މިނިވަންކަމާ އެކު ދެން އުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތް. ޖަލަށްލާ ބަންދު ނުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް. މި ބިރުވެރިކަމުން އަޅުގަނޑުމެން ސަލާމަތްވާން އެބަ ޖެހޭ
އިބްރާހިމް މުހައްމަދު ސޯލިހު | އިދިކޮޅު ކެންޑިޑޭޓް

"ބިރުވެރިކަން އަޅުގަނޑުމެންގެ ތެރެއަށް މި އޮތީ ފަތުރާފައި. ބުނެވޭ އެއްޗަކުން ދެވޭ ތަނަކުން ހިނގާލެވޭ ގޮތަކުން ވެސް މިނިވަންކަމާ އެކު ދެން އުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތް. ޖަލަށްލާ ބަންދު ނުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް. ތާއީދު ކުރާ ފިކުރަމުން މި އަންނަނީ ވަޒީފާތަކުން ވަކިކޮށް ކަނޑާލަމުން. މި ބިރުވެރިކަމުން އަޅުގަނޑުމެން ސަލާމަތްވާން އެބަ ޖެހޭ،" އިބޫ ވިދާޅުވި އެވެ.

އާދައިގެ މަތިން އިބޫ ވަނީ ދިގުރަށަށް ވެސް ބޭނުންވެފައިވާ އެންމެހާ އަސާސީ ކަންކަން ފަހިކޮށްދެއްވުމަށް ވައުދުވެ ވަޑައިގެންފަ އެވެ. އިބޫ ވިދާޅުވީ، ދިގުރަށުގެ ބަނދަރުވެސް ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވާނެ ކަމަށާއި ޓޫރިޒަމް ކުރިއެރުވުމަށް ފުރުސަތުތައް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި އޭޓީއެމްގެ ހިދުމަތާއި ބޭންކިން ހިދުމަތް ވެސް އެ ރަށުން ލިބޭނެ ގޮތްތައް ހަމަޖައްސައިވައި ދެއްވުމަށް އިބޫ ވައުދުވެ ވަޑައިގެންނެވި އެވެ.