ދުނިޔެ

އައިއެސް ބަލިކުރަން އިރާގަަށް އެހީވާނެ ފުރިހަމަ ގޮތެއް އަދި ނުހޯދޭ: އޮބާމާ

Jun 9, 2015

އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކުރުމަށް އިރާގުގެ ސަރުކާރަށް އެހީވުމަށް ފުރިހަމަ ސިޔާސަތެއް އެމެރިކާ އަށް އަދި ނުހޯދޭ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ އެއްބަސްވެވަޑައިގެންފި އެވެ.

އޮބާމާ ވިދާޅުވި ގޮތުގައި އިރާގު އަސްކަރިއްޔާއާ އަލަށް ގުޅޭ މީހުންގެ އަދަދު ބައެއް ފަހަރު މަދުކަމުން، އިރާގުގައި މިހާރު ތިބި އެމެރިކާގެ ގާތްގަނޑަކަށް 3،000 ސިފައިން ފޫހިވާ ހިސާބަށް ވެސް ބައެއް ފަހަރު ދެ އެވެ. އެހެންވެ، އިރާގު ސިފައިން ތަމްްރީނުކޮށް ހަތިޔާރު ފޯރުކޮށް ދިނުމަށް މިހާރު ގެންގުޅޭ ސިޔާސަތު އެމެރިކާގެ އަސްކަރިއްޔާ އިން މުރާޖައާ ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަދި ނެތް ވަށާޖެހޭ، ފުރިހަމަ ސިޔާސަތެއް. އަސްކަރިއްޔާއާ އަލަށް މީހުން ގުޅުވާ، އެ މީހުން ތަމްރީނު ކުރުމާ ގުޅޭ ކަންކަމުގައި އިރާގުން ވެސް މުހިއްމު ދައުރެއް އަދާކުރަންޖެހޭތީ ވާ ގޮތް އެއީ،" ޖަރުމަނުގައި ބޭއްވި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހަތް ގައުމުގެ ވެރިންގެ ބައްދަލުވުން، ޖީ7 ސަމިޓުގެ ހަވާސާގައި އިރާގުގެ ބޮޑުވަޒީރު ހާދީ އަލް އަބާދީއާ ބައްދަލުކުރެއްވުމަށް ފަހު، އޮބާމާ ނޫސްވެރިންނަށް ވިދާޅުވި އެވެ.

އޮބާމާ ވިދާޅުވި ގޮތުގައި ސުންނީ މުސްލިމް ޖަމާއަތްތައް ވެސް އައިއެސްއާ ދެކޮޅަށް ނެރެންޖެހެ އެވެ. އެކަން ކޮންމެ ވެސް ވަރަކަށް ފެންނަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެކަމަކު އެކަން ކުރެވެމުން ދަނީ އެންމެ އެދެވޭ ސްޕީޑެއްގައެއް ނޫން،" އޮބާމާ ވިދާޅުވި އެވެ.

އެމެރިކާ އާއި ގުޅިފައިވާ ފައުޖުތަކުން އައިއެސްއާ ދެކޮޅަށް އިރާގާއި ސީރިއާގައި ވައިގެ ހަމަލާތައް ކޮންމެ ދުވަހަކުން ދެމުން ދަނިކޮށް ވެސް އައިއެސް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި އިރާގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން ވަަނީ އަންބާރު ޕްރޮވިންސުގައި އޮންނަ މުހިއްމު އަވަށެއް ކަމަށްވާ ރަމާދީ ހިފާފަ އެވެ.

މިދިޔަ މަހު 17 ގައި ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި އަސްކަރިއްޔާ އަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ވަނީ ވަގުތުން ޖަމާވެފަ އެވެ. ގާތްގަނޑަކަށް 3،000 ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެން ތިބުމަށް ފަހު، މިދިޔަ މަހު ފަހުކޮޅު ވަނީ ރަމާދީ އަލުން ހިފުމުގެ މަސައްކަތް ފަށާފަަ އެވެ. އެ މަސައްކަތް މުޅި އަންބާރު ޕްރޮވިންސަށް ފުޅާކޮށް، މިހާރު ކުރިއަށް ގެންދަނީ އަސްކަރިއްޔާއާ ގުޅިގެންނެވެ.

ރަމާދީ ހިފުމާ އެކު، އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު އަލް އަބާދީއާ، ކުރިމަތިލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ،

މީގެ އިތުރުން، އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން ވަނީ މިދިޔަ މަހު ސީރިއާގެ މުހިއްމު އަވަށްތަކެއް ވެސް ހިފާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން އެންމެ ފަހުން ހިފާފައި ވަނީ ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާ އެވެ،

ތާރީހާއި ސަގާފަތާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނެސްކޯ) އިން ބަލަހައްޓާ ދުނިޔޭގެ މުހިއްމު އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމެނޭ ޕަލްމައިރާ އަކީ ރޯމަން ހަޟާރަތުގެ އެންމެ މުހިއްމު އެއް އަވަށެވެ. ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ރޯމަނުން ބޭނުންކުރި މި އަވަށަކީ ގަދީމީ ރޯމަނުންގެ ބިނާތައް މިހާރު އެންމެ ރީއްޗަށް ފެންނަން ހުރި އެއް ސިޓީ އެވެ. އެ ގޮތުން، ފުރަތަމަ ގަރުނަށް ނިސްބަތްވާ، ރޯމަނުންގެ ބިނާތަކާއި ބަގީޗާތައް މި ސިޓީން ފެންނަން އެބަހުއްޓެވެ.

ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފައިވާ އައިއެސް އިން ޕަލްމައިރާގެ ތަރިކަތަކަށް ގެއްލުން ދީފާނެތީ، އެކަމާ މެދު ސީރިއާ ސަރުކާރާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ޔުނެސްކޯ ވެސް ހިމެނެ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.