ދުނިޔެ

ޕެރޯލްގެ ދަށުން ޕިސްޓޯރިއަސް އޮގަސްޓް މަހު ޖަލުން ދޫކޮށްލަނީ

Jun 9, 2015

ލޯބިވެރިޔާ މަރާލި މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންްފީޒުކުރަމުންދާ ދެކުނު އެފްރިކާގެ އޮލިމްޕިކް ތަރި އޮސްކާ ޕިސްޓޯރިއަސް ޕެރޯލްގެ ދަށުން އަންނަަ އޮގަސްޓް މަހު ޖަލުން ދޫކޮށްލަން ނިންމައިފި އެވެ.

މިދިޔަ އަހަރު ޕިސްޓޯރިއަސް ފަސް އަހަރަށް ޖަލަށްލީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މޮޑެލްއެއް ކަމަށްވާ ރީވާ ސްޓީންކޭމްޕް، 29، މަރުވީ ޕިސްޓޯރިއަސްގެ އިހުމާލުން ކަމަށް ކަނޑައަަޅާފަ އެވެ. އޭނާ ޖަލުގައި ހުންނަތާ އޮގަސްޓް 29 އަށް ދިހަ މަސްދުވަސް ހަމަވާނެ އެވެ. ދެކުނު އެފްރިކާގެ ގާނޫނު ބުނާ ގޮތުން ހުކުމެއްގެ ހަ ބައިކުޅަ އެއްބައި ފުރިހަމަކޮށްފި ނަމަ، "ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓާ ގޮތަަށް" ޖަލުން ދޫކޮށްލެވިދާނެ އެވެ.

ދެކުނު އެފްރިކާގެ ކަރެކްޝަނަލް ސާވިސަސްގެ ވެރިޔާ ޒެކް މޮޑީސޭ ވިދާޅުވި ގޮތުގައި އެ އުސޫލުގެ ދަށުން ޕިސްޓޯރިއަސް ޖަލުން ދޫކޮށްލަން، އޭނާ ހުންނަ ޕްރިޓޯރިއާގެ ޖަލުގެ ކޭސް މެނޭޖްމަންޓް ކޮމިޓީން ވަނީ މިދިޔަ ހަފުތާގައި ލަފާދީފަ އެވެ. އެހެންވެ، އޭނާ ޖަލުން ދޫކޮށްލުމަށް ފަހު ބަހައްޓާނެ ކަމަށް ބެލެެވެނީ ގޭބަންދުގަ އެވެ.

ރީވާ މަރުވެފައި ވަނީ ފެބްރުއަރީ 14، 2013 ވަނަ ދުވަހުގެ ރޭ ޕިސްޓޯރިއަސްގެ ކޮޓަރީގެ ފާހާނާގައި އުޅެނިކޮށް، ފާހާނާގެ ދޮރަށް ޕިސްޓޯރިއަސް ޖެހި ބަޑީގެ ވަޒަން އަރައިގެންނެވެ. އެކަމަކު، ޕިސްޓޯރިއަސް ބުނެފައި ވަނީ ފާހާނާގެ ދޮރު ލައްޕާފައި ހުއްޓާ ބަޑި ޖެހީ ފާހާނާގެ ފެންލައިޓުން ބަޔަކު ވަދެ، ކޮޓަރިތެރެ އަށް ވަންނަން އުޅޭ ކަމަށް ހީކޮށްފައި ކަމަށެވެ.

ދެކުނު އެފްރިކާގެ އިތުރުން މުޅި ދުނިޔޭގެ ސަމާލުކަން ވެސް ލިބުނު މި މައްސަލައިގައި، ޕިސްޓޯރިއަސް ޖަލަށް ލާފައި ވަނީ އިހުމާލުން މީހަކު މަރުވި ކުށް ސާބިތުވެގެންނެވެ. އޭނާގެ މައްޗަށް ކުރި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތެއް ނުވި އެެވެ.

އެ ދައުވާ ސާބިތު ނުވި މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ. އަދި އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް އަންނަ ނޮވެމްބަރު މަހު ފަށަން ކޯޓުން ވަނީ ނިންމާފަ އެވެ.

ޓައިމް މެގަޒިން އިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ވެސް 2013 ގައި ހިމެނުނު ޕިސްޓޯރިއަސް، 27، މަޝްހޫރު ވެފައި ވަނީ "ބްލޭޑް ރަނަ"ގެ ނަމުންނެވެ. އެއީ ވިހޭއިރު ވެސް ކަކުލުން ތިރީގައި ކަށި ނެތްއިރު ވެސް އެހެން އެތުލީޓުންނަށް ގޮންޖަހާލާފައިވާތީ އެވެ. އެ ގޮތުން، ދެ ފައިގެ ކަކުލުން ތިރީގައި އާޓިފިޝަލް ފައެއް ޖަހައިގެން ދުވެ، ޕިސްޓޯރިއަސް ވަނީ 2013 ވަނަ އަހަރު ބޭއްވި ލަންޑަން އޮލިމްޕިކްސްގެ ތަރިއަކަށްވެފަ އެވެ.