ބޮލީވުޑް

އެހެން އެކްޓަރުން މޮޅު ފިލްމު ކުޅޭތީ ހަސަދަވެރިވޭ: ރަންބީރު

Jun 10, 2015

މަޝްހޫރު އެކްޓަރު ރަންބޫރު ކަޕޫރު ބޮލީވުޑަށް އުފަންވިތާ 8 އަހަރުވެފައިވާއިރު، އޭނާ ވަނީ މިވީ މަދު އަހަރުތަކުގެ ތެރޭގައި ބޮޑު ކާމިޔާބީ އެއް ހޯދާފަ އެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ލިބުމުގެ އިތުރުން، ނަން މަޝްހޫރު ގިނަ ޑައިރެކްޓަރުންތަކަކާއި އެކު އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. މިއީ މަދުން ނޫނީ ތަރިއަކަށް ނުލިބޭނެ ފުރުސަތެކެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އާއިލާއަށް އުފަން މި ތަރި އަކީ ބޮލީވުޑަށް އުފަންވުމުގެ ކުރިންވެސް ސުޕަސްޓާރެކެވެ.

ދެހާސް ހަތްވަނަ އަހަރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިޔާ" އިން ބޮލީވުޑަށް ތައާރަފުވި ރަންބީރު އަށް މިހާތަނަށް މާ ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅެވިފަ އެއް ނުވެ އެވެ.ކެރިއަރުގެ އެންމެ ޅަފަތުގައި ވެސް މާގިނަ ކާމިޔާބު ފިލްމުތަކެއް ރަންބީރުއަށް ކުޅެފައިނުވިޔަސް، ގިނަ ބަޔަކަށް ވަނީ އޭނާ އަކީ އާދައިގެ އެކްޓަރެއް ނޫންކަން ސާބިތުކޮށްދީފަ އެވެ.

ގިނަ ނާކާމިޔާބު ފިލްމުތަކަކަށް ފަހު ރަންބީރުގެ ތަރި އޮއްސުނުކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުން ދަނިކޮށް "ރޮކްސްޓާ"، "ބަރްފީ" އަދި "ޔޭ ޖަވާނީ ހޭ ދިވާނީ" އާއިއެކު ޖެހިޖެހިގެން ރިލީޒްވި ތިން ކާމިޔާބު ފިލްމާއިއެކު ރަންބީރު ވަނީ އޭނާގެ ތަރި އަކީ އެހާ ފަސޭހައިން އޮއްސޭނެ ތަރިއެއް ނޫންކަން ހާމަކޮށްދީފަ އެވެ.

އެހެންނަމަވެސް ކެރިއަރުގައި ރަންބީރުއަށް އަނެއްކާވެސް މިވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފަ އެވެ. ޖެހިޖެހިގެން ތިން ފިލްމެއް އަނެއްކާވެސް ބޮކްސް އޮފީހުގައި ފްލޮޕް ވެފައިވާއިރު، އެންމެ ފަހުން ނިކުތް ރަންބީރުގެ "ބޮމްބޭ ވެލްވެޓް" އަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ފްލޮޕް އެވެ.

ރަންބީރު އާއިއެކު ބޮލީވުޑަށް ތައާރަފު ގިނަ ތަރިންތަކެއް މިހާރު އޭނާއަށް ވުރެން ބޮޑު ކާމިޔާބީއެއް ހޯދައި، ބޮލީވުޑްގެ އެންމެ ކުރީގައި ވަނީ ފައިތިލަ ސާބިތުކޮށްފަ އެވެ. އަދި ގިނަ ތަރިންތަކެއް އޭނާއަށް ވުރެން ކާމިޔާބުވުމުން އެކަމާ ހަސަދަވެރިވާ ކަމަށާއި، އެމީހުން ކުރާ ހުރިހާ ކަމެއް ބަލަން އަބަދުވެސް ވަރަށް ޝައުގުވެރިވާ ކަމަށް ރަންބީރު ބުނެފި އެވެ.

“ބޮމްބޭ ވެލްވެޓް" ގެ ނާކާމިޔާބީއަށް މަހު މީޑިއާ އާއި ފުރަތަމަ ފަހަރަށް އޭނާގެ ކެރިއަރާއި ބެހޭގޮތުން ވާހަކަދައްކަމުން ރަންބީރު ބުނީ ފިލްމު އިންޑަސްޓްރީގައި ހިނގާ ކަންތައްތައް އަބަދުވެސް ވަރަށް ގާތުން ބަލާކަމަށެވެ. އެގޮތުން އެދުވަސްވަރެއްގައި ކުޅެމުންދާ ފިލްމުތަކާއި އޭނާގެ ވާދަވެރިން ކުޅޭ ފިލްމުތަކުގެ ހުރިހާ ކަމެއްވެސް ގަވާއިދުން ބަލާކަމަށެވެ.

އަދި އޭނާ އަކީ ވަރަށް ވާދަވެރި އެކްޓަރަކަށް ވުމުން، އެހެން ތަރިންނަށް ވުރެން މޮޅު އަދި ރަނގަޅު ފިލްމުކުޅެން އޭނާ އަބަދުވެސް ބޭނުންވާ ކަމަށްވެސް ރަންބީރު ބުންޏެވެ.

މީގެއިތުރުންވެސް އެނާގެ ވާދަވެރި ތަރިންނާއި އޭނާއަށް ވުރެން ދޮށީ ތަރިން މޮޅު ފިލްމުތައް ކުޅުމުން އެކަމާއި ވަރަށް ހަސަދަވެރިވާ ކަމަށެވެ. އަދި އެފިލްމެއް އޭނާ ނުކުޅުނީ ކީއްވެތޯ ނުވަތަ އެފިލްމަކުން އޭނާއަށް ފުރުސަތު ނުލިބުނީ ކީއްވެގެން ކަން ހިތައް އަރައި އެމީހުންނާއި މެދު ހަސަދަވެރިވާ ކަމަށެވެ.

“އަހަރެން ވަށައިގެން ވާ ހުރިހާ ކަންތަކެއް އަހަންނައް އިނގޭ" ރަންބިރު ބުންޏެވެ.

އެންމެފަހުން ރަންބިރުގެ ރިލީޒްވި ތިން ފިލްމުވެސް ފްލޮޕްވުމާއިއެކު އޭނާގެ ކެރިއަރު ނިމުނީކަމަށް މިހާރުވެސް ގިނަ ބަޔަކު އަންނަނީ ގަބޫލުކުރަމުންނެވެ.އެގޮތުން ރަންބީރުއަށް އަލުން ބެލުންތެރިންގެ ހިތްތަށް ފަތަހަ ކުރާ ވަރުގެ ފިލްމެއް ކުޅެވިދާނެތޯ މިއީ ވެސް ކުރެވޭ ސުވާލެކެވެ.

މިއަހަރު ތެރޭގައި ރަންބީރުގެ އިތުރު ފިލްމެއް ބެލުންތެރިންނާއި ހަމައަށް އަންނާނެ އެވެ. ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަދުކޯން އާއި އެކު ފެނިގެންދާ މިފިލްމުން ރަންބީރުގެ ކެރިއަރު އަލުން ކޮޅަށް ޖެހިދާނެ ކަމުގެ އުންމީދުގައި އެތައް ބަޔަކު އެބަތިއްބެވެ.