އިދިކޮޅު ކޯލިޝަންގެ ވެރިކަމެއް ގާއިމްވެއްޖެނަމަ ރައްޔިތުންނަށް ކޮށްދޭނެ ކަންކަން އެއް ތަނަކުން ފެންނަ ވެބްސައިޓެއް ނެރެފި އެވެ.
ވައުދުތަކުގައި މައިގަނޑު އަސާސްތައް ބިނާކޮށްފައިވަނީ ހަ ކަމަކަށެވެ. އެއީ ދިވެހި އިލްމުވެރީން، ސިއްހީ ނިޒާމް، ދިފާއީ ސިޔާސަތު، ގެދޮރުވެރި ކުރުން، ދިވެހި މަސްވެރިޔާ އަދި ޓޫރިޒަމް އެވެ.
ވެބްސައިޓްގައި އިދިކޮޅު ކޯލިޝަަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ރަށްރަށަށް ވަޑައިގެން ވެވަޑައިގެންފައިވާ ވައުދުތައް ހިމަނާފައިވެ އެވެ.
އިބޫ ވެފައިވާ ބައެއް މުހިންމު ވައުދުތައް:
- މެޓާނިޓީ ލީވް: މުސާރައާ އެކު އަންހެނުންނަށް ހަ މަސް، މުސާރައާ އެކު ފިރިމީހާއަށް އެއްމަސް
- ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުތައް އަނބުރާ ބަދަލު ކުރެވޭނެ
- އަލުން ރިލްވާންގެ މައްސަލަ ދެފުށް ފެންނަ ގޮތަކަށް ތަހްގީގުކުރާނެ
- ރަށުގެ އިހްތިސޯސްގައިވާ ވަސީލަތްތައް ކައުންސިލަށް ބަދަލުކޮށް މާލީ ފައިދާ ކައުންސިލަށް ލިބޭނެ
- މަސްވެރިންނާއި ދަނޑުވެރިންނަށް ޕެންޝަން ލިބޭނެ
- އިންވެސްޓްމެންޓްތައް ހިމާޔަތް ކުރަން ގާނޫނުތައް ހެދޭނެ
- ސިޔާސީ މަގާމްތަކުގެ މާލީ ބަޔާނާއި ހާޒިރީ ހާމަކުރަން ޖެހޭނެ
- ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބިން އޮތް ރަށްތަކުން ގޯތި ދޫކުރާނަން
- ނުހައްގުން އަނިޔާލިބޭ ފަރާތްތައް އެންމެ ފުރަތަމަ ދުވަހު މިނިވަން ކޮށްދޭނަން
އިދިކޮޅު ކޯލިޝަންގެ ވެބްސައިޓެއް ނެރެފައިވާއިރު، ދެ ދުވަހެއްގައި ކޯލިޝަން އެއްބަސްވާ މެނިފެސްޓޯ ވެސް އާންމު ކުރާނެ އެވެ.