ދުނިޔެ

ފެތުނު ޗައިނާ ބޯޓުން ފެނުނު ހުރިހާ ހަށިގަނޑަކުން ޑީއެންއޭ ނަގައިފި

Jun 9, 2015

ޗައިނާގެ ދެކުނުގެ ސަރަހައްދެއްގެ ކޯރެއް ހުރަސްކުރަން އުޅުމުގެ ތެރޭގައި ބަންޑުން ޖަހާލައި ފެތުނު ބޯޓުން ދަތުރުކުރި އެންމެންހެން މަރުވެފައިވާކަން ކަށަވަރުވެފައި ވާއިރު، މިހާތަނަށް ފެނުނު އެންމެންގެ ޑީއެންއޭ ސާމްޕަލްތައް ނަގައިފި އެވެ.

ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީގެ ތަރުޖަމާނު އިއްޔެ ވިދާޅުވި ގޮތުގައި މިހާތަނަށް ފެނުނު 432 ހަށިގަނޑުން ޑީއެންއޭ ސާމްޕަލް ނަގާ ނިންމައި މިހާރު ކުރިއަށް ދަނީ އާއިލާތަކުގެ މީހުންގެ ޑީއެންއޭ ނެގުމުގެ މަސައްކަތެެވެ. މަރުވި މީހުންގެ އައިޑެންޓީ ދެނެގަތުމަށް، ޑީއެންއޭ ސާމްޕަލްތައް ދިމާވޭތޯ ބެލުމުގެ މަސައްކަތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް މަރުވި ބައެއް މީހުންނަކީ ކޮބައިކަން ވަނީ ދެނެގަނެވިފައި،" ތަރުޖަމާނު ވިދާޅުވި އެވެ.

އުތުރުގެ އަވަށެއް ކަމަށްވާ ނަންޖިން އިން ފުރައިގެން ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ޗޮންގިން އަވަށަށް މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ދަތުރުކުރަނިކޮށް، ޔަންގް ޒީ ކޯރަށް ފެތުނު ބޯޓުން ޖުމްލަ 456 މީހުން ދަތުރުކުރި އެވެ. ޗޮންގިންގް އީސްޓާން ޝިޕިން ކޯޕަރޭޝަންގެ ނަމުން ނަން ދީފައިވާ އަމިއްލަ ކުންފުންޏަކުން ދުއްވާ "އީސްޓާން ސްޓާ" ބޯޓުގައި ތިބީ 405 ޗައިނާގެ ފަސިންޖަރުންނާއި އެ މީހުންނާ ހަވާލުވެގެން ދިޔަ ޓްރެވަލް އެޖެންސީގެ ފަސް މުވައްޒިފެއްގެ އިތުރުން 46 ފަޅުވެރިންނެވެ.

އޭގެ ތެރެއިން 436 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައި ވާއިރު، ސަލާމަތްކުރެވިފައި ވަނީ އެންމެ 14 މީހުންނެވެ. ގިނަ ބައެއްގެ ހަށިގަނޑު ފެނުނީ 76 މީޓަރު ދިގު، 2،200 ޓަނުގެ އެ ބޯޓު ތެދުކުރުމަށް ފަހު އެތެރޭގެ ކޮޓަރިތައް ބެލުމުގެ ތެރޭގައި އެ ތަންތަނުންނެވެ.

ފެތުނު ބޯޓުން ދަތުރުކުރި އެންމެންހެން މަރުވެފައިވާކަން ކަށަވަރުވެފައި ވާއިރު، އެ މީހުންގެ ހަނދާން މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ ވެސް ވަނީ އާއްކޮށްފަ އެވެ. އެ ގޮތުން، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުންނާއި ސަރުކާރުގެ އިސް ވެރިން ވަނީ ބޯޓު ބަންޑުން ޖަލާހި ސަރަހައްދަށް ހޮނިހިރު ދުވަހު ޖަމާވެ، މަރުވި މީހުންގެ ހަނދާން އާކޮށްފަ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ނިސްބަތްވާ 1،500 އަށް ވުރެ ގިނަ މީހުން، ހަނދާން އާކުރުމުގެ ރަސްމިއްޔާތެއް ކޯރުގެ އައްސޭރިފަށުގައި އަމިއްލަ ގޮތުން އިއްޔެ ވަނީ ބާއްވާފަ އެވެ.

ދިރިތިއްބާ އިތުރު ބަޔަކު ފެނިދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތަސް، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުން ދަނީ ޔަންގް ޒީ ކޯރުގެ 1،300 ކިލޯމީޓަރުގެ ސަރަހައްދެއްގައި އަދިވެސް އަތްފުނާ އަޅަމުންނެެވެ.

ސަލާމަތްކުރި މީހުންގެ ތެރޭގައި ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރު ހިމެނެ އެވެ. ހުބޭއީ ޕްރޮވިންސްގެ ޖިއަންލީ އަވަށް ހުރަސްކުރަނިކޮށް ބޯޓު ފެތުނީ ނަގޫރޯޅިއެއްގައި ޖެހިގެން ކަމަށް ކެޕްޓަން ބުނި ނަމަވެސް އޭނާ އާއި ޗީފް އިންޖިނިއަރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެެ.

ފުންމިނުގައި ގާތްގަނޑަކަށް 150 ފޫޓު ހުންނަ ކޯރަށް އެ ބޯޓު ފެތެން ދިމާވި ސަބަބު އަދި ސާފެއް ނުވެ އެވެ. އެހެން ނަމަވެސް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ އެކަން ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމުގެ ޔަގީންކަން މިދިޔަ ބުރާސްފަތި ދުވަހު ދެއްވާފަ އެވެ.

މި ބޯޓު ފެތުނު ކޯރުގައި ނުރައްކާތެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެ ގޮތުން، ޓެސްޓުތަކެއް ހަދަން ދަތުރުކުރި ޓަގު ބޯޓެއް މިދިޔަ ޖެނުއަރީ މަހު ކަނޑުވެ، ފެތުނު ހާދިސާގައި 22 މީހަކު މަރުވެފައިވެ އެވެ.