overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އަނެއް އޮޅުންބޮޅުން! ވޯޓްގެ ނަތީޖާ ނެރެން ޓެބްލެޓް؟!

ދެ ކެންޑިޑޭޓުން ވާދަކުރާ ފުރަތަމަ ރިޔާސީ އިންތިހާބަށް ހަފުތާއަކަށްވުރެ މަދު ދުވަސްކޮޅަށްވެފައިވާއިރު އިންތިހާބާ ދިމާކޮށް ފެންމަތިވާ ކަންބޮޑުވުންތައް މަދެއް ނޫނެވެ. ފަހަރަކު ކަންބޮޑުވުމެއް ފެންމަތިވެ އިދިކޮޅު ފަރާތްތަކުން އިލެކްޝަން ކޮމިޝަން، އީސީއަށް ކުރާ އިތުބާރު އެއްކޮށްހެން ވަނީ ގެއްލިފަ އެވެ. ވޯޓްގެ ނަތީޖާ ވަކިދިމާލަކަށް އަނބުރާލަން ކަންތައްތަކެއް ރާވަމުންދާ ކަމަށް އީސީގެ މައްޗަށް ތުހުމަތު ކުރެވެނީ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާތީ އެވެ. މީގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް އެތައް ކަމެއް ކުރަން އީސީއިން ވިސްނާފައި ވާތީ އެވެ. އެކި ފަހަރު އެކި ގޮތަށް
ނިންމުންތައް ބަދަލުވަމުން އަންނާތީ އެވެ.

ވޯޓު ގުނުމަށްފަހު ނަތީޖާ ވޯޓުލާ މަރުކަޒުގައި އިއުލާންކުރުމުގެ ބަދަލުގައި ނަތީޖާ ފުރަތަމަ ޓެބްލެޓަށް އެންޓާކުރަން އުޅޭ ކަމުގެ ތުހުމަތުތަކާއި އަޑުތައް މި ވަނީ ގަދަވެފަ އެވެ. މިފަހަރު ވޯޓްލާ މަރުކަޒުގައި ކުރާ އިދާރީ އެކިއެކި ކަންކަން ކުރުމުގައި ޓެބްލެޓް ބޭނުން ކުރާނެކަން އީސީއިން އޮތީ ނިންމައިފަ އެވެ. މީގެ ކުރިން މުޅިން ވެސް ބޭނުން ކުރީ ލެޕްޓޮޕެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ޓެބްލެޓް އަދި ލެޕްޓޮޕް ވެސް އިދާރީ ކަންކަމުގައި ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު މައްސަލަ ފެށޭ ހިސާބަކީ ނަތީޖާ އިއުލާން ކުރުމަށް ޓެބްލެޓްގެ ދައުރު ވަންނަ ހިސާބެވެ.

މިކަން އެންމެ ފުރަތަމަ ފެންމަތި ކުރި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވަނީ، އިންތިހާބުގައި ވޯޓު ފޮށިތައް ކައިރީގައި އުޅޭނެ އޮފިޝަލުން ތަމްރީނު ކުރުމަށް ބޭއްވި ސެޝަންތަކުގައި އީސީއިން އިރުޝާދު ދެނީ އެންމެ ފުރަތަމަ ޓެބްލެޓަށް ނަތީޖާ އެންޓާކޮށް އީސީއަށް ފޮނުވުމަށެވެ. ވޯޓް އޮފިޝަލުންނާ ހަވާލާދީ މަހުލޫފް ވިދާޅުވާ ގޮތުގައި، މައިމަރުކަޒުގައި ނަތީޖާ އިއުލާން ކުރާނީ، ޓެބްލެޓް މެދުވެރިކޮށް ނަތީޖާ ޝީޓް އީސީއަށް ފޮނުވުމުން އެ ޝީޓް އެޕްރޫވް ކުރުމުން، ޝީޓް ޓެބްލެޓް މެދުވެރިކޮށް ޕްރިޓްކޮށްގެން އެވެ.

އީސީއިން އެގޮތަށް އިރުޝާދު ދިން ކަމަށް ބުނާ، ޕްރެޒެންޓޭޝަންގެ ސްކްރީން ޝޮޓްތައް ވެސް ވަނީ މިހާރު އާންމުވެފަ އެވެ. އިލެކްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ކަމަށް ބުނާ އެ ޕްރެޒެންޓޭޝަނުގައިވާ ގޮތުން ވޯޓު ގުނާ ނިމުމުން އެންމެ ފުރަތަމަ ޓެބްލެޓްގައިވާ ރިޒެލްޓް ޗެކާއިން ނަތީޖާ ޓެބްލެޓަށް އެންޓާ ކުރަންޖެހެ އެވެ. ޕްރިންޓް ކުރަން ޖެހެނީ ޓެބްލެޓުން ޖެނެރޭޓް ކުރާ ވަގުތީ ނަތީޖާ އެވެ. އޮފިޝަލުން ސޮއިކުރަން ޖެހެނީ ޓެބްލެޓުން ޖެނަރޭޓްކުރާ ޝީޓްގަ އެވެ. ވޯޓުލާ މަރުކަޒުގައި ބާރަށް ނަތީޖާ އިއުލާން ކުރާނީ އޭގެ ފަހުންނެވެ. އަދި ފެންނަ ގޮތަށް ތަށްކުރަނީ އެއަށްފަހު ކަމަށް މި ލިޔުންތަކުގައިވެ އެވެ.

ވާދަވެރި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވިއިރު އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގު ވިދާޅުވީ، މީގެކުރިން ރިޒަލްޑް ޗެކާއަށް ޑޭޓާ އަޅަނީ ވޯޓުލާ މަރުކަޒުތަކުގައި ނަތީޖާ އިއުލާންކުރުމަށްފަހު ކަމަށެވެ. އަދި ނަތީޖާ ޝީޓްގައި އަދަދުތައް ލިޔަނީ ގަލަމުން ކަމަށެވެ. ޓެބްލެޓަށް އަޅައިގެން ނަތީޖާ ޕްރިންޓް ކުރުމަކީ "ޖެހިގެން ހުރި ގެއަށް ކާރަކަށް އަރައިގެން ދިޔުން" ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ގާނޫނާ ވެސް ހިލާފުވާ ކަމެއްކަން އެތައް އިންތިހާބުގައި އެތައް ޕްރެޝަރެއް ނެންގެވި ފުއާދު ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ސްޕޯކްޕާސަން މާރިޔާ އަހުމަދު ދީދީވެސް ވިދާޅުވަނީ، ޓެބްލެޓަށް އެންމެ ފުރަތަމަ ނަތީޖާ އިއުލާން ކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ކަނޑައެޅިގެން އިންތިހާބީ ގާނޫނުތަކާ ހިލާފަށް އީސީއިން ހިންގަން އުޅޭ ޖަރީމާއެއް ކަމަށެވެ. އަދި އެކަމަށް އިދިކޮޅު ފަރާތްތަކަށް އާބަސް ނުބުނާނެ ކަމަށާއި އެކަމާ ފުރިހަމަޔަށް ދެކޮޅު ހައްދަވާ ކަމަށް މާރިޔާ ވިދާޅުވެ އެވެ.

"ފުރަތަމަ ނަތީޖާ ޓެބްލެޓަށް އެންޓާކޮށްގެން އެއަށް ފަހު ނަތީޖާ އިއުލާން ކުރުމަކީ ހަމަ ކަނޑައެޅިގެން ގާނޫނުގައި އޮތް ތަރުތީބާ ހިލާފަށް އީސީއިން ހިންގަން އުޅޭ އަމަލެއް،" މާރިޔާ ވިދާޅުވި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 57 ވަނަ މާއްދާގައިވާ ގޮތުން ވޯޓު ގުނާ ނިމުމުން ނަތީޖާ ޝީޓްގައި ސޮއިކުރާ ފަރާތްތައް ސޮއިކުރުމަށްފަހު ވޯޓުލާ މަރުކަޒުގައި ނަތީޖާ އިއުލާންކޮށް ޝީޓް އާންމުކޮށް ފެންނަ ގޮތަށް ބަހައްޓަންޖެހޭނެ އެވެ. އަދި ނަތީޖާ އިއުލާންކުރުމާއެކު ލަސްނުކޮށް އެ ނަތީޖާ މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވަން ޖެހޭނެ އެވެ. ގާނޫނުގައި ތަރުތީބުކޮށްފައިވާ އުސޫލަކީ މިއީ އެވެ.

ޓެބްލެޓަށް އަޅައިގެން ނަތީޖާ ޕްރިންޓް ކުރުމަކީ 'ޖެހިގެން ހުރި ގެއަށް ކާރަކަށް އަރައިގެން ދިޔުން' ފަދަ ކަމެއް ކަމަށް
ފުއާދު ތައުފީގް - އީސީގެ ކުރީގެ ރައީސް

ވޯޓު ގުނުމަށްފަހު ސޮއިކޮށް އެންމެ ފުރަތަމަ ނަތީޖާ އިއުލާން ކުރާނީ އެވެ. ޓެބްލެޓް މެދުވެރިކޮށް މައި މަރުކަޒަށް ޝީޓް ފޮނުވަން ޖެހޭނީ ޝީޓް އާންމުކޮށް ފެންނަ ގޮތަށް ބެހެއްޓުމަށްފަހު އެވެ. އެކަމަކު ސުވާލަކީ މިފަހަރު މި ތަރުތީބު ބަދަލުވީ ހެއްޔެވެ؟ ނަތީޖާ ޝީޓް ޓެބްލެޓަށް އެންޓާކޮށް އޭގެން ޖެނަރޭޓް ކުރާ ޝީޓެއް އިއުލާން ކުރުމުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އަދި ބޮޑު އެހެން ސުވާލެއް ވެސް އެބަ އޮތެވެ. މީގެ ކުރިން ބޭނުން ކުރި ލެޕްޓޮޕްތައް އީސީގެ ތެރޭގައި ހިރަފުސް އަރަން ހުރިއިރު އަލަށް ޓެބްލެޓްތަކެއް އޯޑަރުކޮށްގެން ގެނެސް އިންތިހާބުގެ މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟

މިފަދަ ކޮންމެ ތުހުމަތެއް ވެސް އިލެކްޝަން ކޮމިޝަނުން ދޮގު ކުރެ އެވެ. ނޫނީ އެކަމުގައި ސީދާ ޖަވާބެއް ނުދީ ކޮންމެވެސް އެހެން ވާހަކައެއް ދައްކަ އެވެ. ވޯޓު ގުނުމުގައި މި ފަހަރު ތަފާތުވުންތައް ހުންނާނެ ކަމަށް ބެލެވެން ފެށުމުން ވެސް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވަނީ ވޯޓު ގުނުމާއި އިއުލާން ކުރުމުގެ މަރުހަލާ އަށް އެއްވެސް ތަފާތެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ޝަރީފު ނޫސްވެރިންނަށް ވިދާޅުވެފައިވަނީ ޓެބްލެޓު ބޭނުންކޮށްގެން ނަތީޖާ އިއުލާން ކުރަން އުޅޭ ކަމަށް ވާހަކަ ދެކެވުނަސް ނަތީޖާ އިއުލާން ކުރާނީ ވޯޓު ފޮށި ބަހައްޓާ މަރުކަޒެއްގެ އެންމެ އިސް ވެރިޔާ ކަމަށެވެ. ޓެބްލެޓަކުން އެކަން ނުކުރާނެ ކަމަށެވެ. ޝީޓް މަރުކަޒުގައި ތަތްކުރުމަށް ފަހުގައި ނޫނީ މައި މަރުކަޒަށް ނުފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. މަރުކަޒުތަކުން ނަތީޖާ އިއުލާން ނުކުރަނީސް އެ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ނޭނގޭނެ ކަމަށް ޝަރީފް ވިދާޅުވެ އެވެ.

ޝަރީފުގެ ޔަގީންކަމާއި އާންމުވެފައިވާ ސްކްރީން ޝޮޓްތަކުގައިވާ ވާހަކަތައް ފުށު އަރާއިރު އެ ސްކްރީން ޝޮޓްތަކުގެ ހަގީގަތް އިލެކްޝަން ކޮމިޝަނުން އަވަހަށް ހާމަކުރަންޖެހެ އެވެ. ގާނޫނާ ހިލާފުވާ ގޮތަށް ޓެބްލެޓުން ނަތީޖާ ޝީޓް ޖެނެރޭޓްކުރުމާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ސާފު ޖަވާބެއް ބޭނުންވެ އެވެ.