overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރަން ތައްޓާއެކު ދެ ކެންޑިޑޭޓުން ހާމަކުރެއްވީ ކުޅިވަރު ސިޔާސަތު

ރާއްޖޭގެ ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމާއެކު މިރޭ ބޭއްވި ޕީޕީއެމް އަދި އިދިކޮޅުގެ ޖަލްސާގައި ކެންޑިޑޭޓުންގެ ކުޅިވަރުގެ ސިޔާސަތުތައް ހާމަަ ކުރައްވައިފި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅުނު އިރު މިރޭ ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ވިލިމާލޭގައި ބޭއްވުމަށް އޮތީ ހަމަޖެހިފަ އެވެ. އަދި އިދިކޮޅު އިއްތިހާދުގެ ބޮޑު ޖަލްސާއެއް ޅ. ނައިފަރުގައި ބޭއްވުމަށް ވެސް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ރާއްޖޭގެ ޓީމުން އެ މުބާރާތް ކާމިޔާބު ކުރުމާއެކު ކެންޑިޑޭޓުން ވަނީ ސިޔާސީ ވާހަކަތަކަށް ވުރެ ބޮޑަށް ގައުމީ ވާހަކަތައް ދައްކަން ނިންމަވާ، ކުޅިވަރުގެ ސިޔާސަތުތައް ހާމަކުރައްވައިފަ އެވެ.

އެގޮތުން ވިލިމާލޭގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ކުޅިވަރަކީ ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ މައްޗައް ހިނގާ ހަރަކާތްތަކެއް ކަމަށާއި އެއީ ވަކިކުލައެއް ނުވަތަ ވަކި ފަރާތެއް ނޯންނަ، ގައުމީ ލޯބިވަންތަކަން ދައްކުވާދޭ ހަމައެކަނި ހަރަކާތް ކަމަށެވެ. އެގޮތުން ޒުވާނުންނަށް އެ ދާއިރާއިން ކުރިއަރައިދިޔުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދޭން ޖެހޭ ކަމަށާއި އެގޮތުން އެއްކަމެއްގެ ގޮތުގައި މާލެ ކައިރީ އޮންނަ ތަނބުރުދޫ ރާޅާ އަޅާ ކުދިންނަށް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އޭގެ އިތުރުން ވިލިމާލޭ 2 މަަޝްރޫއުގެ ތެރެއިން އެ ޝަހަރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ރޭސިން ޓްރެކްއެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ކުޅިވަރަކީ ސިޔާސީ ހިޔާލު ތަފާތުވުމުގެ މައްޗައް ހިނގާ، އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ހަދާ ހަރަކާތެއް، ހަމަގައިމު ވެސް ދިވެހި ގައުމީ ޓީމު އަންނަ އިރު ވަކި ކުލައެއް ނުތިބޭނެ ވަކި ފިކުރެއް ނުތިބޭނެ، އަޅުގަނޑުމެން އެންމެން އަތް އުފުލާލާނީ ދިވެހި ޓީމަށް މަރުހަބާ ކިޔުމަށް، ކުޅިވަރަކީ ސިޔާސީ ބައުންޑްރީއެއް ސިޔާސީ ބޯޑަރެއް ދަންނަ އެއްޗެއް ނޫން، އަޅުގަނޑުމެންގެ އެތެރޭގައި އޮންނަން ޖެހޭ ގައުމީ ލޯބި އޮންނާނެކަން ދައްކުވައިދޭ ހަމައެކަނި ހަރަކާތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ނައިފަރުގައި ވާހަކަ ދައްކަވަމުން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ކުޅިވަރަކީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ނުވިސްނައި، އެއީ އިޖްތިމާއީ ފޭރާން ރަނގަޅުކޮށްދޭ އިގްތިސާދީ މަސައްކަތެއް ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ހުރިހާ މުބާރާތެއް ބާއްވާނެ ތަން ތަރައްގީކޮށްދީ، މާލެ ސަރަހައްދުގައި ތިން ސުވިމިން ޕޫލެއް ގާއިމްކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ގައުމީ ފުޓޫބޯޅަ ލީގެއް ހޯމް އެންޑް އަވޭ އުސޫން ބާއްވާނެ ކަމަށާއި ގައުމީ ޓީމް ތަކުގެ ކުޅުންތެރިންނަށް ހާއްސަ ސިއްހީ ފަރުވާދޭ ސްކީމެއް ވެސް ތާރަފް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ކުޅިވަރު އެސޯސިއޭޝަންތައް އެންމެހާ ސިޔާސީ ނުފޫޒުތަކުން މިިނިވަން ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ބޭނުންވާ ވަސީލަތްތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދެވާނެ ކަމަށާއި ސްޕޯޓްސް ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، ގާނޫނުން ލިބިދޭ ހުރިހާ ހައްގެއް އެ ފަރާތްތަކަށް ހޯދާ ދެވިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.