ދުނިޔެ

މަރުގެ ހުކުމް ތަންފީޒުކުރުން އެމެރިކާގައި ހުއްޓާލަނީ؟

ގައުމުތަކުން މަރުގެ ހުކުމް ތަންފީޒުކުރާތީ އެންމެ ބޮޑަށް އެކަމާ ކަންބޮޑުވުން ފާޅުކޮށް ދެކޮޅަށް އަޑުއުފުލާ ގައުމަކަށް ވެފައި އޮންނަނީ އަބަދުވެސް އެމެރިކާ އެވެ. ނަމަވެސް އެހެން ގައުމުތަކުން ބުނަނީ އެމެރިކާ އަށް އެހެންނޭ ކިޔާފައި އަނގައެއް ނުހުޅުވޭނެ ކަމަށާއި އެންމެ ގަދަ އަށް މަރުގެ ހުކުމް ތަންފީޒުކުރާ ގައުމުތަކުގެ ލިސްޓުގައި އެމެރިކާ ވެސް ހިމެނޭ ކަމަށެވެ.

އެއީ ހަގީގަތެކެވެ. އެމެރިކާ އަކީ މަރުގެ ހުކުމް ތަންފީޒުކުރާ ގައުމުތަކުގެ ލިސްޓުގެ ގަދަ ތިނެއްގައި ހިމެނޭ ގައުމެކެވެ.

ނަމަވެސް މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް މަޖުބޫރުވާ ފަދަ ހާލަތެއް އެމެރިކާ އަށް ދަނީ ކުރިމަތިވަމުންނެވެ. އަނެއްކޮޅުން މަރުގެ ހުކުމް އުވާލަން ތާއީދުކުރާ އެމެރިކާގެ ސްޓޭޓްތައް ވެސް އެ ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

އެންމެފަހުން މަރުގެ ހުކުމް އުވާލި އެމެރިކާގެ ސްޓޭޓަކީ ނެބްރަސްކާ އެވެ. އެމެރިކާގެ 31 ސްޓޭޓެއްގައި އަދިވެސް މަރުގެ ހުކުމް ގާނޫނީ އިމުގެ ތެރޭގައި އޮތް ނަމަވެސް މި ސްޓޭޓްތަކުގައި ވެސް މަރުގެ ހުކުމް ތަންފީޒުކުރާ ނިސްބަތް ދަށްވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

މިސާލަކަށް މިދިޔަ ހަފުތާގައި އެމެރިކާގެ ޓެކްސަސްގައި 67 އަހަރުގެ މީހަކަށް ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ. އޭނާގެ މައްޗަށް ހުކުމް ތަންފީޒުކޮށްފައި މި ވަނީ އެ ހުކުމަކާ އެކު ޖަލުގައި 30 އަހަރަށް ވުރެ ގިނަ ދުވަސްވި ފަހުންނެވެ.

އެހެންވީމަ މިގޮތަށް މަރުގެ ހުކުމް އިއްވާފައި އެ ހުކުމް ތަންފީޒުނުކޮށް އެމެރިކާގެ ޖަލުތަކުގައި އެތައް ސަތޭކަ ބަޔަކު އެބަ ތިއްބެވެ.

މަރުގެ ހުކުމް ތަންފީޒުކުރުން އެމެރިކާގައި މަދުވަމުން ދަނީ ނުވަތަ މިކަން ހުއްޓާލަން ބައެއް ސްޓޭޓްތަކަށް މަޖުބޫރުވަމުންދާ ސަބަބަކީ ހުކުމް ތަންފީޒުކުރުމަށް ބޭނުންކުރާ ލީތަލް އިންޖެކްޝަންގެ ސަޕްލައި ދަށްވުމާ ގުޅިގެންނެވެ.

އިންސާނީ ހައްގުތަކުގެ ޗެމްޕިއަނުން ކަމަށް ދައުވާކުރާ ޔޫރަޕުން އެމެރިކާ އަށް ލީތަލް އިންޖެކްޝަނާއި އެއާ އެކު ބޭނުންކުރާ ބޭސްފަދަ ތަކެތި ފޯރުކޮށްދޭއިރު މިކަމަށް ހާއްސަ ޔޫރަޕްގެ ވަރަށް ގިނަ ކުންފުނިތަކުން މިހާރު ދަނީ އެމެރިކާ އަށް ބޭނުންވާ މި ބޭސްތައް ފޯރުކޮށް ދިނުމަށް ދެކޮޅުހަދަމުންނެވެ.

މިއީ އެމެރިކާގެ ޖަލުތަކުގައި މަރުގެ ހުކުމް ތަންފީޒުނުކުރެވި ގިނަ އަދަދަކަށް މީހުން ތޮއްޖެހެމުންދާ އެއް ސަބަބެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާން އެމެރިކާ އަށް މަޖުބޫރުވެފައިވާ ސަބަބެއް ވެސްމެ އެވެ.

ނަމަވެސް ޔޫރަޕުން އެމެރިކާ އަށް ބޭސް ނުވިއްކުމާ ގުޅިގެން އަދި އެހެން މައްސަލައެއް ވެސް އެބަ އުޅެ އެވެ. އެއީ ލީތަލް އިންޖެކްޝަން ދޫކޮށް އެހެން ގޮތްތައް ނުވަތަ އާލާތްތައް ބޭނުންކޮށްގެން މަރުގެ ހުކުމް ތަންފީޒުކުރަން ބައެއް ސްޓޭޓްތަކުން ތާއީދުކުރަމުން ދިއުމެވެ.

އެހެންވީމަ އެމެރިކާގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަ މިހައި ހިސާބުން މި އެނބުރެނީ އަނެއް ކޮޅަކަށް ނޫން ހެއްޔެވެ؟ ރަނގަޅެވެ. ލީތަލް އިންޖެކްޝަނާއި ބޭސް ނުލިބޭ ނަމަ ނައިޓްރޮޖެން ގޭސް ޗެމްބާ ބޭނުންކޮށްގެން މަރުގެ ހުކުމް ތަންފީޒުކުރަން އެމެރިކާގެ އޮކަހޯމާ އިން ވަނީ އިހަކަށް ދުވަހު ފާސްކޮށްފަ އެވެ.

އޮކަހޯމާ އިން މަރުގެ ހުކުމް ތަންފީޒުކުރަން ލީތަލް އިންޖެކްޝަން ދޫކޮށް ގޭސް ޗެމްބާ ހިޔާރުކޮށްފައިވާއިރު ލީތަލް އިންޖެކްޝަންގެ އިތުބާރު މިފަހުން އެމެރިކާގައި ގެއްލިފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން އޮކަހޯމާގައި މިދިޔަ އަހަރު ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން މަރުގެ ހުކުމް ތަންފީޒުކުރި މީހަކު މަރަށް ތެޅިލަ ތެޅިލަ 40 މިނެޓް އޮންނަން ޖެހުނު މައްސަލައެއް ފަލަ ސުރުހީތައް އަތުލި އެވެ.

އެންމެފަހުން އޭނާ މަރުވީ ލީތަލް އިންޖެކްޝަންގެ ސައިޑް އިފެކްޓްސްގެ އަސަރުކޮށް ހިތް ހުއްޓިގެންނެވެ.

ލީތަލް އިންޖެކްޝަންގެ ސަޕްލައި ދަށްވެގެން އެމެރިކާ އިން މަރުގެ ހުކުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާއިރު ލީތަލް އިންޖެކްޝަންގެ ސައިޑް އިފެކްޓްސްގެ މައްސަލަ ބޮޑުވުމަކީ ވެސް މަރުގެ ހުކުމް ތަންފީޒުކުރާ ގޮތާ މެދު އެމެރިކާ އިން ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމެކެވެ.

މީގެ އިތުރުން މަރުގެ ހުކުމް ތަންފީޒުކުރަން ތިބޭ މީހުންނަށް ދިމާވާ ނަފްސާނީ މައްސަލަތަކުގެ އަޑު ވެސް ވަނީ އެމެރިކާގައި ބޮޑުވެފަ އެވެ. ތަޖުރިބާކާރުން ބުނަނީ އެކަމުގައި ހަރަކާތްތެރިވާ ވަރަށް ގިނަ ބަޔަކު އަމިއްލަ އަށް މަރުވަމުންދާއިރު ނުވަތަ އަމިއްލަ އަށް މަރުވާން މަސައްކަތްކޮށްފައިވާއިރު ޑިޕްރެޝަންގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ މަސްތުވާތަކެތީގެ ނުރައްކަލަށް ވެސް އެތައް ބަޔަކު ހުށަހެޅި ހަލާކުވަމުންދާ ކަމަށެވެ.

މަރުގެ ހުކުމް އުވާލުމަށް އެމެރިކާ އިން ވިސްނާ އަނެއް ސަބަބަކީ ޝަރުއީ މަރުހަލާގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ނުހައްގުން ހުކުމް އިއްވޭ މީހުންގެ އަދަދު އެމެރިކާގެ ޖަލުތަކުގައި ގިނަވަމުން ދިއުމެވެ.

އެގޮތުން ނުހައްގުން އަދަބު ލިބި މަރުގެ ހުކުމާ އެކު 20 އަހަރާއި 30 އަހަރު ވެސް ބައެއް މީހުން އެމެރިކާގެ ޖަލުތަކުގައި ހޭދަކޮށްފައި އެބަހުއްޓެވެ. އެގޮތުން ނުހައްގުން މަރުގެ އަދަބު އިއްވި މީހަކު އެމެރިކާގެ އަލަބާމާގެ ޖަލަކުން 30 އަހަރަށް ފަހު މި އަހަރުގެ ކުރީކޮޅު މިނިވަންކޮށްފައިވެ އެވެ.

ކޮންމެއަކަސް މިފަދަ ވަރަށް ގިނަ ސަބަބުތަކާއި މައްސަލަތަކާ ގުޅިގެން މަރުގެ ހުކުމް އުވާލަން ގޮވާލާ ފަރާތްތަކުގެ އަޑު އެމެރިކާގައި ދަނީ ގަދަވަމުންނެވެ.