އިންތިހާބަށް ހަފްތާއަކަށް ވެފައިވާއިރު، މިހާތަނަށް އައި އިރުވެސް އިލެކްޝަންސް ކޮމިޝަނުން އިންތިހާބާ ބެހޭ ސާފު މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ބުނެ އިދިކޮޅު ކޯލީޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫގެ) ރިޔާސީ އިންތިހާބުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވިދާޅުވީ، މިހާތަނަށް އައި އިރުވެސް އީސީން ހާމަކުރަންޖެހޭ އިންތިހާބާއި ބެހޭ ސާފު މައުލޫމާތުތަށް ހާމަކޮށްފަ ނުވާ ކަމަށާއި، އެކަމާއި ގުޅިގެން ރައްޔިތުންގެ ހިތުގައި ސުވާލުތަކެއް އުފެދިފައިވާކަމަށެވެ.
މާރިޔާ ވިދާޅުވީ ރައްޔިތުުންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ، އިލެކްޝަނަށްވެސް އިންތިހާބުގެ ކަންކަން ގެންދާނެެ އުސޫލް އިނގޭތޯ ކުރާ ސުވާލު ކަމަށާއި، އެ ކޮމިޝަނަށްވުރެ މަތިން ބަޔަކު ކަންކަން ނިންމަނީތޯ ސުވާލު އުފެދޭ ކަމަށެވެ.
މީގެ އިތުރުންވެސް މާރިޔާ ވަނީ އިންތިހާބާއި ގުޅޭ ދެ ކަންބޮޑުވުމެއް ފާހަގަކުރައްވާފަ އެވެ. ފުރަތަމަ ފާހަގަ ކުރެއްވީ ފުލުހުންގެ މުއައްސަސާއާއި ގުޅުން ހުރި ކަންބޮޑުވުންތަކެެވެ. އެގޮތުން އިންތިހާބާއި ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަން ބަޔަކު ރާވަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވާކަން މާރިޔާ ވަނީ ފާހަގަކޮށްފަ އެވެ.
މާރިއާ ވިދާޅުވީ ފުލުހުންނަށް އެކަމާއި ގުޅިގެން ލިބިފައިވާ މައުލޫމާތެއް އެކަމެއް ހިގުމުގެ ކުރިން ރައްޔިތުންނާއި ހިއްސާކުރަން ޖެހޭ ކަމަށާއި، އެމައުލޫމާތު ހިއްސާ ކުރަން އެދުމުންވެސް ފުލުހުން މައުލޫމާތު ހިއްސާކޮށްފާ ނުވާ ކަމަށެވެ. އަދި ފުލުހުން އެ ބުނާ ކަހަލަ އެއްވެސް ހަމަނުޖެހުމެއް އެއްވެސް ތާކު ހިނގިޔަ ދީގެން ނުވާނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
ދެވަނަ ކަންބޮޑުވުމަކަށް މާރިޔާ ހިއްސާކޮށްފައިވަނީ ކެނޑިޑޭޓުން ސޮއި ކޮށްފައިވާ ވޯޓާސް ލިސްޓްގެ ކޮޕީއެއް އީސީން ދީފައިނުވާ މައްސަލައެވެ. އެގޮތުން އެލިސްޓް ހުރިހާ ކެނޑިޑޭޓުންނަށްވެސް ދިނުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށާއި، އެހެން ނަމަވެސް އީސީން އެ ލިސްޓް ހިއްސާ ނުކުރި މަގުބޫލު އުޒުރެއްވެސް ދެއްކިފައިނުވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ޗާޕުކޮށްފައިވާ ވޯޓް ކަރުދާހުގެ އަދަދުވެސް ހާމަކޮށްފައިނުވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ވީހާވެސް ހެނދުނަކާ އިބޫއަށް ތާއިދުކުރައްވާ ބޭފުުޅުން ނިކުމެ ވޯޓުލުން އެދޭކަމަށާއި، އައްޑޫ އާއި ފުވައްމުލަކުގައި އިދިކޮޅު ފަރާތްތަކުން އަދި ޖަލްސާތަކެއް ބާއްވާނެ ކަމަށެވެ. މީގެ އިތުރުން އެހެން ތަންތަނުގައިވެސް އެކި ކަހަލަ ހަރަކާތްތަށް ބާއްވާނެ ކަމަށާއި، އިދިކޮޅު އިއްތިހާދުގެ ކެމްޕެއިން ނިންމާލާނީ ވަރަށް ކުލަ ގަދަކޮށްކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މާރިޔާ ވަނީ 170،000 ވޯޓް ކަށަަވަރުވެފައިވާކަމަށް ބުނާ ވާހަކަ މިއަދުވެސް ތަކުރާރު ކުރައްވާފަ އެވެ.