އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަކީ "ބޯން ލީޑަރެއް" ކަމަށް އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އިބޫއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ފައިސަލް ވާހަކަ ދެއްކެވީ އޭނާގެ ދާއިރާގެ މައި ރަށް، ކާށިދޫގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުންނެވެ. ފައިސަލް ވިދާޅުވީ، އިބޫއާއެކު 15 އަހަރު މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. ފެނިފައިވަނީ އިހްލާސްތެރިކަމާއި ހިކުމަތްތެރިކަމާއި ގައުމީ ވިސްނުމުގައި މަސައްކަތް ކުރެއްވި ތަން ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ދުވަހަކު ވެސް އަޑެއް ވެސް ނާހަމު އަޅުގަނޑުމެން ދިވެހި ރައްޔިތުން އެއްވެސް ކަހަލަ ހިޔާނާތުގެ އަމަލެއް އަނިޔާވެރިކަމުގެ އަމަލެއް ކޮރަޕްޝަންގެ އެއްވެސް ކަމެއް ފެނިފައެއް ނެތޭ، އާދެ! އަޅުގަނޑު ދަންނަވާނީ ބޯން ލީޑަރެކޭ އިބްރާހިމް މުހައްމަދު ސޯލިހަކީ،" ފައިސަލް ވިދާޅުވި އެވެ. "އިއްތިފާގެއް ނޫން އެއްވެސް ހާލަތެއްގައި ނަމުގަ ސޯލިހު، އެއީ ހެޔޮ ލަފާ ސޯލިހު ބޭފުޅެއް،"
ފައިސަލް ވިދާޅުވީ، ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްވުމަށް ދިވެހި ރައްޔިތުން ބާރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ގައުމު އާ މިސްރާބަކަށް ގެންގޮސް އުޖާލާ ދުވަސްތަކެއް ހޯދުމަށް އާ މަގު ކޮށަން ޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.