ބޮލީވުޑް

ސަލްމާންގެ "ސުލްތާން" އަށް ކަންގަނާ ނޫނެކޭ ބުނެފި

Jun 9, 2015

"ކްއީން" ގައި އާދަޔާ ހިލާފު މޮޅު އެކްޓިން އެއް ދައްކުވައިގެން ބަތަލާ ކަންގަނާ ރަނާވަތު އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުމާއިއެކު އޭނާ އަށް ފިލްމުތައް ކުޅުމަށް ފުރުސަތު އަންނަނީ އޮހެމުންނެވެ.

މަޝްހޫރު ގިނަ ޑައިރެކްޓަރުންގެ ފިލްމުގައި ކަންގަނާ ހިމަނަން ފުރުސަތެއް ލިބޭތޯ އެދިއެދި އެތަކެއް ޑައިރެކްޓަރުންނެއް މިހާރުވެސް ތިބިއިރު، ކަންގަނާ އަށް ވަގުތު ނުވުމުގެ ސަބަބުން ގިނަ ފުރުސަތުތަކެއް އަންނަނީ ދޫކޮށްލަމުންނެވެ.

އެގޮތުން ބޮޑު ބަޖެޓަކުން އުފައްދާ ޑައިރެކްޓަރު އައްބާސް އަލީ ޒަފަރުގެ "ސުލްތާން" ކަންގަނާ ވަނީ ދޫކޮށްލާފަ އެވެ. ސުޕަސްޓާ ސަލްމާން ޚާންއާއި އެކު ލީޑްރޯލު ކުޅުމަށް ކަންގަނާ މިފިލްމު ދޫކޮށްލާފައިވަނީ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖްގެ "ރަންގޫން" ގެ ޝޫޓިން އާއި އެއްދުވަސްވަރެއްގައި މިފިލްމު ޝޫޓްކުރުކަމަށް ހަމަޖެހިފައިވާތީ ކަމަށްވެ އެވެ.

ކަންގަނާ ވަނީ "ސުލްތާން" ގެ ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ އާއި މީގެކުރިން ބައްދަލުކޮށް، ސަލްމާންއާއި އެކު މިފިލްމުގައި އޭނާ ހިމެނުމަށް އެދިފަ އެވެ. އެހެންނަމަވެސް، އެންމެ ފަހުވަގުތު ކަންގަނާ ވަނީ ޝާހިދު ކަޕޫރު އާއި ސައިފް އަލީ ޚާން ލީޑްރޯލުން ފެނިގެންދާ "ރަންގޫން' ކުޅެން އެއްބަސްވެ "ސުލްތާން" ދޫކޮށްލާފަ އެވެ.

މީގެކުރިންވެސް ކަންގަނާ ވަނީ ސަލްމާން އާއި އެކު ފިލްމެއް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލާފަ އެވެ.

ސަލްމާން ޚާންގެ އެންމެ އުންމީދީ ފިލްމުގެ ގޮތުގައި ބެލެވޭ "ބަޖްރަންގީ ބައިޖާން"ގައި ކަރީނާ ކަޕޫރު ކުޅެފައިވާ ސަލްމާންގެ ލޯބިވެރިޔާގެ ރޯލުކުޅުމަށް އެންމެ ފުރަތަމަ ކަންގަނާ އަށް ހުށަހެޅުމުން ވަނީ އެރޯލު އޭނާއަށް ކަމުނުދާކަމަށް ބުނެ ދޫކޮށްލާފަ އެވެ.

އައިފާ އެވޯޑްސްގެ ވެސް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައިވާ ކަންގަނާ މިހާރު އަންނަނީ "ކައްޓީ ބައްޓީ" އާއި "އައި ލަވް ނިއުޔޯކް" ކިޔާ ދެފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

ސަލްމާން ބޮކްސިން ތަޅާ މީހެއްގެ ރޯލުން ކުޅުމަށް ހަމަޖެހިފައިވާ މިފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ނޭނެގޭއިރު، އޭނާ މިވަގުތު އަންނަނީ ޖުލައި މަހުގެ 17ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބަޖްރަންގީ ބައިޖާން"ގެ ޕްރޮމޯޝަން މަސައްކަތާއި ސޯނަމް ކަޕޫރުއާ އެކު ފެނިގެންދާ "ޕްރޭމް ރަތަން ދަން ޕާޔޯ"ގެ އެންމެ ފަހުގެ މަސައްކަތް ކުރަމުންނެވެ.