ހަބަރު

ރާއްޖެއަށް ތަށި ގެންނަ ދުވަސް ސަރުކާރު ބަންދު

އަންނަ އަންގާރަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.

އަންގާރަ ދުވަސް ބަންދުކުރަން ނިންމާފައިވަނީ ގައުމީ ފުޓުބޯޅަ ޓީމް، ސާފް ސުޒުކީ ކަޕް 2018ގެ ޗެމްޕިޔަންކަން ހޯދާފައިވާތީ، ގައުމީ ޓީމަށް މަރުހަބާ ދެންނެވުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސާފް ސުޒުކީ ކަޕް 2018ގެ ފައިނަލް މެޗުގައި އިއްޔެ އިންޑިޔާގެ ގައުމީ ޓީމާ ވާދަކޮށް ރާއްޖެއިން ޗެމްޕިޔަންކަން ހޯދާފައިވަނީ 2 ލަނޑު 1 ލަނަޑުގެ ނަތީޖާއަކުންނެވެ. އިއްޔެގެ މެޗުގެ ކުރިން ރައީސް ވަނީ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީއަށް ފޯނުން ގުޅުއްވައި ޓީމަށް ހިތްވަރުދެއްވައިފައެވެ.

އަންގާރަ ދުވަހު ރާއްޖެއަށް ތަށި ގެންނަން ހަމަޖެހިފައިވާއިރު ޓީމަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ ގޮތް މިހާތަނަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެކަމަށް ދަނީ ސަރުކާރުން ތައްޔާރީތައްވަމުންނެވެ.

އެ ދުވަސް ސަރުކާރު ބަންދުކުރާއިރު އަންނަ ހަފުތާގެ އާދިއްތަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެކެވެ. އެ ދުވަހަކީ ރިޔާސީ އިންތިހާބުގެ ވޯޓު އޮންނަ ދުވަހެވެ.