ކޮލަމާފުށިން ހައްޔަރު ކުރި މީހުން ބަންދުގައި ތިބުމަކީ ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގެ ވޯޓަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމެއް ކަމަށް އެ 18 މީހުންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމް އާއި އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުންގެ މެދުގައި ގއ. ކޮލަމާފުށީގައި ހިނގި ހަމަ ނުޖެހުމެއްގައި ހައްޔަރުކޮށްފައިވާ އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ 18 މީހުންގެ ވަކީލުންގެ ފަރާތުުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ، އެ 18 މީހުންގެ ތެރޭގައި އެއްފޮށްޓަކަށް ކަނޑައަޅާފައިވާ އިދިކޮޅު އިއްތިހާދުގެ އޮބްޒާވަރުން ހިމެނޭކަމަށެވެ.
ސުއޫދު ވިދާޅުވީ، އެގޮތަށް އެކަން ދިމާވުމުން، އެފޮށި އޮބްޒާވް ކުރުމުގެ ފުރުސަތު އިިކޮޅު އިއްތިހާދަށް ގެއްލިގެންދާ ކަމަށާއި، އެހެން ކަމުން އެ ފޮއްޓަން އަލުން އޮބްޒާވަރުން އައްޔަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އެ 18 މީހުންނަށް ވޯޓު ލެވޭނެ ފަދަ ގޮތެއް ހޯދައިދިނުމަށް ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި އެދިފައިވާކަމަށާއި، އެއަށް ޖަވާބެއް ލިބުމުން އިތުރު ގޮތެއް އެކަމާއި މެދު ނިންމާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު އިތުރަށް ވިދާޅުވީ، ދެ ފަރާތުުންވެސް ހަމަނުޖެހުން ހިންގި އިރު ވަކި ބަޔަކު ހައްޔަރުކުރުމުން ސުވާލު އުފެދޭ ކަމަށާއި، އެ މައްސަލަ ތަހުގީގު ކޮށްފައިވަނީ ތަހުގީގު ކުރަން ކުފޫ ހަމަނުވާ ބައެއް ކަމަށެވެ. އެގޮތުން އާންމު މިހަކު ސިއްސައިގެން ދާވަރަށް ކުއްތަކުގެ ތުހުމަތު ކޮށްފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.
"މި ފެންނަނީ 2013 އިން ފެށިގެން ބަންޑާރަ ނައިބު އޮފީހާއި، ޕީޖީ އޮފީހުގައި ތިއްބަވާ ބޭފުޅުންނަށް ޓެރަރިޒަމްގެ މާނަ ނޭގިދަނީ. އެއީ ނޭނގޭ ކަމެއް ކަމަށް ހަދައިގެން ތިބެނީ. މި ހިންގަނީ ސަރުކާރެއްތޯ ނުވަތަ ގޭންގެއްތޯ ސުވާލު އުފެދޭ،" ސުއޫދު ވިދާޅުވި އެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ވަކީލުންގެ ތެރޭގައި ހިމެނޭ މަރިޔަމް ޝީނާ ވިދާޅުވީ، އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި މަޖިލީހުގައި ވޯޓުލުމުގެ ހައްގުގެ ވާހާކަ ދައްކަން މަސައްކަތް ކުރި ހިސާބުން، އެވާހަކަ ފަނޑިޔާރު ވަނީ ހުއްޓުވާފައި ކަމަށެވެ. އަދި އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެ 18 މީހުން ހައްޔަރު ކުރަން ނުޖެހޭ ކަމަށާއި، ދޫކޮށްދިނުމަށް އެދި ކޮލަމާފުށީގެ ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއް ތައްޔާރުކޮށްފައިވާކަން ވަކީލުން ފާހަގަ ކުރެއްވި އެވެ. އެ ޕެޓިޝަންގައި ކޮލަމާފުށީގެ ޕީޕީއެމްއަށް ނިސްބަތްވާ ގިނަ ބަޔަކުވެސް ސޮއެކޮށްފައިވާ ކަމަށް ވަކީލުން ވަނީ ބުނެފަ އެވެ.