overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ކޯލިޝަނަށް ގާނޫނީ ބާރު ލިބޭ ގޮތަށް މެނިފެސްޓޯ ނެރެފި

ކޯލިޝަނަށް ގާާނޫނީ ބާރު ދޭން ނިންމައި އެކަން ހިމެނުމަށް ފަހު، އިދިކޮޅު ކޯލިޝަނުން އެއްބަސްވާ މެނިފެސްޓޯ މިރޭ އާންމުކޮށްފި އެވެ.

އާންމުކޮށްފައިވާ މެނިފެސްޓޯގައި "އެއްބައިވަންތަކުގެ ސަރުކާރު"ގެ ސިފަތައް ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ގުޅިފައިވާ ސަރުކާރު އުފެދިފައި އޮންނާނީ އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ހިމެނޭ ގޮތަށް ކަމަށް ވަނީ ބުނެފަ އެވެ. މިހާރު އިދިކޮޅުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނެ އެވެ.

މެނިފެސްޓޯގައިވާ ގޮތުން އެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ކުރާނެ އެންމެ މުހިންމު އެއް މަސައްކަތަކީ، ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ކިލަނބު ކޮށްފައިވާ އެންމެހާ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް،
ދައުލަތުގެ މުއައްސަސާތަކަކީ ރައްޔިތުންނަށް އިތުބާރު ހިފޭފަދަ ތަންތަންކަމުގައި އެމުއްދަތުގައި އެތަންތަން ހަދާނެ ކަމަށް މެނިފެސްޓޯގައިވެ އެވެ.

އިދިކޮޅު ޕާޓީތަކުން އެއްބަސްވެ ނެރެފައިވާ މެނިފެސްޓޯގައިވާ ގޮތުން ކޯލިޝަން ރޫޅޭ ގޮތްތަކާއި، ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމިއޮތުމާއި ނެތުން، އަދި ކޯލިޝަނަށް ދިމާވާ އެހެނިހެން މައްސަލަތައް ހައްލުކުރާނެ ގޮތްތައް ބަޔާންކުރާ އެއްބަސްވުމެއްގައި ހަތަރު ލީޑަރުން ސޮއިކުރައްވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު ކޯލިޝަން ސަރުކާރަށް ލިބޭތާ 31 ދުވަހުގެ ތެރޭގައި މި އެއްބަސްވުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ފާސްކުރާނެ ކަމަށް ވެސް މެނިފެސްޓޯގައިވެ އެވެ.

"ގާނޫނުގެ ވެރިކަން ނެގެހެއްޓުން، އަދި ގާނޫނުގެ ބާރަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން ދައުލަތުގެ މުއައްސަސާތަކަށާއި، މުއައްޒަފުންނަށް އަންގައިދީ، ގުޑްގަވާނަންސްގެ އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުން،" ކޯލިޝަންގެ މައިގަނޑު އަސާސެއް ކަމަށް ބުނެފައިވެ އެވެ.

ދިގު މުއްދަތެއްގެ ޕްލޭންތަކެއްގެ ތެރެއިން ދިވެހިންނަށާއި ރާއްޖެއަށް އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުން ގެނެސްދޭނެ ކަމަށާއި ގުޅިފައިވާ ސަރުކާރަކީ، އިންފޮމޭޝަން ޓެކްނޮލޮޖީއާއި ރައްޓެހި އަދި މުސްތަގުބަލަށް ވިސްނައިގެން ސިޔާސަތުތައް ކަނޑައަޅައި ތަންފީޒްކުރާނެ ސަރުކާރަކަށް ވާނެ ކަމަށް ވެސް މެނިފެސްޓޯގައިވެ އެވެ.

ކޯލިޝަންގެ މެނިފެސްޓޯގައި ކުރިން އާންމުކުރި އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ކަންކަން ހިމަނާފައިވެ އެވެ. އެގޮތުން "އޯގާތެރި ސަރުކާރު" އާއި "ޖަޒީރާ ދިރިއުޅުން" އާއި "އިންސާފު"ގެ މައިގަނޑު އަސާސްތައް ހިމަނާފައިވެ އެވެ.

މީގެއިތުރުން ކޯލިޝަންގެ ދީނީ ސިޔާސަތު މެނިފެސްޓޯގައި ވަަރަށް ތަފްސީލްކޮށް ހާމަކޮށްފައިވެ އެވެ. އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދިނުމާއި، އިސްލާމްދީނުގެ ސައްހަ އަގީދާ ރާއްޖޭގައި ދަމަހައްޓައި، އިސްލާމްދީނުގެ މައިގަނޑު އުސޫލުތަކާއި ހިލާފަށް އެއްވެސްކަމެއް ނުކުރާނެ ކަމަށް މެނިފެސްޓޯގައިވެ އެވެ.