ހަބަރު

ދުވާފަރުގައި ޒަހަމްކޮށްލި މީހާގެ ހާލުބޮޑުވެ އައިޖީއެމްއެޗްގައި

Sep 17, 2018
1

ހޮނިހިރު ދުވަހުގެރޭ ރ. ދުވާފަރުގައި ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސްވުމުގެ ސަބަބުން މާލެ ގެނެސް އައިޖީއެމްއެޗްގައި އޮޕަރޭޝަނެއް ކޮށްފި އެވެ.

ދުވާފަރު މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ 21 އަހަރުގެ ޒުވާނެކެވެ. އޭނާގެ ހަށިގަނޑުގެ ހަތް ތަނަކަށް ވަނީ ވަޅި ހަރާފަ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ދުވާފަރު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، މާރާމާރީގައި ޒަހަމްވެގެން ހޮނިހިރު ދުވަހުގެ ރޭ މެންދަމު އެ ހޮސްޕިޓަލަށް ޒުވާނަކު ގެނެސް ފަރުވާ ދިން ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ސީރިއަސް ކަމުން އޮޕަރޭޝަނެއް ކުރަންޖެހި، އިއްޔެގެ ވަގުތެއްގައި އޭނާ މާލެ ފޮނުވަންޖެހުނު ކަމަށެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނީ، އޮޕަރޭޝަން ކުރުމަށްފަހު ބަލިމީހާ މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަދި އޮތީ އޮބްޒަވޭޝަންގައި ކަމަށް ވެސް ބުންޏެވެ.

ދުވާފަރުގައި ޒަހަމްކުރި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު ހުކުރުދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ވެސް ވަނީ ޒުވާނެއްގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.