ދިވެހި ސިނަމާ

އިކްރާމް: މިއީ ދިވެހި ސިނަމާގެ އޭ އާރް ރަހްމާން

ދިވެހި ފިލްމީ ދާއިރާގެ ވާހަކަ ދައްކާއިރު އެ ދާއިރާގެ މަސައްކަތެއް މޮޅުވެގެން ނުވަތަ އެ ދާއިރާގެ މީހަކު މޮޅުވެގެން އެ ވާހަކައެއް ދައްކާލުމުގެ ފުރުސަތު ލިބެނީ މަދު ފަހަރަކު އެވެ. ހަގީގަތަކީ މިއީ އެވެ. ނަމަވެސް މި ދާއިރާ އިން ހޮވާލެވޭ ހުނަރުވެރިން އެބަތިއްބެވެ.

އޭގެ އެއް މިސާލަކީ މިއީ އެވެ. މުހައްމަދު އިކްރާމް އެވެ.

އެހެންވީމަ އޭނާ ހާއްސަވަނީ ކިހިނެތް ހެއްޔެވެ؟ ފިލްމީ ދާއިރާ އިން އޭނާގެ ނަން ފާހަގަކޮށްލެވެނީ ކޮން ގޮތަކުން ހެއްޔެވެ؟

އަޅުގަނޑުމެންގެ ސިނަމާ އަކީ ބަލާލަން ކެރޭ ވަރުގެ މާ ގިނަ އުފެއްދުންތަކެއް ކޮންމެ އަހަރަކު ނެރޭ ދާއިރާއެއް ނޫނެވެ.

އަހަރެއްގެ މައްޗަށް ފަސްވަރަކަށް ފިލްމު ނެރޭއިރު މިއިން ފިލްމެއް ހަދާފައި އޮންނަ ވާހަކެއް ނުވަތަ ސްކްރިޕްޓެއްގެ ސަބަބުން އެއެއް ބަލަން ކަމުނުދާއިރު ދެން ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ފިލްމުތަކުގައި ހިމަނާފައި ހުންނަ މިއުޒިކެވެ.

ދިވެހި ސިނަމާގެ އުސޫލަކީ "ޑަބިޔާ ޖެހުމުގެ" އުސޫލެވެ. މިއީ މިކަން އާދަވެ ދިގުދެމިގެން ގޮސްފައި އޮތް ގޮތެވެ. ނަމަވެސް މަޑުމަޑުން ދިވެހި ސިނަމާގެ އެ ޓްރެންޑް އެ ދަނީ އެވެ.

މި ބަދަލުގެ ތެރެއިން ފިލްމުތަކުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުން، ރަނގަޅުކުރަން އަންނައިރު އިކްރާމަކީ ވެސް މި ބަދަލުގެ ނިކަން ހާއްސަ ނަމެކެވެ. ދިވެހި ސިނަމާ އިން ބަލާލަން ކަމުދާވަރުގެ ފިލްމެއް ފަހުގެ ތާރީޚެއްގައި އުފައްދާފައިވާއިރު އެ ފިލްމެއްގައި އިކްރާމްގެ ހިއްސާ އޮތް މިންވަރު ވެސް ވަރަށް ބޮޑެވެ.

މި ސަބަބާ ހެދި މިއަދު އޭނާވެފައި ވަނީ ފިލްމީ ދާއިރާގެ އެންމެ ޑިމާންޑްބޮޑު މިއުޒިކް ކޮމްޕޯޒަރަށެވެ.

ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ދިވެހި ފިލްމު "ނިއުމާ" އާއި "ލޫދިފާ" އަދި "ސަޒާ" އާއި "އިންސާފު" ގެ އިތުރުން މިފަހުން މަޝްހޫރުކަން ހޯދި އާޓް ފިލްމުތައް ކަމުގައިވާ "އިނގިލި" އާއި "އިންސާނާ" އަދި "ހުޅުދާން" ގެ އިތުރުން ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ރޮމޭންޓިކް ޑާލިން "އެންމެ ފަހު ވިންދާ ޖެހެން ދެން" އަކީ ވެސް އިކްރާމްގެ ކުޅަދާނަ މިއުޒިކުން ދިރުން ލިބި، ފަޅުފިލައިގެން ގޮސްފައިވާ މަޝްހޫރު ނަންތަކެވެ.

އަދި މީގެ މާ ކުރިއަށް ޖެހިލިއަސް އޭނާގެ ނަން ހޮވިގެން އަންނަނީ މިފަދަ މަޝްހޫރު ފިލްމަކުންނެވެ. ޓެޑްރީ މުހައްމަދު ނިޔާޒު އާއި މަހުދީ އަހުމަދުގެ ކާމިޔާބު ފިލްމު "އަމާނާތް" އަކީ ވެސް މިއުޒިކުން އިކްރާމަށް ގައުމީ އެވޯޑް ހޯދައި ދިން ފިލްމެކެވެ.

"ފިލްމެއްގެ ސްކޯ އަކީ އެ ފިލްމެއްގެ 50 ޕަސެންޓް ކަމަށް ބުނެވެނީ. އެކަމަކު ހަގީގަތަކީ ފިލްމު އިންޑަސްޓްރީގެ މަދު މީހަކަށް ނޫނީ ނޭނގޭ ފިލްމެއްގައި މިއުޒިކް ބޭނުންކުރާ މަގުސަދު ވެސް،" ދިވެހި ފިލްމީ ދާއިރާގައި މިހާތަނަށް ކުރެވުނު ތަޖުރިބާތަކަށް ފަހު އިކްރާމް ބުނެލީ މިހެންނެވެ.

"މިއުޒިކްގެ ވެލިއު ވެސް އެނގޭ މީހުން ހަގީގަތުގައި ވަރަށް މަދު. ފިލްމެއް ޕްރެޒެންޓްކޮށްދީފައި ހުންނަ ގޮތަކަށް މިއުޒިކް އުފައްދަން ޖެހެނީ ކޮން ކަންތަކަކަށް ވިސްނައިގެން ކަމެއް ވެސް ގިނަ މީހުންނަކަށް ނޭނގޭ."

އިކްރާމް ބުނީ ފިލްމުތަކަށް މިއުޒިކް އުފެއްދުމުގެ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ނުވަތަ އުނދަގުލަކީ މިއީ ކަމަށެވެ.

"ފިލްމެއް ހިފައިގެން އައިސް ބުނެލަފާނެ ހަފުތާއެއްގެ ތެރޭގައި މީގެ ހުރިހާ މިއުޒިކްގެ މަސައްކަތެއް ނިންމާލަން އެބަޖެހެޔޭ. އެކަމަކު ދެ ތިން ގަޑިއިރުގެ ފިލްމެއްގެ މަސައްކަތް އެގޮތަށް ކުރުމަކީ އަޅުގަނޑު އެއްބަސްވާ ކަމެއް ނޫން،" މީގެ 22 އަހަރު ކުރިން ފެށިގެން މިއުޒިކްގެ މަސައްކަތް ކުރަމުން އަންނަ އިކްރާމް ބުންޏެވެ.

ފަހަރެއްގައި ފިލްމީ ދާއިރާގެ ބައެއް މީހުންގެ މެދުގައި އޭނާގެ ނަން އެހާ މަގްބޫލުނުވަނީ މި ސަބަބާ ހެދި ކަމަށް ވެސް ވެދާނެ އެވެ. ފިލްމީ ދާއިރާގެ ޝޯޓްކަޓްތަކުގެ ވާހަކައަކީ އެ ދާއިރާގެ އެންމެ މަޝްހޫރު އެކްޓަރުންނަށް ވުރެން ވެސް މަޝްހޫރު ވާހަކަ އެކެވެ.

ފިލްމީ ދާއިރާގެ މީހުން ބޭނުންވާ ގޮތަކަށް މަސައްކަތްކުރާ މީހަކަށް ނުވުމުގެ އިތުރުން އިކްރާމް އަކީ އޭނާގެ މަސައްކަތުގައި ކޮލިޓީއަކާ އެކު އަގުތަކެއް ވެސް ހިފަހައްޓާ ކޮމްޕޯޒަރެކެވެ. އެގޮތުން ދެ ތިން ގަޑިއިރުގެ ފީޗާ ފިލްމަކަށް އޭނާ މިއުޒިކް ހަދައިދޭ އަގަކީ 20،000ރ. އެވެ.

"ފަހަރެއްގައި ބައެއް މީހުން އަޅުގަނޑު ގާތަށް މިއުޒިކް ހައްދަން ނާންނަ ސަބަބަކީ އެއީ ކަމަށް ވެސް ވެދާނެ،" އަގާ މެދު ސަމާސާއެއްކޮށްލަމުން އިކްރާމް ބުނީ މިހެންނެވެ.

އޭނާ ބުނީ މިހާރު ފިލްމީ ދާއިރާގައި މަޝްހޫރުވެގެން އުޅޭ "އިނގިލި" ސްޓައިލްގެ ފިލްމުތަކަށް މިއުޒިކް ހަދައިދޭ އަގަކީ 15،000ރ. ކަމަށެވެ.

މިހާރު މިއުޒިކަށް ހިތުން ހާއްސަ ޖާގައެއް ދެވި މި މަސައްކަތަށް ނިކަން ބޮޑު އިހްތިރާމެއް އުފެދިފައިވިޔަސް އިކްރާމްގެ ކެރިއަރަކީ ވެސް އެންމެ ފުރަތަމަ ކޮޕީ ރާގުތަކަށް މަޝްހޫރު ކެރިއަރެކެވެ.

"ކޮޕީ ރާގުތައް ވަރަށް ގިނަވާނެ ކުރިން ހަދާފައި ހުރި،" މަޖީދިއްޔާ ސްކޫލްގެ ބްރާސް ބޭންޑާއި ޕޮޕް ބޭންޑުން ފެށިގެން ސިފައިންގެ ބޭންޑު ފަތަހަކޮށް ދިވެހި ރާއްޖޭގެ އަޑުގައި ވެސް އެތައް އަހަރެއް ވަންދެން މިއުޒިކާއި ލަވައިގެ މަސައްކަތަށް ހުސްވެގެން ހުރި އިކްރާމް ބުންޏެވެ.

ނަމަވެސް މިއުޒިކްގެ ދާއިރާ އިން މާސްޓާސް ފުރިހަމަކޮށް އޭނާ އެންމެފަހުން މުޅިން އެހެން ލެވެލްއެއްގެ އާޓިސްޓަކަށް ފަހުން ބަދަލުވީ އެވެ. އިކްރާމް ބުނީ ކޮޕީ ރާގެއްގެ މަސައްކަތް މިހާރު ކުރުމަކީ އަމިއްލަ ޒަމީރު ވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

އެކަން އޭނާގެ ކުރީގެ މަސައްކަތްތަކާއި މިހާރުގެ މަސައްކަތްތަކާ އަޅާކިރާލީމަ ވެސް ފާހަގަކުރެވޭނެ އެވެ. މިސާލަކަށް "އަމާނާތް" އެއީ ކިތަންމެ މަޝްހޫރު ފިލްމަކަށް ވިޔަސް މުޅިން ވެސް ކޮޕީ ރާގުތަކެއް ހިމެނުނު ފިލްމެކެވެ. ދެން އޭނާ އޭރު މިއުޒިކް ހަދައިދިން ފިލްމަކީ ކޮޕީ ރާގުތަކުން ފިލްމުތައް ފޯކުރުމަށް މަޝްހޫރު ފާތިމަތު ނަހުލާގެ "ލޯބި ނުވެވުނު ނަމަ" އެވެ.

އެއަށް ފަހު އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އޭނާ ފިލްމީ ދާއިރާގެ ހަވާސާގައި އަނެއްކާވެސް މިއުޒިކް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނައިރު އޭނާ އަކީ މިހާރު ވަކި ބައެއްގެ މެދުގައި މަގްބޫލުކަން ހޯދައި އިތުބާރު ހޯދާފައިވާ މިއުޒީޝަނެކެވެ. އެގޮތުން ފާހަގަކޮށްލެވެނީ ފިލްމު އުފެއްދުމުގެ މަސައްކަތުން އާދަޔާހިލާފު ނަތީޖާތަކެއް ނެރުމަށް އެންމެ ގަދައަޅައި މަސައްކަތްކުރާ ފަރާތްތަކާ އެކުގަ އެވެ.

މިސާލަކަށް ފެންވަރުގެ ގޮތުން ރަނގަޅު ފިލްމުތަކެއް ގެނެސްދޭ ކަމަށް ފާހަގަކުރެވޭ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފަހުގެ ހުރިހާ ފިލްމުތަކަކަށް ވެސް މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ އިކްރާމެވެ. މިސާލަކަށް "ހުޅުދާން" އާއި "އެންމެ ފަހު ވިންދާ ޖެހެން ދެން" އަދި ކުރިއަށް އޮތް "މިކޮއެ ބައްޕަ ބައެބައެ" އަދި މީގެ އިތުރުން އެމީހުންގެ ފިއުޗާ ޕްރޮޖެކްޓްތަކުގައި ވެސް އިކްރާމް ވެސް ނަން ވަނީ މިހާރު ވެސް ހިމަނައިފަ އެވެ.

ދެން އިކްރާމްގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ފަރާތަކީ ސްކްރީން ރައިޓަރު އަދި ޕްރޮޑިއުސަރު މަހުދީ އަހުމަދު އާއި ޑައިރެކްޓަރު ރަވީ ފާރޫގްގެ ފިލްމުތަކުންނެވެ.

އިކްރާމަށް މިހާތަނަށް އެންމެ ހިތްހަމަޖެހޭ ގޮތަށް މަސައްކަތްކުރެވުނު ފިލްމަކީ ވެސް މި ދެ މީހުންނާ އެކު ކޮށްފައިވާ މަސައްކަތެކެވެ. އެއީ މޯލްޑިވްސް ފިލްމު އެވޯޑްސްގަ އާއި ސާކް ފިލްމު ފެސްޓިވަލް ވެސް ޝަރަފްވެރި ވަނަތަކެއް ހާސިލުކުރި "އިނގިލި" އެވެ.

"މިހާތަނަށް ކުރެވުނު އެންމެ ރަނގަޅު މަސައްކަތަކީ އިނގިލި. އެ ފިލްމުގައި ފެންނަ އެކްޓަރުންގެ ޑަބިން އަށް ފަހު ދެން ފިލްމުން އެ އިވޭ ހުރިހާ އަޑުތަކެއް ތައްޔާރުކޮށް ފިލްމަށް ސެޓްކޮށްދިނީ އަޅުގަނޑު އެކަނިމާ އެކަނި. އެހެންވީމަ އެއީ ވަރަށް ބޮޑު މަސައްކަތެއް،" ވީޓީވީގެ ޕްރޮގްރާމް ހެޑަކަށް މަސައްކަތްކުރަމުން ލިބޭ ހުސް ވަގުތުތަކުގައި ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށްދޭ އިކްރާމް ބުންޏެވެ.

"އެކަމަކު މިކަހަލަ މަސައްކަތްތަކަކީ އެކަނި މިގޮތަށް ކުރަން ވެސް ވަރަށް އުނދަގޫ ކަމެއް. އަޅުގަނޑު މި މަސައްކަތް މިގޮތަށް ކުރަނީ ވެސް ކުރާ ހިތްވާތީ. އެ ފިލްމު ވެސް ނިންމީ އެއް މަހުން. އެއީ އަޅުގަނޑު އަބަދުވެސް ބުނަން އެއް މަސް ދޭން ޖެހޭނެއޭ."

"އިނގިލި" އަށް ފަހު އެހެން މަސައްކަތްތަކެއް ފާހަގަކޮށްލާނަންތޯ ސުވާލުކުރުމުން އިކްރާމް ހޮވާލީ މޫމިން ފުއާދުގެ "ލޫދިފާ" އާއި ހުސެއިން މުނައްވަރުގެ "ސަޒާ" އަދި މުހައްމަދު އަލީގެ "އެންމެ ފަހު ވިންދާ ޖެހެން ދެން" އެވެ.

އޭނާގެ ބެކް މިއުޒިކްގެ ކުޅަދާނަކަން އިވިގެންދާނެ ކުރިއަށް އޮތް ފިލްމަކީ މަހުދީ ލިޔެ ރަވީ ޑައިރެކްޓްކޮށް ޑާކް ރެއިން އިން އުފައްދާފައިވާ ފިލްމު "މިކޮއެ ބައްޕަ ބައެބައެ" އެވެ.

ނަމަވެސް ފިލްމު ބަލަން ދާ މީހުންނަށް ފިލްމުގެ މިއުޒިކް ކޮމްޕޯޒަރުންނަކީ އެއްވެސް އިރެއްގައި ހާއްސަވާ ބައެއް ނޫނެވެ. ބައެއް ފަހަރަށް ވާގޮތަކީ ފިލްމަށް އޭގެ ކޮމްޕޯޒަރު ތައްޔާރުކޮށްދީފައި ހުންނަ މިއުޒިކް ހިތްގައިމުކަމުން އޭގެ ތެރެއަށް ގެނބިގެން ގޮސް އޭގެ މަތިން ހަނދާން ނެތެނީ އެވެ.

ދިވެހި ފިލްމީ ދާއިރާ އިން އެ ފެންވަރުގެ ހުނަރުވެރިއެއްގެ އަޑު އިވޭ ނަމަ އެ ނަމަކީ ޔަގީނަށް ވެސް އިކްރާމެވެ.