ވޯޓް ކަރުދާހުގެ ސައްހަކަން ބަލަން ޖެހޭނީ ރައްޔިތުންގެ އަތަށް ވޯޓް ކަރުދާސް ދިނުމުގެ ކުރިން ކަމަށާއި ވޯޓް ގުނުމުގެ ކުރިން ނޫން ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓްލުމަށްފަހު ވޯޓް ގުނުމުގެ ކުރިން ވަކިވަކި ކަރުދާސްތަކުގެ ސައްހަކަން މި ފަހަރު ކަށަވަރު ކުރާނެ ކަމަށް ބުނެފަ އެވެ. އެގޮތަށް ކަންތައްތައް ކުރަނީ މީގެ ކުރިން ފޭކް ވޯޓް ބައެއް އިންތިހާބުތަކުގައި އަޅާފައި ވާތީ ކަމަށް އީސީ އިން ބުނެފައިވެ އެވެ. އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މިފަހަރު ވެސް ވޯޓު ކަރުދާހުގައި ސެކިއުރިޓީ ފީޗާސްތަކެއް ހިމެނޭނެ ކަމަށާއި ވޯޓު އޮފިޝަލުންނަށް އެ ތަފްސީލުތައް އެނގޭނެ ކަމަށް ވެސް އީސީން ވަނީ ބުނެފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ދައްކަމުންދާ އެއްވާހަކައަކީ ވޯޓް ލުމަށްފަހު ވޯޓް ކަރުދާސް ސައްހަކަން ޗެކްކުރާނެ ކަމަށެވެ. ވޯޓްގެ ފަހުން ކަރުދާސްގެ ސައްހަކަން ޗެކް ކުރެވޭނަމަ އޭގެ ކުރިންވެސް ޗެކް ކުރެވެންވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އާންމު ރައްޔިތުން މި ބޭނުންވަނީ ތިބޭފުޅުން [އީސީ] ތި ވެރިފައި ކުރައްވާ ވެރިފައި ކުރެއްވުމެއް އަޅުގަނޑުމެން ވޯޓް ކަރުދާހުގައި ފާޙަގަ ޖެހުމުގެ ކުރިއަށް އެ ޗެކްކޮށް ދެއްވަން، ތިބޭފުޅުން އޮފިޝަލެއް އެތާ އިންނަވަންވީ ކަރުދާސްކޮޅު ދެއްވީމަ އަޅުގަނޑުމެން ގޮސް ޗެކް ކުރާނަން ރަނގަޅު ކަރުދާސްކޮޅެއްތޯ ޗެކް ކޮށްފަ އެ ރަނގަޅު ކަރުދާސްކޮޅެއް ކަަމަށް ވަންޏާ ނޫނިއްޔާ އަޅުގަނޑުމެން ބޭނުމެއް ނުވޭ އޭގަ ފާހަގަ ޖަހާކަށް،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވަނީ ކެންޑިޑޭޓުން ސޮއިކޮށްފައިވާ ވޯޓާސް ލިސްޓްގެ ކޮޕީއެއް އެޕާޓީއަށް ހަވާލު ކުރުމަށްވެސް އެދިފަ އެވެ. އަދި އެކަމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ، ޓެބްލެޓް ކަންކަމާއި ގުޅޭ ގޮތުން އީސީއާ އެކު މިހާރު މަސްވަރާކޮށްފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު އީސީގެ ފަރާތުން ވަރަށް އަވަހަށް ރައްޔިތުންނާއި ހިއްސާ ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.