ހަބަރު

ސޮނާކްޝީއާ ބައްދަލުކޮށް އިންނު އުފަލުން ނަށަނީ!

"އަހަރެން ރާއްޖެދެކެ ވަރަށް ލޯބިވޭ، އިރާދަކުރެވިއްޔާ ވަރަށް އަވަހަށް އަނެއްކާވެސް ރާއްޖެއަށް އަންނާނަން، ރާއްޖެއައިސް [އިންނު] އާއި ބައްދަލުކުރާނަން،" މިއީ ރާއްޖޭގައި ހުރި ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ އެންމެ ބޮޑު ފޭން، ފާތިމަތު އީނަތު (އިންނު) އަށް ސޮނާކްޝީ ވީ ވައުދެކެވެ.

މީގެ އަހަރެއްހާއި ދުވަސްކުރިން ސޮނާކްޝީ މި ވައުދުވީ، ސޮނާކްޝީގެ ފޮޓޯއެއް ކުރެހުމަށްފަހު ޓުވިޓާ މެދުވެރިކޮށް އިންނު އެ ކުރެހުން އޭނާއަށް ފޮނުވުމުން ޝުކުރު އަދާކުރުމުގެ ގޮތުން ފޮނުވި ވީޑިއޯ މެސެޖެއްގައި އެވެ.

މިއަދު އެ ވައުދު ނޭނގި ހުރެވެސް ސޮނާކްޝީއަށް ފުއްދާދެވިއްޖެ އެވެ. އެތައް ދުވަހެއް ވަންދެން އިންނު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހައިދީފި އެވެ. އިންނު ސޮނާކްޝީއާއި ބައްދަލުކޮށްފި އެވެ. އިންނު ސޮނާކްޝީއާއި ބައްދަލުކުރީ އިއްޔެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ސޮނާކްޝީއާއި ބައްދަލުކުރަން އިންނު އެއާޕޯޓަށް ދިޔަކަމެއް ސޮނާކްޝީއަށްވެސް ނޭނގެ އެވެ. އެކަންވީ ސޮނާކްޝީއަށްވެސް ބޮޑު ސަޕްރައިޒަކަށެވެ.

މިދިޔަ އަހަރު އިންނު ކުރި ޓުވީޓަށް ސޮނާކްޝީ ފޮނުވި ވީޑިއޯ މެސެޖް.

"ސޯނާގެ އެންމެ ގާތް ރަހުމަތްތެރިޔާ، ސާކްޝީ މިޝްރާ މެސެޖެއްކޮށްފައި ބުނި އެމީހުން ރާއްޖެ އަންނަ ވާހަކަ، އެކަމަކު މި ދުވަސްކޮޅު ވަރަށް ބިޒީކޮށް އުޅޭތީ އެ މެސެޖު ނުފެނި އިނީ، މެސެޖެ ފެނުނީ މިދިޔަ ހުކުރު ދުވަހު، ދެން އެ މެސެޖަށް ރިޕްލައިކޮށްފައި ޖަވާބެއް ލިބެންދެން ހުއްޓާއި އިއްޔެ ސާކްޝީ މެސެޖެއްކޮށްފައި ބުނީ ސޯނާއާއި ބައްދަލުކުރަން އެއާޕޯޓަށް އަންނަން، ޗުއްޓީ ނިންމާލާފައި ފުރަން ގޮސް އެމީހުން ތިބީ،" ސޮނާކްޝީއާއި ބައްދަލުވި ގޮތް ކިޔައިދެމުން އިންނު ބުންޏެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ސޮނާކްޝީ ރާއްޖެ އައީ މިދިޔަ އާދިއްތަ ދުވަހު އެވެ. މިފަހަރު ސޮނާކްޝީ އައީ އޭނާގެ އެންމެ ގާތް ދެ ރަހުމަތެރިންވެސް ގޮވައިގެންނެވެ. އެމީހުން ޗުއްޓީ ހޭދަކުރީ ސިއްރު ފެންފުށި ރިސޯޓުގައި އެވެ.

"ސޯނާއަކަށް ނޭނގޭ ކަންނޭގެ އިންނު ބައްދަލުކުރަން އަންނަ ކަމެއް، މީހުންނަށް އެނގިދާނެތީ ސޮނާ ހުރީވެސް ތޮތްޕެއް އަޅައިގެން މޫނު ފޮރުވައިގެން، ކައިރިއަށް ގޮއްސަ ކޮއްޓާލީމަ ސޯނާ ހުރީ ވަރަށް ސަޕްރައިޒްވެފަ، ފާހަގަކުރަން އެނގުނީ ކިހިނެއްތޯވެސް އެހި، ދެން ބުނީ ސެލްފީއެއް ނަގަން ފޯނު ދޭން، އަދި ބުނި ކޮންމެ ދުވަހަކު ސޮނާއަށް ޓުވީޓްކުރާތީ ވަރަށް އުފާވާކަމަށާއި އަދި އެހެން ފަހަރަކުންވެސް ބައްދަލުވާނެ ކަމަށް އުއްމީދުކުރަމޭ،" ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓަށް ދެމިގެންދިޔަ އެ ވަގުތުކޮޅުގެ ވާހަކަ އިންނު އެއް ނޭވާ މަތީގައި ކިޔައިދިނެވެ.

އިންނުގެ ޓުވީޓުތަކަށް ސޮނާކްޝީ ވަރަށް ގިނަ ފަހަރުތަކެއްގެ މަތިން ރިޕްލައިކޮށްފައިވެ އެވެ. އޭނާއަކީ ރާއްޖޭގައި މިހާރު ހުރި ސޮނާކްޝީގެ އެންމެ ބޮޑު ފޭނަށްވާއިރު، ސޮނާކްޝީގެ ވަރަށް ގިނަ ސޯޝަލް މީޑިއާ ފޭން ގްރޫޕްތަކުގައިވެސް އޭނާ ހަރަކާތްތެރިވެ އެވެ.

ސޮނާކްޝީއާއި ބައްދަލުވުމުން ވަރަށް ގިނަ މީހުން އަންނަނީ އިންނުއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުރި ގްލޯބަލް އައިކަން ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭން ސުނީތާ އަލީ (ސުނީ) ވަނީ އިންނުއަށް މަރުހަބާގެ ޓުވީޓެއްކޮށްފަ އެވެ. ސުނީ ކުރި ޓުވީޓުގައި ބުނީ ހުވަފެނެއް ދެކެފިނަމަ އުއްމީދު ކަނޑާނުލުމަށް މީގެ އަހަރެއްހާއި ދުވަސްކުރި އިއްނު ގާތުގައި ބުނި ހަނދާންވާ ކަމަށާއި އެ އުއްމީދުގައި ހުއްޓާއި މިއަދު އޭނާގެ ހުވަފެން ހަގީގަތަކަށްވީތީ އުފާކުރާ ކަމަށެވެ.