overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މުސާރައިގެ ތަފާތުކުރުން ގާނޫނަކުން ހުއްޓުވާނަން: އިބޫ

މުވައްްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވަޒީފާއާ ބެހޭ ފުރިހަމަ ގާނޫނެއް ހައްދަވައި މުސާރައިގެ ތަފާތުކުރުން ނައްތާލައި މިނިމަމް ވޭޖެއް ކަނޑައަޅުއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއިން މިރޭ ބޭއްވި "ރައްޔިތުންގެ ދަރުބާރު"ގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ގިނަ ޒުވާނުންގެ ވަޒީފާ ނެތްކަން އެނގިވަޑައިގަންނަވާ ކަމަށާއި ޓޫރިޒަމްގެ ދާއިރާއަށް 30،000 ޒުވާނުން ތަމްރީނުކޮށް ވަޒީފާތައް ހޯދައިދެއްވާނެ ކަމަށެވެ. އަދި ގިނައިން ދިވެހިން ގެންގުޅޭ ރިސޯޓްތަކަށް ޓެކްސްގައި ލުޔެއް ދެއްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ބައެއް ރިސޯޓްތަކުގައި އެކަށީވެންވާ ގޮތެއްގައި ސާވިސް ޗާޖް ދެމުންނުދާ ކަމަށާއި އެކަން ޒިންމާދާރު ގޮތެއްގައި ކުރެވޭތޯ އޭނާގެ ވެރިކަމެއްގައި ބަލާނެ ކަމަށެވެ. މުވައްޒަފުންނަށް ސާވިސް ޗާޖާއި ޓިޕްސް ލިބެންޖެހޭ ގޮތަށް ލިބޭތޯ ކަށަވަރު ކުރައްވާނެ ކަމަށެވެ.

އެއް ވަޒީފާއެއްގައި އުޅޭ ބިދޭސީންނާއި ދިވެހިންނާއި ޖިންސުގެ ސަބަބުން ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި އެކަންކަމަށް ހައްލެއް ގާނޫނަކުން ހޯއްދަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ އިތުރަށް ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރަން ޖެހޭ ކަމަށާއި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެންނާ މަޝްވަރާކޮށް މިނިމަމް ވޭޖެއް ކަނޑައެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ވަޒީފާއާ ބެހޭ ފުރިހަމަ ގާނޫނެއް ވުޖޫދަށް ގެންނަވާނެ ކަމަށެވެ. އަދި ލޭބާ ޔޫނިއަންތަކަށް ހަރަކާތްތެރިވުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

އިބޫ މިއަދު މިރޭ ވަނީ އޭނާގެ ގިނަ ސިޔާސަތުތަކާ ގުޅޭ ގޮތުން އާންމުކުރި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. އެގޮތުން ގެދޮރުވެރިކަމުގެ ސިޔާސަތާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ މާލެ އާއި އެހެން ވެސް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިކަމަށް ހައްލެއް ގެންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުގައި ގުޅީފަޅުން ފްލެޓް ދިން ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދެއްވާނެ ކަމަށާއި ޓާޓާ ފްލެޓްތައް ލިބުނު މީހުންނަށް ވެސް ހެއްލެއް ހޯދައިދެއްވާނެ ކަމަށެވެ. އަދި މާލޭގެ މަގުތަކުގެ ޓްފިކް މައްސަލައަށް ވެސް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މާލޭގެ މަގުތަކަށް ފުރަތަމަ ގެންނަވާނީ ވަގުތީ ހެއްލެއް ކަމަށާއި އެއަށްފަހު ދާއިމީ ހައްލެއް ގެންނަވާނެ ކަމަށެވެ. ޕާކިން ޒޯންތަކާއި މުދާ އުފުލޭނެ ތަންތަން ހައްދަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޕާކް ކުރާނެ ތަނެއް ނުދައްކާ ސައިކަލްތަކުގައި ސްޓިކާ ޖަހައިގެން ދައުލަތަށް އާމްދަނީ ނުހޯއްދަވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ ދަނޑުވެރިންނާއި މަސްވެރިންނަށް ހަމަ އަގު ލިބޭނެ ގޮތް ހައްދަވައިދެއްވައި ސްބްސިޑީ ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެއްވެސް ރައްޔިތަކަށް ތަފާތު ކުރުމެއް ނެތި އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށާއި ފަންޑު ފޮށި ހިފައިގެން ސަލާން ޖަހަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ. ލަންކާ އާއި އިންޑިއާއިން އާސަންދަ ލިބޭނެކަން ވެސް ފާހަގަކުރެއްވި އެވެ.

ރާއްޖެއިން ބޭރު ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ލުއި ލޯނު ދޫކުރައްވާނެ ކަމަށާއި އަދި ރާއްޖޭގައި މަތީ ތައުލީމް ހިލޭ ހާސިލް ކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވެސް ހައްލު ކުރައްވާނެ ކަމަށާއި އެކަން ހައްލު ކުރުމަށް އެންމެ ފުރަތަމަ އަޅުއްވާނެ ފިޔަވަޅަކީ އިމިގްރޭޝަނުން ވޯކް ޕާމިޓް ދިނުން ހުއްޓުވުން ކަމަށެވެ.

ނިންމާލައްވަމުން އިބޫ ވިދާޅުވީ އޭނާ ރާއްޖޭގެ ކަންކޮޅުތަކަށް ކުރެއްވި ދަތުރުތަކުން ފެނުނީ ރައްޔިތުން އުއްމީދާއި އުފަލުގައި ތިބި މަންޒަރު ކަމަށާއި ރައްޔިތުން ތިބީ ވޯޓަށް ތައްޔާރަށް ކަމަށެވެ. ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް މަސައްކަތް 23 ސެޕްޓެމްބަރުގައި ފެށިގެން ދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.