މެސީ

މެސީގެ އާދަޔާހިލާފް ފްރީކިކާއި ހެޓްރިކުން އަސްލު ފޯމަށް

ހޮލެންޑްގެ ޕީއެސްވީ އައިންދޯވަން ކޮޅަށް ޖެހި އާދަޔާހިލާފު މޮޅު ހިލޭޖެހުމާއި، ކާމިޔާބު ކުރި ހެޓްރިކާއެކު އިންޓަނޭޝަނަލް ސްޓޭޖުގައި މެސީގެ އަސްލު ފޯމަށް އެނބުރި އަތުވެއްޖެ ކަމަށް ބާސެލޯނާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 4-0 އިންނެވެ. މިދިޔަ ދެ އަހަރު ތެރޭ، ޗެމްޕިއަންސް ލީގްގައި މެސީ އަށް އޭނާގެ އަސްލު ފޯމެއް ނުދެއްކުނެވެ.

ވަލްވެރުޑޭ ބުނީ، މެސީ އެނބުރި ފޯމަށް އައީ އާދާޔާ ހިލާފު ގޮތަކަށް ކަމަށެވެ.

"މިއަދު އޭނާ ތިން ގޯލް ޖަހައިފި، މޮޅު ހިލޭޖެހުމެއް ކާމިޔާބު ކޮށްފި، އެއީ ތަފާތު މޮޅު ހިލޭޖެހުމެއް، ފުރަތަމަ މެޗުގައި އަހަރެމެން ބޭނުން ވަނީ އެކަހަލަ ފެށުމަކުން ފަށަން،" ވަލްވެރުޑޭ ބުންޏެވެ.

"އަހަރެމެންނަށް މި ފެނުނީ ވަރަށް ހާއްސަ މަންޒަރެއް، އެއީ އަހަރުތަކެއް ވަންދެން އަހަރެމެންނަށް ފެންނަމުން އައި މަންޒަރެއް، ލަލީގާގައި އަހަރެން ހަނދާނަކަށް ނާދޭ އެވަރުގެ ދެވަނަ ޕާފޯމަންސެއް، އެފެންވަރުގައި ކުޅުނު ދެ ވަނަ އެހެން ކުޅުންތެރިޔަކު އަހަރެމެން ނުދެކެން."

ރޭގެ މެޗުގައި، ބާސާގެ ފުރަތަމަ ލަނޑު މެސީ ކާމިޔާބު ކުރީ މެޗުގެ 31 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމުންނެވެ. އެ ހިލޭ ޖެހުން މެސީ ފޮނުވާލީ ، ބޯޅައަށް ހުރަސް އަޅަން ފާރެއްހެން އެތުރިގެން ތިބި ޕީއެސްވީގެ ކުޅުންތެރިންގެ ތެރެއިންނެވެ. ކީޕަރު ހަރަކާތް ކުރި ދިމާލަށް ބޯޅަ ދިޔަ ނަމަވެސް ބޯޅަ ކީޕަރަށް ބޯޅައިގެ މިސްރާބު އޮޅުނެވެ.

ބާސާގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު 15 މިނެޓްގަ އެވެ. ދެ ވަނަ ލަނޑު 74 ވަނަ މިނެޓްގައި އުސްމާން ޑެމްބެލޭ ކާމިޔާބު ކުރީ ފިލިޕޭ ކުޓީނިއޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ބާސާގެ ތިން ވަނަ ލަނޑު މެސީ ކާމިޔާބު ކުރީ އޭގެ ތިން މިނެޓް ފަހުންނެވެ. އޭނާ ހެޓްރިކު ހެދީ 87 ވަނަ މިނެޓްގަ އެވެ.