ތުނބުޅި ބެހެއްޓުމުންނާއި މޫނު ބުރުގާ އެޅުމުން ގެންގުޅޭ ތަފާތުކުރުންތައް ގާނޫނަކުން ނައްތާލާނެ ކަމަށް އިދިކޮޅު ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.
އަދާލަތު ޕާޓީ އާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫންއަށް އެއްބަސްވެވޭ، މެނިފެސްޓޯގެ ގޮތުގައި އިބޫ ނެރުއްވި މެނިފެސްޓޯގައިވާ ގޮތުން ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުމާ ގުޅޭގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ބޭނުންވާ ގާނޫނުތައް ހަދާނެ އެވެ. އަދި އިސްލާމް ދީނުގެ ކަމަކަށް އަމަލުކޮށްގެން ކުރާ ތަފާތު ކުރުންތަކާ ދެކޮޅަށް ގައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގި، އެންމެނަށް ހަމަހަމަކޮށް ހިތާ މުޖުތަމައެއް އުފެއްދޭނެ ކަމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.
އިބޫގެ މެނިފެސްޓޯގައިވާ ގޮތުން އެމަނިކުފާނުގެ ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ބިނާ ކުރާނީ އިސްލާމް ދީނުގެ އުސޫލުތަކުގެ މައްޗަށެވެ. އަދި އިސްލާމް ދީނުގެ ޝިއާރުތައް ކުރިއެރުވަން ބޮޑެތި މަސައްކަތްތަކެއް ކުރާނެ އެވެ. އެގޮތުން ތައުލީމީ މަންހަޖުގައި، ދީނީ ތައުލީމު މިހާރަށް ވުރެ ބޮޑަށް ހިމެނުމާއި މިސްކިތްތަކުގައި ދީނީ ހަރަކާތްތައް ހިންގުން މިހާރަށް ވުރެ އިތުރު ކުރެވޭނެ އެވެ. މީގެ އިތުރަށް ޒަކާތު ފަންޑާއި ވަގުފު ފަންޑް ބެލެހެއްޓުން ހަރުދަނާކޮށް ދީނީ ކަންކަމާއި އިޖްތިމާއީ ކަންކަމަށް އެ ފަންޑަށް ކުރެވޭ ހަރަދުތައް ބަލައި ރަނގަޅަށް މޮނީޓާ ކުރެވޭނެ އެވެ. އަދި ފަރުލު ހައްޖުވުމަށް ޕެންޝަން ފަންޑްގައި ހުންނަ ފައިސާ ނެގޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މެނިފެސްޓޯގައިވެ އެވެ.
މެނިފެސްޓޯގައިވާ ގޮތުން، ފިގުހު އެކަޑަމީގެ ދައުރު ފުޅާކޮށް ސަރުކާރުގެ ސިޔާސަތުތަކާއި މަޖިލީހުން ޑްރާފްޓް ކުރާ ބިލްތަކާއި ދީނުގައި ހުންނަ އިހުތިލާފީ އެކި މައްސަލަތަކުގައި ސަރުކާރުން އަމަލު ކުރާނެ ގޮތުގެ ލަފާދިނުމުގެ ބާރު ދޭނެ އެވެ. މީގެ އިތުރަށް އިސްލާމިކް ރިސާޗް ސެންޓަރެއް ގާއިމްކޮށް އިސްލާމިކް ރިސާޗްތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވޭނެ އެވެ.
ކުށްކުރުން މަދު ވެށްޓެއް ގާއިމްކޮށް، މާރާމާރީއާއި އަނިޔާ އާއި ހާނިއްކައިން ދުރުހެލިވެ އަމާން ރައްކާތެރި މާހައުލެއްގައި އުޅޭ އުފާވެރި، ބަދަހި މުޖުތަމައެއް އުފެއްދޭނެ ކަމަށް ވެސް މެނިފެސްޓޯގައިވެ އެވެ. މެނިފެސްޓޯގައިވާ ގޮތުގައި، ފޮށުމާއި ފުރައްސާރައާއި ޖިންސީ، އަދި ނަސްލީ ތަފާތުކުރުން ހުއްޓުވާނެ އެވެ.
މެނިފެސްޓޯގައި ބުނެފައިވަނީ މަސްތުވާތަކެއްޗަށް ހުޅުވާލެވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކުރެވޭނެ ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލެވި، މިނިވަންކަމާ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދޭނެ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ފަރާތްތައް ދެނެގަނެ، ހިފާހައްޔަރުކޮށް އަދަބުދެވި، މިފަދަ ވިޔަފާރިތައް ހިންގުން ހުއްޓުމަކަށް ގެނެވޭނެ ކަމަށެވެ.
އެފަދަ ވިޔަފާރި ހިންގާ ފަރާތްތަކުގެ ޝިކާރައަކަށްވެ، ޑްރަގަށް ދެވިހިފާފައިވާ މީހުންނަކީ މުޖްތަމައަށް ފައިދާހުރި ހެޔޮލަފާ
ބައެއްގެގޮތުގައި އަނބުރާ ގެނައުމަށް ބޭނުންވާ އެންމެ ފެންވަރު ރަނގަޅު ފަރުވާ ލަސްނުވެ ލިބޭނޭ ގައުމީ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.