އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވަނީ އެމަނިކުފާނުގެ ރަނިން މޭޓު ފައިސަލް ނަސީމްގެ އުފަން ރަށް، ފުވަމުލަކު ސިޓީއަށް ވަޑައިގެންފަ އެވެ. އެއީ ރާއްޖޭގެ ހުރިހާ ރަށަކަށް ކުރައްވާ ދަުތުރުފުޅުގައި ދެވަނައަށް އެންމެ ފަހު މަންޒިލެވެ. ފައިސަލްގެ ރަށުގައި އެތަށް ސަތޭކަ ބަޔަކާއެކު ރޭ ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވަނީ ބޮޑެތި އުންމީދުތައް ރައްޔިތުންނަށް ގެނެސްދީ، ވައުދު ފުންޏެއް އެ ސިޓީއަށް ބަންޑުންކޮށްލައިފަ އެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ފުރަތަމަ ކަމަކަށް ވައުދުވީ، އެ ރަށުގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ކަމަށްވާ، ބޮޑެތި ހުރިހާ މަގެއްގައި ތާރު އެޅުމާއި ގިރާ ސަރަހައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށެވެ. އަދި ބަނދަރަށް ދިމާވެފައިވާ ދަތިތައް ވެސް ހައްލުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ފުވަމުލަކު ސިޓީ، "އަސްލު ސިޓީ" އެއްގެ ކުލަ ޖެއްސުމުގެ ގޮތުން ބައެއް ކަންކަން ފުރިހަމަ ކުރެއްވުމަށް ވެސް އިބޫ ރޭ ވައުދުވި އެވެ. އެގޮތުން ޓޫރިޒަމް ސިނާއަތުގެ ތެރެއިން 1000 އެނދު ތަރައްގީކޮށް، ސިޓީގެ ވަކި ސަރަހައްދުތަކެއް ކަނޑައަޅާ، ސިޓީ ހޮޓަލެއް އަޅުއްވާ ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ޤުރުއާނާ ބެހޭ މަރުކަޒު އިތުރަށް ތަރައްގީ ކުރުމާއި ހުރިހާ މިސްކިތެއް އެއާ ކޮންޑިޝަން ކުރުމަށް ވެސް އިބޫ ވައުދުވި އެވެ. އަދި އެކަން ކުރާނީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށް އިބޫ ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮމްްޕިއުޓާ އިލްމުން ޒުވާނުން ތަމްރީނު ކުރުވުމަށް މައި އިދާރާއެއް ފުވަމުލަކުގައި އަޅުއްވާ ދެއްވާނެ ކަމަށާއި ޑިޖިޓަލް ވިޔަފާރި ކުރާ ފަރާތްތަކަށް ޓެކްސް އިން ލުއިތަކެއް ފޯރުކޮށްދެއްވާނެ ކަމަށް އިބޫ ވައުދުވި އެވެ.
"އިތުރު މަސައްކަތްތަކުގެ ތެރެއިން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ލުއި ލޯނުދީ، އެމްޑީީޕީ ސަރުކާރުން ކުރަމުން ގެންދެވި ގޮތަށް އަލުން ސަބްސިޑީތައް ދޭނަން، ރަށުގެ ހޮސްޕިޓަލުގައި ޑައިލިސިސް ހެދޭ ގޮތް ހަދާދޭނަން، ރަނިން ޓްރެކްއަކާއެކު ފުޓުބޯޅަ ދަނޑެއް، އަދި ވޮލީއާއި ބާސްކެޓު ކުޅޭނެ އިންޑޯ ހޯލެއް ވެސް އަޅާ ދޭނަން،" އިތުރު ވައުދުތަކެއް ވަމުން އިބޫ ވިދާޅުވި އެވެ.
އެ ވައުދުތައް އިއުލާން ކުރެއްވުމަށް ފަހު އިބޫ ވިދާޅުވީ އެ ހުރިހާ ކަމަކީ އަދި ބައެއް ވައުދުތައް ކަމަށެވެ. ފުވަމުލަކަށް ހުރި ވައުދުތަކުގެ ދިގު ލިސްޓެއް އޮންނާނެ ކަމަށާއި އެ ލިސްޓު ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެހެންކަމުން އެކަންކަން ހާސިލް ކުރުމަށް ރައްޔިތުންގެ އެހީއަށް އެދޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.