ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ފުވަމުލަކު ސިޓީ އިން އިދިކޮޅު އިއްތިހާދަށް ވުރެ ގިނައިން ވޯޓު ހޯދާކަށް ޕީޕީއެމްއަށް ލާހިކެއް ނޫން ކަމަށް އެ ރަށަށް އުފަން އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ރޭ ފުވަމުލަކުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްގެ ޓީމުތަކުން ފުވަމުލަކަށް ވަޑައިގެން އެކި ޒާތުގެ ވާހަކަތައް ދައްކަވާ ބޮލަށް ސަވާރުވާން ނޫޅުއްވުމަށް އެދޭ ކަމަށެވެ. އެއީ މުޅިން ބޭކާރު މަސައްކަތެއް ކަމަށާއި ޕީޕީއެމްއަކަށް ފުވަމުލަކުން ކުރިއެއް ނުހޯދޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑަށް އެނގޭ ކޮންމެވެސް ބަޔަކު ގޭގަ ޓީވީ އިން މި ޖަލްސާ ބަލަން ތިބޭނެކަން، ރަނގަޅަށް ދައްކާލަައްވާ، މަންޒަރު ރަނގަޅަށް ދައްކާލައްވާ،" ފައިސަލް ވިދާޅުވި އެވެ. "އަޅުގަނޑު ހަމަ ޗެލެންޖުކޮށްފައި މި ބުނަނީ ލާހިކެއް ނޫނޭ، އިރާދަކުރެއްވީއާ މި ފުވަމުލަކުން ކުރި ހޯދާކަށް، ނިކަން އާދެބަލަ ޗެލެންޖު ކުރަން، އަޅުގަނޑުމެން މިތިބީ ތައްޔާރަށް ފުވަމުލަކު މި އޮތީ ތައްޔާރަށް،"
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ފައިސަލް ވިދާޅުވީ ފުވަމުލަކު ރަށް ބައިބައިކޮށް ތައުލީމީ ނިޒާމް ފުނޑާލުމަށް ސަރުކާރުން ގިނަ މަސައްކަތްކޮށްފައިވާ ކަމަށާއި ސިއްހީ ހިދުމަތްތައް ފަސް އަހަރު ފަހަތަަށް ފުރޮޅާލައިިފައިވާ ކަމަށެވެ. އަދި ފިިތުނަ ފަސާދަ އުފައްދާ ޒުވާނުން ރަނގަޅު މަގުން ކައްސާލައިގެން ދިޔުމަށް މަގުފަހިވާ ގޮތަށް ސަރުކާރުން އަމަލު ކުރަމުން އަންނަ ކަމަށާއި އެއްބައިވަންތައް ކަން ނައްތާލުމަށް ވެސް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެ ހުރިހާ މައްސަލަތަކެއް މިއަދު ހައްލު ކުރެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށާއި އެގޮތުން ތަފާތު ކުރުމާއި ވައްކަމާއި ފަސާދަ މުޅި ގައުމުން އެއްކޮށް ފޮހެލެވޭނެ ފަދަ ހިިތްވަރު އިިބޫގެ ކިބައިގައި އެބަ ހުރި ކަމަށް ފައިސަލް ވިދާޅުވި އެވެ. އެހެންކަމުން އަންނަ އަދީއްތަ ދުވަހު އިބޫއަށް ވޯޓު ދޭން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.