އަންނަ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލަން އިލެކްޝަން ކޮމިޝަން، އީސީއާއެކު ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ ދެއްކެވި ވާހަކަތަކަށް ޕީއެސްއެމްއިން ރައްދު ދީފި އެވެ.
ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ މީޑިއާގެ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި ސިޔާސަތުތަކުގެ އިމުގެތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ، އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، އެންމެހައި ސަރަޙައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތް ކުންފުންޏެކެވެ.
ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭނެ ކަންތައްތަކަށް ޖާގަނުދިނުމަކީ ޕަބްލިކް ސާވިސް މީޑިއާގެ ސިޔާސަތުތަކުގެ
ތެރޭގައި ހިމެނޭ ކަމެއްކަމަށްވާއިރު، އިލެކްޝަން ކޮމިޝަން ގުޅިގެން ޓީވީއެމް މެދުވެރިކޮށް ވޯޓުފޮށީގެ ނަތީޖާ ނުބައިކޮށް އިއުލާންކުރުމަށް މަސައްކަތްކުރާކަމަށް މާރިޔާ ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.
"މާރިޔާ ދައްކާފައިވާ ވާހަކަތަކަކީ މިކުންފުނީގެ ސިޔާސަތުތަކާއި ހަމަތަކުގެ އިމުގެ ބޭރުން މިކުންފުނިން މަސައްކަތްކުރަމުންދާކަމަކަށާއި، އާންމު ރައްޔިތުންގެމެދުގައި ކުންފުނީގެ ތަސައްވުރަށް ގެއްލުންވާގޮތަށް ދައްކާފައިވާ، އެކަމުގައި ހަގީގަތެއް ނެތް ވާހަކަތަކެއްކަމުގައި ދަންނަވަމެވެ." ޕީއެސްއެމްއިން ބުންޏެވެ.
ޕީއެސްއެމްއިން ބުނީ، އިލެކްޝަންގެ ނަތީޖާ އިއުލާނުކުރުމުގައި އެ ކުންފުނީގެ ދައުރަކީ އިލެކްޝަން ކޮމިޝަނުން އާންމުކުރާ ނަތީޖާ ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ކުންފުނީގެ މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެން އާންމު ރައްޔިތުންނަށް ފޯރުކޮށްދިން ކަމަށެވެ.
އެހެންކަމުން، އާންމު ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް އަދި އެ ކުންފުނީގެ ތަސައްވުރަށް އުނިކަން ލިބޭ ގޮތަށް
މާރިޔާ ވާހަކަ ދައްކާފައިވާތީ، އެފަރާތަށާއި، މާރިޔާ ދައްކާފައިވާ ވާހަކައިގެ ހަގީގަތް ކަށަވަރުނުކޮށް އެވާހަކަތައް ފަތުރާފައިވާ މީޑީއާތަކާއި ދެކޮޅަށް ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ޕީއެސްއެމްއިން ނިންމާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.