ހަބަރު

ސިއްރު ފެންފުށީގައި ހުރި ބުދުތައް ނަގާ، ހުސްކޮށްފިން: ފުލުހުން

ސިއްރު ފެންފުށީގައި ހުރި ބުދުތައް ނަގާ އެތަން ހުސްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ށ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ސިއްރުފެންފުށި ރިސޯޓްގެ މޫދު އަޑީގައި ބުދުތަކެއް ބަހައްޓައިގެން ހެދި "މޫދު އަޑީގެ ގެލަރީ"ގައި އިންސާނުންގެ ސޫރަ ފެންނަ ގޮތަށް ހުރި ބުދުތައް ފުލުހުން ނަގާފައިވަނީ އިއްޔެ ސިވިލް ކޯޓުން އެގޮތަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާތީ އެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ފަސް ގަޑިއިރު ތެރޭގައި ރިސޯޓުން ބުދުތައް ނުނަގައިފިނަމަ އެ ބުދުތައް ފުލުހުންނާއި ސިފައިންގެ މަސައްކަތުން ނެރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަމުރު ނެރުނީ ރައީސް އޮފީހާއި ޓޫރިޒަމް މިނިސްޓްރީއިން އެ ބުދުތައް ނެގުމަށް އަނގައި، އެ ފަރާތްތަކަށް ދިން މުއްދަތު ފަހަނަ އަޅާ ދިޔުމުން ވެސް ނުނެގުމުން ކޯޓަށް މައްސަލަ ވެއްދީމަ އެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރިސޯޓުގައި އިންސާނުންގެ ސިފަ ފެންނަ ގޮތަށް ހަދާފައިވާ ބުދުތައް ނާގައިވާ ކަމަށާއި މިއަދު 5:45 ހާއިރު އެތަން ހުސްކޮށްފައިވާ ކަމަށެވެ. ޓްވީޓާއެކު ފުލުހުން ހާމަ ކުރި ފޮޓޯތަކުގައި ބުދު ހުރި ތަންތަން ކަނޑާ ނެގުމާއި ތަޅާލުމަށް ފުލުހުން ހަރަކާތްތެރިވާތަން ފެނެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑުގެ އުފުލުން ދައްކުވައިދޭ ގޮތަށް އެ ރިސޯޓުން ހެދި ކަނޑުއަޑީގެ ގެލަރީގައި އިންސާނުންގެ ސޫރަ ފެންނަ ގޮތަށް ހަދާފައިވާ ބުދުތަކެއް ބެހެއްޓި މައްސަލަ ފެންމަތިވީ މިދިއަ ޖުލައި މަހު ކުރީކޮޅުގަ އެވެ. ނަމަވެސް އެ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު އަމާޒުވުމާ ގުޅިގެން ސަރުކާރުން އެ ބުދުތައް ނަގަން އެންގުމުން އެ ރިސޯޓުން ވަނީ ބައެއް ބުދުތަކުގައި އިންސާނުންގެ ސޫރަ ފެންނަން ހުރި ހުރުން ބަދަލުކޮށްފަ އެވެ.