overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ހަސަން ފުލުހަށް ހާޒިރުކުރީ ކޮމްޕްލެއިންސް ބިއުރޯއިން މައްސަލަ ހުށަހެޅުމުން

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ ރާއްޖޭގެ ކުންފުންޏަކާއި އުތުރު ކޮރެއާ ކުންފުންޏަކާއި ދެމެދު ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ތެލުގެ ވަގު ވިޔަފާރީގައި ރައީސް ޔާމީންގެ އަތެއްް އޮތް ކަމަށް ތުހުމަތުކޮށް މިމަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން ނެރުނު ރިޕޯޓެއްގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

މިއަދު ހަވީރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން މައްސަލަ ހުށަހަޅާފައިވަނީ އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގަށް ހުރަސް އެޅޭ ކަމަށް ބުނެ ކަމަށެވެ.

އޭނާ މިއަދު ފުލުހަށް ހާޒިރުވީ ވަކީލަކާ ނުލަ އެެވެ. އެހެންވެ މާދަމާ ހަވީރު ގާނޫނީ ވަކީލަކާއެކު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. ހަސަންގެ އިތުރުން އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލްސައްތާރު ވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައިވާތީ ފުލުހަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.

ހަސަން ވިދާޅުވީ އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންނަށް މައުލޫމާތުތަކެއް ސާފުކޮށް ދިނީ ކަމަށެވެ. އެއީ އޭސީސީއަށް މައްސަލައެއް ހުށަހެޅުމަށްފަހު އަބަދުވެސް އެމްޑީޕީއިން އަމަލުކުރާ އުސޫލު ކަމަށެވެ. އެ މައްސަލައެއްގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. ހަސަން ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރަން މިނިވަން މުއައްސަސާއަކަށް މައްސަލަ ހުށަހަޅާ ފަރާތުގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރުމަކީ އޭނާ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެފަދަ މައްސަލައެއް އޭސީސީއަށް ހުށަހެޅުމުން އަމަލު ކުރަން ޖެހޭނެ އުސޫލަކީ އެ މައްސަލައެއް ބެލުން ކަމަށެވެ. މައްސަލަ ބަލާފައި އޭގައި ދައުވާކުރަން ޖެހޭނަމަ ދައުވާ ކުރަން ޖެހޭ ބައެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދުން ނޫނީ މައްސަލާގައި ފިޔަވަޅެއް އަޅަން ނުޖެހޭނަމަ އެގޮތަށް މައްސަލަ ނިންމުން ކަމަށެވެ.

ރައީސް ޔާމީން ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އެމްޑީޕީ އާއި ހަސަން ލަތީފު އަދި އަނަސްގެ މައްޗަށް އަބުރުގެ ދައުވާކުރުމަށް ސިވިލް ކޯޓަށް މައްސަލަ ވައްދާފަ އެވެ.