ފިރިކަލުން، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުގައި ހޭދަކުރެއްވި ފަސް އަހަރުގެ ތެރޭގައި 50 އަހަރުގެ ތަރައްގީ ގައުމަށް ގެންނަވާފައިވާ ކަމަށާއި، މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓުދީ ހޮވަންޖެހެނީ އެހެންވެގެން ކަމަށް ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޓީވީއެމަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި މެޑަމް ފާތުން ވަނީ ދެވަނަ ދައުރަކަށް ރައީސް ހޮވުމަށް ވޯޓު ދިނުމަށް އިލްތިމާސް ދަންނަވާފަ އެވެ. އެކަމަނާގެ ނަޒަރުގައި ފިރިކަލުން ރައީސް ޔާމީނަށް ދިވެހިން ވޯޓު ދެއްވަންވީ ސަބަބުތައް ގިނަ ގުނަ އެވެ.
ފަސްޓް ލޭޑީގެ އިންޓަވިއުގައި ރައީސް ޔާމީން ސިފަކުރައްވާފައިވަނީ ގައުމުދެކެ ވަރަށް ލޯބިވާ، ގައުމާ މެދު ވަރަށް ގިނަ ހުވަފެންތަކެއް ދެކިވަޑައިގަންނަވާ ގާބިލު ބޭފުޅެއްގެ ގޮތުގަ އެވެ. އެހެންކަމުން އެމަނިކުފާނަށް ދިވެހި ރައްޔިތުން ވޯޓުދީ ދެވަނަ ދައުރަކަށް ހޮވަންޖެހޭ ސަބަބުތައް ވަރަށް ބައިވަރު ކަމުގައި ވެސް ވިދާޅުވި އެވެ.
"ރައީސް ޔާމީނަކީ ގައުމު ދެކެ ލޯބިވާ، މުސްތަގްބަލާމެދު ވިސްނަވާ، ގައުމު ކުރިއަރުވަން ވަރަށް ގިނަ ހުވަފެންތަކެއް ދެކެވަޑައިގެން އަދި އިސްލާމްދީނާއި ގައުމުގެ ސިޔާދަތު ދަމަހައްޓަވަން މަސައްކަތްކުރައްވާ ބޭފުޅެއް. އަދި ވަރަށް ގާބިލް ވަރަށް ގިނަ ކަންކަމާ ކުރިމަތިލައްވައިގެން އެކަންކަން ކާމިޔާބުކުރައްވައިފި. އެހެންވެ ދިވެހިން ރައީސް ޔާމީނަށް ވޯޓުދެއްވަންވީ،" ފާތިމަތު އިބްރާހިމް ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ކުރި ފަސް އަހަރުގެ ތެރޭގައި ދިވެހި ގައުމަށް ގެންނަވާފައިވަނީ 50 އަހަރާ ނުބައްދަލު ތަރައްގީ އެވެ. ގައުމުގެ އެކި ރޮނގުރޮނގުން ފެންނަނީ އެމަނިކުފާނުގެ ކުރު މުއްދަތުގެ ބޮޑެތި ތަރައްގީ އެވެ.
"މި ފަސް އަހަރު އެމަނިކުފާނު އެ ގެންނެވީ 50 ވަަރަކަށް އަހަރުން ނުގެވެނޭ ވަރުގެ ތަރައްގީ. ސިއްހީ ކަންތަކަށް ބެއްޔަސް، ތައުލީމުގެ ގޮތުން ބެއްޔަސް، ވިޔަފާރީގެ ރޮނގުން ބެލިޔަސް، މާލެ އެކަންޏެއް ނޫން ދެއްތޮ، ރާއްޖެތެރޭގެ ރަށްރަށް ވެސް، މި ހުރިހާ ކަމަކަށް ބަލާއިރު 23 ސެޕްޓެމްބަރުގައި ނަގާ ވޯޓު، ގައުމަށްޓަކައި ދީނަށް ޓަކައި، އަދި ގައުމުގެ މުސްތަގްބަލަށްޓަކައި އަދި އަޅުގަނޑުމެންގެ މިނިވަންކަމަށްޓަކައި ރައީސް ޔާމީންނަށް މި ވޯޓް ދެއްވުން،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ފާތުން ވިދާޅުވި ގޮތުގައި، ރައީސް ޔާމީން އެންމެ ފުރަތަމަ ވެރިކަމަށް ކުރިމަތިލައްވަން އުޅުއްވުމުން އެކަމަނާ އެކަމަށް ދެކޮޅު ހެއްދެވީ، އެއްވެސް އިރެއްގައި އެކަމަނާއަކީ ސިޔާސީ ކަންތައްތަކަށް ތާއީދުކުރައްވާ ބޭފުޅަކަށް ނުވާތީ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން ކުރިމަތިލެއްވުމުން، އެމަނިކުފާނުގެ ސިޔާސީ ދަތުރުގައިވެސް އެކަނި ދޫކޮށްލައްވަން ބޭނުންފުޅުނުވެ، ވަރަށް ކުޑަ ޓީމަކާއެކު ފެއްޓެވި މަސައްކަތުން ވަރަށް ގިނަ ކާމިޔާބީތަކެއް ވަނީ ހާސިލްކުރައްވާފަ އެވެ.
"ސިޔާސީ ކަންތައްތަކަކީ އަޅުގަނޑު އެހާ ގަޔާވާ ކަންތައްތަކެއް ނޫން. އަޅުގަނޑު ބޮޑުވީ އޭގެ ތެރެއަކު [ސިޔާސީ ކަންތައްތަކުގެ ތެރޭ] އެއް ނޫން. އަޅުގަނޑުގެ މައިންބަފައިންނަކީ ސިޔާސީ ބޭފުޅުންނެއް ނޫން. އެހެންވެ ކަންނޭނގެ، ދެން އެހާ ޝައުގުވެރިވާކަމެއް ނޫން. އެހެން ނަމަވެސް ރައީސް ޔާމީން ކުރިމަތިލެއްވީމަ ދެން އަޅުގަނޑު ބޭނުންވީ އަޅުގަނޑަށް ކުރެވުނު މަސައްކަތެއް ކުރަން. ވަރަށް ކުޑަ ޓީމަކާއެކު، ގާތްގަނޑަކަށް 10 ވަރަކަށް މީހުންގެ ޓީމަކާ އެކު މަސައްކަތްކުރަން ފެއްޓީ،" ފާތިމަތު އިބްރާހިމް ވިދާޅުވި އެވެ.
އެކަމަނާ ވަނީ ހަޔާތުގައި ކުރިަތިވި އެންމެ ބިރުވެރި އެއް ދުވަހުގެ ގޮތުގައި ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާ ހިނގައިދިޔަ ދުވަސް ސިފަކުރައްވާފަ އެވެ. އެއީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ދާނެ ދުވަސްތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ފަސްޓް ލޭޑީއަކީ ރައީސް ޔާމީންގެ ސިޔާސީ މަސައްކަތްތަކުގައި އަމިއްލަ ޓީމަކާއެކު ވަރަަށް އަވަދިނެތި އުޅުއްވާ ކަނބަލެކެވެ. އާންމުކޮށް ޕޯޑިއަމްތަކާއި މީޑިއާ ޕޯޑިއަމް ތަކަށް އަރާވަޑައިނުގެންނެވި ނަމަވެސް، ކެމްޕޭން ދަތުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމާއި، އެނޫނަސް އިޖްތިމާއީ މަސައްކަތުގައި ވެސް ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ. ރައީސް ޔާމީންގެ 2018 ކެމްޕޭނުގެ ވެސް ގިނަ މަސައްކަތްތަކެއް ރާވައި ކުރަމުން ގެންދަނީ ސީދާ އެކަމަނާގެ ބެއްލެވުމުގެ ދަށުންނެވެ.