overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

ކެމްޕެއިންތައް ނިންމާލައި، ރައްޔިތުންގެ ރުހުމަށް!

ދެ ކެންޑިޑޭޓުން ވާދަ ކުރައްވައި ފުރަތަމަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތައް ނިންމާލައި، ވޯޓަށް ތައްޔާރުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަނީ ކެމްޕެއިން ފަހު ހަރަކާތުގައި މިއަދު ހަވީރު ބައިވެރިވެވަޑައިގެންފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔައީ ރަސްފަންނުން އާޓިފިޝަލް ބީޗަށް ޕެރޭޑެކެވެ. އެ ޕެރޭޑް ލީޑް ކުރެއްވީ އިބޫ އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމެވެ. ޕީޕީއެމްއިން މާލޭގެ މަގުތަކުގައި ބޭއްވީ ވެހިކަލް ބުރެކެވެ. ވެހިކަލް ބުރު ލީޑް ކުރެއްވީ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމެވެ.

ވެހިކަލް ބުރު ނިންމާލީ ބްރިޖް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތެވެ. އަދި ފަހު ބަސް ވަނީ އިއްވަވާފަ އެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ ހުޅުލެ އާއި މާލެ ގުޅުވައިދޭ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލަކީ އެމަނިކުފާނު ގެނެސްދެއްވި ތަރައްގީގެ ރަމްޒުތައް ކަމަށެވެ. އެ ތަރައްގީއަށް ނޫނެކޭ ބުނަން ނުޖެހޭ ކަމަށެވެ. މާދަމާގެ ވޯޓުގައި ތަރައްގީއަށް ހުރަސް އަޅާ ބަޔަކަށް ނުވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ގެންނަވާ ތަރައްގީ ހުއްޓުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އާޓިފިޝަލް ބީޗްގައި އިބޫ ސަޕޯޓަރުންނާ ވާހަކަ ދެއްކެވިއިރު ފަހު ވަގުތު އިބޫގެ ހާއްސަ މެސެޖެއް ވެސް އިއްވެވި އެވެ، އެ މެސެޖުގައި އިބޫ ވަނީ އޭނާގެ މައިގަނޑު ސިޔާސަތުތައް ހާމަ ކުރައްވާފަ އެވެ. އިބޫ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ކެމްޕޭންގައި ވަޑައިގެންނެވިއްޖެ ކަމަށާއި ރައްޔިތުން ތިބި ގޮތުން ނަތީޖާ އެމަނިކުފާނަށް ސާފުވެއްޖެ ކަމަށެވެ. އިބޫ ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ، ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުމަށާއި އިންސާފާއި ހަމަހަމަކަން އޮންނަ ދިވެހި ރާއްޖެ އެއް ދިވެހިންނަށް އަނބުރާ ހޯދައިދިނުމަަށް ކަމަށެވެ. ސަލާމަތީ ހިދުމަތްތަކަށް ދެއްވި މެސެޖްގައި އިބޫ ވަނީ މާދަމާ ހަމަނުޖެހުމަކަށް ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ވޯޓްގެ ނަތީޖާ ތަންފީޒު ކޮށްދެއްވުމަށް ވެސް އިބޫ ސަލާމަތީ ހިދުމަތްތަކުގެ ކިބައިން އެދިވަޑައިގަތެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ އިސް ބޭފުޅުން ވެސް މިއަދުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ބައިވެރިވި އެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ކެމްޕެއިން ހަރަކާތްތައް ހަވީރު ކުރިއަށް ދިޔަ އެވެ. އެގޮތުން ދެ ޕާޓީގެ ވެހިކަލް ބުރުތައް ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުއްޓާއި ފުވައްމުލައް ސިޓީގައި ކުރިއަށް ދިޔަ އެވެ.