ހަބަރު

އިންތިހާބާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ނުފަތުރަން އަންގައިފި

Sep 23, 2018

މާދަމާ ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މީޑިއާތަކުން ސާބިތުނުހިފޭ ދޮގު ވާހަކަ ނުފެތުރުމަށް ބްރޮޑްކާސްޓިން ކޮމިޝަން، ބްރޮޑްކޮމް އިން މިއަދު ބްރޮޑްކާސްޓަރުންނަށް އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން މިރޭ އާންމު ކުރި ސާކިއުލާއެއްގައި ބުނީ މިއަދު ހަވީރު 6:00 އިން ފެށިގެން އިންތިހާބުގެ ކެންޕެއިންކުރުމަށް ގާނޫނީ ގޮތުން ލިބިފައިވާ މުއްދަތު ހަމަވެފައިވީ ނަމަވެސް، މިރޭގެ ވަގުތުތަކުގައި ބައެއް ބްރޯޑްކާސްޓަރުން އިންތިހާބާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ފަތުރަމުން ދާކަމަށެވެ. މިފަދަ ކޮންޓެންޓް ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވެސް ބްރޮޑްކޮމްއިން ބުންޏެވެ.

"މިރޭގެ ވަގުތުތަކުގައި ބައެއް ބްރޯޑްކާސްޓަރުން އިންތިހާބާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ފަތުރަމުން ދާކަމަށް ވަނީ ފާހަގަކުރެވިފައެވެ. މި ކަމަކީ ގާނޫނުތަކުން މަނާކޮށްފައިވާ ކަމެއްކަމުން މި ފަދަ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ. "ވީމާ، މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުވުމަށާއި، ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ."

އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ބްރޮޑްކޮމް އިން މިއަދު ވަނީ، ލައިވް އިވެންޓްތައް ހުއްޓާލުމަށް ބްރޯޑްކާސްޓަރުންނަށް އެންގުމާބެހޭ އުސޫލެެއް ފާސްކޮށް، އެއަށް އަމަލުކުރަން ފަށައިފަ އެވެ.