ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރައްޔިތުންގެ ހަގީގީ ބާރު ދައްކާލަން ލިބޭ ދުވަސް މި ވަނީ އައިސްފަ އެވެ. ރޭގެ ވަގުތެއްގައި ބައެއް ރަށްރަށުގައި ވޯޓުލުމަށް ކިއު ދަމާލުމުން، މިފަހަރުގެ ރިޔާސީ އިންތިހާބުގެ މުހިންމުކަން މިހާރު ވެސް ވަނީ އެނގިގެން ގޮސްފަ އެވެ.
ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އޮތް ރާއްޖޭގެ އިންތިހާބު ބައިނަލްއަގުވާމީ މުޖުތަމައުއަށް ވެސް މުހިންމުވާ ސަބަބުތައް ބައިވަރެވެ. އިންތިހާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކާއެކު، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ބާރު ދީލާލައިލާނެ ގައުމެއް ވެސް ކަނޑައެޅިގެންދާނެ ކަމާމެދު ސުވާލެއް ނެތެވެ.
ވޯޓުލާން ފެށުމަށް ހަމަޖެހިފައިވާ ވަގުތު ކުޑަތަންވެފައިވާއިރު، ކުޑަކުޑަ ރާއްޖެ މިވަނީ ބައިނަލްއަގުވާމީ ބޮޑެތި ނޫސްތަކުގެ ސުރުހީތަކަށް މިހާރުވެސް އަރާފަ އެވެ. މުޅި ދުނިޔޭގެ ހަބަރުތައް ގެނެސްދޭ އެންމެ ބިޔަ ނޫސްތަކުގެ މައި ސުރުހީތަކުން ރާއްޖެ ވަނީ މިހާރު ވެސް ޖާގަ ހޯދާފަ އެވެ.
އިނގިރޭސިވިލާތުގެ ބީބީސީ ނޫހުން ފެށިގެން، އަލްޖަޒީރާ، އޭއެފްޕީ އަދި އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ ފަދަ ނޫސްތަކުގައި ވަނީ އިލެކްޝަނާ ގުޅިގެން ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ކަންކަމުގެ ތަފްސީލީ ނަޒަރަކުން ގެނެސްދީފަ އެވެ.
އެގޮތުން، އިންތިހާބުގެ ނަތީޖާއާއެކު ދެކުނު އޭޝިޔާއަށް އަތްގަދަ ކުރުމަށް ޗައިނާ އަދި އިންޑިއާ އިން ކުރާ މަސައްކަތަށް މުހިންމުވާ ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ.
ނަމަވެސް، ގިނަ ނޫސްތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އިންތިހާބާ ގުޅިގެން ހުރި ކަންބޮޑުވުންތަކެވެ. އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާއި، މީޑިއާއަށް އޮތް ހުރަސްތަކާއި، އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަމާމެދު ބައިނަލްއަގުވާމީ މީޑިއާތަކުން ސުވާލު އުފައްދާފައިވާކަން ފާހަގަކޮށްލެވެ އެވެ.
މިއަދުގެ ރިޔާސީ އިންތިހާބު ކަވަރުކުރުމަށް ބޭރުގެ ގިނަ މީޑިއާތަކެއް ރާއްޖެ އައިސްފައިވާއިރު، އިންތިހާބުގެ ނަތީޖާތައް އަންނަން ފަށާ ވަގުތުން ފެށިގެން މުޅި ދުނިޔޭގެ ނަޒަރު ރާއްޖެއަށް ހުއްޓޭނެ އެވެ.