އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ކާމިޔާބު ހޯދައްވައިފި އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ވާދަކުރައްވަ އެވެ.
ވޯޓުގެ ބޮޑު ބައެއްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އިބޫ އުޅުއްވަނީ ރައީސް ޔާމީނަށްވުރެ ބޮޑު ތަނުން ކުރީގަ އެވެ. މިހާރު 435 ވޯޓު ފޮށި ގުނާފައިވާއިރު، 58 ޕަސެންޓުން ކުރީގައި އުޅުއްވަނީ އިބޫ އެވެ. މިހާތަނަށް ނަތީޖާ ނުލިބި ހުރި މަދު ފޮށިތަކުގައި ވޯޓުލުމަށް ހަމަޖެހިފައިވާ މީހުންގެ އަދަދަށް ވުރެ، އިބޫ އާއި ރައީސް ޔާމީނާ ދެމެދު ހުރި ވޯޓުގެ ފަރަގު ބޮޑުވުމުން، އިބޫގެ މައްޗަށް ރައީސް ޔާމީނަށް ދެން ކުރި ހޯއްދެވޭނެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
މި ނަތީޖާއާއެކު އިބޫ އަކީ ރާއްޖޭގައި ފާއިތުވި ދެ އިންތިހާބަށް ބަލާއިރު، ދެ ކެންޑިޑޭޓުން ވާދަކުރައްވައިގެން، އެންމެ ފަރަގު ބޮޑުކޮށް އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓެވެ.
"ޖަޒީރާ ރާއްޖެ" މެނިފެސްޓޯއާއެކު ރާއްޖޭގެ ގިނަ ރަށްރަތަކަށް ކެމްޕެއިންގައި ވަޑައިގެން އިބޫއަށް އާންމުންގެ ބޮޑު ތަރުހީބަކާއި ތާއިދެއް ލިބިގެންދިޔަ އެވެ. އެންމެފަހު ވަގުތު ސަރުކާރުގެ ބޭފުޅުން ވެސް އިބޫއަށް ތާއިދު ކުރައްވާފައިވެ އެވެ.
ޅ. ހިންނަވަރަށް އުފަން އިބޫ ވެގެން ދާނީ ރާއްޖޭގެ ހަތްވަނަ ރައިސުލްޖުމްހޫރިއްޔާއަށެވެ. އަދި މާލެއަށް ނިސްބަތް ނުވާ ހަމައެކަނި ރައީސްއަށެވެ. އިބޫ ރައީސް ކަމުގެ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
އިބޫ ވަނީ ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރުކަން މެދުކެނޑުމެއް ނެތި 25 އަހަރު ކުރައްވާފައިވެ އެވެ. ޒަމާނުއްސުރެ ވެސް އިބޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ މަސައްކަތްތަކުގެ ސިއްރުތަކާއި އެ މަސައްކަތްތަކުގައި ލަފާ ދެއްވުމުގައި ރައީސް ނަޝީދު އެންމެ އިތުބާރު ކުރައްވާ އެއްބޭފުޅާ އެވެ. އަދި ސިޔާސީ ތަޖުރިބާ އާއި ޑިޕްލޮމެސީގެ ގޮތުން އިބޫ އަކީ ގިނަ ބަޔަކު އިހުތިރާމް ހޯދާފައިވާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ އިތުރުން ކުޑަ ދުވަސްކޮޅެއްގައި އެކުގައި ކުރެއްވި މަސައްކަތްޕުޅުން އިބޫ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ވެސް ހޯއްދަވާފަ އެވެ. ރައީސް މައުމޫން ވަނީ އެކިފަހަރު މަތިން އިބޫގެ މަސައްކަތްޕުޅަށް ތައުރީފް ކުރައްވާފަ އެވެ.
އޭގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވެސް އިހްތިރާމްކުރާ އިބޫއަކީ ލީޑަޝިޕް ހުންނެވި، ވަރަށް މަޑުމައިތިރި އެންމެންގެ ވާހަކަތައް ވެސް އަޑު އައްސަވާ ބޭފުޅެކެވެ. އިދިކޮޅު އެންމެން އެއް ގަލަކަށް އަރުވައިގެން އެންމެ ކުރީ ސަފުގައި ލީޑަރެއްގެ ގޮތުގައި ހުންނެވީ އިބޫ އެވެ.