overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

ލީޑަރުން މިނިވަންކޮށް، ބާރުތައް ހަވާލުކުރުން އިބޫ ގޮވާލައްވައިފި

ވެރިކަން ބަދަލުކުރުމުގެ އިންތިގާލީ މަރުހަލާ ލަސްނުކޮށް ފެއްޓެވުމަށް ރިޔާސީ އިންތިހާބު މިއަދު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު އެދިވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގަތް ތާރީހީ ކާމިޔާބީއަށްފަހު އިބޫ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ބަންދުގައި ތިއްބެވި ބޭފުޅުންތައް ދޫކޮށް، ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ގާނޫނުގައިވާ ގޮތުގެ މަތިން ލަސްނުކޮށް ފެއްޓެވުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވާ ކަމަށެވެ.

އިބޫ ވިދާޅުވީ، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި އިންސާފުގެ މަގަށް ކުރާ މަސައްކަތުގެ ފުރަތަމަ ކާމިޔާބީ މިއަދު ލިބިގެން ގޮސްފައިވާ ކަމަށެވެ. މަސައްކަތް ކުރައްވާނީ ރާއްޖެ ފަސާދަ އާއި އަނިޔާވެރިކަމާއި ބޭއިންސާފުން ސަލާމަތް ކުރުމަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

މިއަދު ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމަށް ނުކުތް ރައްޔިތުންނަށް އިބޫ ވަނީ ހާއްސަ ޝުކުރެއް އަދާ ކުރައްވާފަ އެވެ. އަދި އިދިކޮޅު ހަތަރު ލީޑަރުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި އިމްރާން އަބްދުﷲ އަދި ގާސިމް އިބްރާހިމް ގުޅިގެން ކުރެއްވި މަސައްކަތަށް ވެސް އިބޫ ތައުރީފު ކުރެއްވި އެވެ.

އިބޫ ވިދާޅުވީ ބޮޑު ކާމިޔާބީ ހޯދިފައިވަނީ ތަފާތު ފިކުރުތައް އެކުވެގެން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. ކުރިއަށް ވެސް ދާން ޖެހޭނީ ތަފާތުތައް އެއްކިބާކޮށް، އިންސާފުގެ މަގަށް ގައުމު ގެންދިޔުމަށް އިސްކަން ދީގެން ކަމަށް އިބޫ ވިދާޅުވި އެވެ.