overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އިންތިހާބު ކާމިޔާބުކުރެއްވި "ރައީސުންނަށް" އާދޭހާއި އެކު!

ވެދުން ސަލާލަށް ފަހު ދަންނަވަމެވެ!

އަޅުގަނޑުގެ ފުރަތަމަ ވާޖިބެއް ކަމުގައި ދެކެނީ، ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް އިހުލާސްތެރި މަރުހަބާ އާއި މުބާރަކުބާދީ ދެންނެވުމެވެ. އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެ، މިހާރު ބަލި ގަބޫލު ކުރައްވާފައިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވިގޮތަށް، ރައްޔިތުންގެ ނިންމުން ވަރަށް ސާފެވެ. އަސާސީ ހައްގުތައް އެންމެ ފުޅާމިނުގައި ރައްޔިތުން ބޭނުންވާކަން އެވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކޮށްފަ އެވެ. އަދި އިންސާފު ގާއުމުކުރުމުގެ މުހިންމުކަން ރައްޔިތުންނަށް އެނގޭ މިންވަރު އެވަނީ ވޯޓުން ބުނެދީފަ އެވެ. ކޮންކުރީޓު ތަރައްގީއަކުން އެކަނި ނުފުދޭކަން ވެސް ރައްޔިތުން ސާބިތުކޮށްދީފަ އެވެ.

އިންތިހާބުން ފުރިހަމަ ކާމިޔާބީއެއް ހޯއްދެވި އިއްޒަތްތެރި ސިޔާސީ ލީޑަރުންނެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތިޔަ ބޭފުޅުން ތަހަންމަލު ކުރައްވަންޖެހިވަޑައިގެންނެވި އުނދަގުލާއި، ހިތްދަތިކަމާއި، ވީ ގުރުބާނީ ރައްޔިތުން އެވަނީ ބަލައިގެންފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ތިޔަ ބޭފުޅުން ހައްގުގައި މިވަނީ ނުކުމެފަ އެވެ. ގައުމުގެ ކަންކަމުގައި ރައްޔިތުންނަށް ލިބިދޭ ހަމައެކަނި ބާރުގެ ފުރިހަމަ ބޭނުން ހިފައި، ރައްޔިތުން މި ވަނީ ގައުމު ތިޔަ ބޭފުޅުންގެ އަތްމައްޗަށް ހަވާލުކުރައްވާފަ އެވެ.

އިއްޒަތްތެރި ސިޔާސީ ލީޑަރުންނެވެ! ރައްޔިތުން ނިކުމެ އިބޫއަށް ވޯޓު ދިނުމަކީ އެ މަނިކުފާނަށް އެކަނި ދިން ވޯޓެއްނޫންކަން ތިޔަ އެންމެހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އިބޫއަށް ލިބުނު ވޯޓުތަކުގެ ތެރޭގައި ތިޔަ ހުރިހާ ބޭފުޅުންނަށް ލިބުނު ވޯޓުތައް ވެސް ހިމެނޭނެކަމީ ދެބަސްނުވެވޭނެ ކަމެކެވެ. މީގެ އިތުރުން، ސީދާ ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ތާއީދު ނުކުރި ނަމަވެސް، އިންސާފު ގާއިމުކުރުމަށާއި، ކޮރަޕްޝަނަށް ނޫނެކޭ ބުނި އެތަކެއް ހާސް ރައްޔިތުންނެއް ވާނެކަން ޔަގީނެވެ. އެކަން ހަނދުމަފުޅުގައި ބަހައްޓަވާށެވެ.

އިއްޒަތްތެރި ސިޔާސީ ލީޑަރުންނެވެ. އިސާހިތަކު ތިޔައިގެ ތެރެއިން ޖަލުގައި ތިއްބެވި ބޭފުޅުން މިނިވަންވާނެ އެވެ. ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުން އެނބުރި ގައުމަށް ވަޑައިގަންނަވާނެ އެވެ. ތިޔަ އެންމެހާ ބޭފުޅުންގެ އިސްތިގުބާލުގައި، މަރުހަބާ ކިޔަން އަޅުގަނޑުމެން ދާނަމެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އުފާފާޅުކުރުން އޮންނާނެ އެވެ. އެކަންވާންޖެހޭނީ ވެސް އެހެންނެވެ. ބޮޑު ކާމިޔާބީއެކެވެ. އުފާވާންޖެހޭ ސަބަބުތައް ބައިވަރެވެ. އަނެއްކާވެސް ހިތުގެ އެންމެ
ފުންމިނުން މަރުހަބާ އެވެ.

އިއްޒަތްތެރި ސިޔާސީ ލީޑަރުންނެވެ. މިހާރު ރައްޔިތުންގެ ހިތްތަކަށް ލިބިފައިވާ ހިތްހަމަޖެހުމާއި އުފާވެރިކަން، މަދު ދުވަސް ކޮޅެއްގެ ކަމަކަށް ނަހައްދަވާށެވެ. ސަބަބަކީ، ތިޔަ އެންމެހާ ބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާ ބޮޑުކަމުންނެވެ. ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ނުހަނު ބޮޑުވެފައި ބުރަ އެވެ. ރައްޔިތުން ބޭނުންވަނީ އިހުލާސްތެރިކަމެވެ. ތިޔަ ބޭފުޅުން ޖަލު ގޮޅިތަކަށް ލެވުނުހާ ފަސޭހައިން، މިނިވަން ވުމަކީ ފަނޑިޔާރުގެތައް މިނިވަންވުން ކަމުގައި ނުދެކޭށެވެ. ހަގީގީ އިންސާފު ގާއިމުކޮށްދެއްވާށެވެ. ދައުލަތުގެ މުއައްސަސާތައް މިނިވަންވުމަކީ ވަކި ބައެއްގެ ބާރާއި ނޫފޫޒު އޮތުން ކަމުގައި ނަހައްދަވާށެވެ.

އިއްޒަތްތެރި ސިޔާސީ ލީޑަރުންނެވެ. އިންތިހާބުގެ ނަތީޖާ އާއެކު، މިހާތަނަށް އެއްވެސް ސަރުކާރަކަށް ނުލިބޭފަދަ މިނިވަންކަމެއް ތިޔަ ބޭފުޅުންނަށް މިހާރު ތިވަނީ ލިބިފަ އެވެ. ރައްޔިތުންގެ އެންމެ ތާއީދާއި ލޯބި ލިބިފައިވާ ހުރިހާ ސިޔާސީ ލީޑަރުން ތި ތިއްބެވީ އެކުގަ އެވެ. މަޖިލީހުގައި މިހާރު އަޅުފައިވާ ތަޅުތައް ނައްޓާލައި، ސާފު އަގުލަބިއްޔަތާއި، މިނިވަންކަމާއެކު، ހަމަޖެހިލައިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ދޮރު އޮތީ ހުޅުވިފަ އެވެ. މިހުރިހާ ބާރުތަކާއި، އިހުތިޔާރުތަކުގެ ފުރިހަމަ ބޭނުން ހިއްޕަވާށެވެ. ހައްގުތައް ގެއްލޭ ގޮތަށް ހެދިފައިވާ ތާކުންތާކު ނުޖެހޭ ގާނޫނުތައް ކުރިން ވެސް އޮތްގޮތަށް ބަދަލުކޮށްދެއްވާށެވެ. ގާނޫނު އަސާސީއަށް ގެނެވުނު ބަދަލުތައް އަލުން މުރާޖައާ ކޮށްދެއްވާށެވެ. އެހެން ފަހަރުތަކެކޭ އެއްފަދައިން، މަގާމެއްގެ ދަހިވެތި ކަމުގައި، ނުވަތަ ބޭނުންވާ ފަޅު ރަށެއް ނުލިބިގެން ކޯލިޝަން ރޫޅުނަ ނުދެއްވާށެވެ.

ސަރުކާރުގެ "ބޯކިބާ" ބޭނުންފުޅުވާ ގޮތަކަށް ފަޅި ކުރައްވަންވީ އެވެ. ތަރައްގީވެސް ބޭނުމެވެ. ހައްގުތައް އިޔާދަވުން އެއަށްވުރެ މުހިންމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިގޮތަށް ރައްޔިތުން ބޭނުންނުވަނީ ވައްކަމެވެ. ކޮރަޕްޝަނެވެ. ދައުލަތުގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރި ނުވުމެވެ. ޖަޒީރާ ތަރައްގީތޯ ނޫނީ ކޮންކުރީޓު ތަރައްގީތޯ ބަލާކަށް މުހިންމެއްނޫނެވެ. މަޝްރޫއުތައް ހިންގަނީ ކޮންމެ ގައުމެއްގެ ކުންފުންޏެއްތޯ ބަލާކަށް ބޭނުންމެއް ނޫނެވެ. އިންޑިއާ ވިޔަސް ޗައިނާ ވިޔަސް ވަރިހަމަ އެވެ.

ކުރިންވެސް ދެންނެވި ފަދައިން ބޭނުންވަނީ އިހުލާސްތެރިކަމެވެ. ދެފުށް ފެންނަ ސިޔާސަތުތަކާއި، އެއްބަސްވުންތަކާއި ނިންމުންތަކެވެ. ކޮންމެ ކަމެއް ހިނގިއަސް ސަރުކާރު ހާމަކަންބޮޑު ގޮތެއްގައި ޖަވާބުދާރީ ވުމެވެ. ނުހައްގުން މީހުންގެ ހައްގުތައް ފޭރިނުގަތުމެވެ. ރޯމާ ދުވާލު ކެއުމެއް ކާލާހެން ބައިތުމާލު ކައިނުލުމެވެ.

އިއްޒަތްތެރި ސިޔާސީ ލީޑަރުންނެވެ. އިންތިހާބުގެ ނަތީޖާގެ ފަހަތުގައި އޮތް ރައްޔިތުންގެ އާދޭސް ރަނގަޅަށް އަޑުއައްސަވާށެވެ. ރައްޔިތުން ބޭނުންވަނީ އިންސާފެވެ. ސިޔާސީ ހަމަޖެހުމެވެ. އަމާން މުޖުތަމައު އެކެވެ. ތިޔަ ބޭފުޅުން ވެވަޑައިގެންނެވި ވައުދު ފުއްދަވައި ދެއްވާށެވެ. މި އާދޭސްގެ އަޑުއައްސަވާށެވެ.

އިހުތިރާމު ގަބޫލުކުރެއްވުން އެދެމެވެ!