ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ޕީޕީއެމްގެ އެއްވެސް މެންބަރަކު ނުފިއްލަވާނެ ކަމަށާއި ތިބޭނީ ޒިންމާދާރު އިދިކޮޅު ލީޑަރުންތަކެއްގެ ގޮތުގައި ކަމަށް ޕީޕީއެމް އިން ބުންޏެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބު އޮޅުވާލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ގެންދިޔަ ނަމަވެސް ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އަދި މިނިވަން އިންތިހާބެއް ބޭއްވި ސަރުކާރެއް ތަމްސީލު ކުރާ ޕާޓީއަކަށްވާތީ ފަހުރުވެރިވާ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް ގިނަ ތަރައްގީގެ މަޝްރޫއެއް ގެނައި ނަމަވެސް ރައްޔިތުން އިއްޔެ ނިންމި ގޮތުން މިވަނީ ބަލި ގަބޫލު ކުރަން ޖެހިފައި ކަމަށާއި ނަތީޖާ ގަބޫލުކޮށްގެން އިދިކޮޅު ބައެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހެންކަމުން ޕީޕީއެމްގެ އެއްވެސް އިސް ފަރާތެއް ނުވަތަ ރައީސް ޔާމީންއެއް ގައުމު ދޫކުރައްވާ ފިއްލަވާ ވަޑައިނުގަންނަވާނެ ކަމަށާއި އޭގެ ބަދަލުގައި ރައީސް ޔާމީން ނިންމަވާފައި ވަނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ރާއްޖޭގައި ތިބެގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން، ފިއްލަވައިގެން ނުދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރިން ވެސް ޕީޕީއެމް އިން އިދިކޮޅުގައި މަސައްކަތްކޮށްފައިވާނެ ކަމަށާއި ޒިންމާދާރު އިދިކޮޅު މަސައްކަތް ކުރާނެ ގޮތް ދައްކާލަނެ ކަމަށެވެ. އެގޮތުން މަޝްވަރާގެ މޭޒުން ހައްލު ކުރަން ޖެހޭ ހުރިހާ ކަމެއް އެގޮތުގެ މަތިން ހައްލު ކުރައްވާނެ ކަމަށާއި ނަމަވެސް މަގުމައްޗައް ނިކުނަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.